މޭ ހައެއްގެ ހަމަލާ: ދިފާއުން ހުށަހެޅި ބައެއް ހެކިންގެ ތެރޭގައި ސީރިއާއަށް ދާން އުޅުނު ކަމަށް ތުހުމަތުވާ ބައެއް

ކވ. އަދުހަމް އަހްމަދު ރަޝީދު، ތަހުމީނު އަހްމަދު، މުޖާޒް އަހްމަދު، އަހުމަދު ފާތިހު: ހައެއް މޭގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ބައެއް މީހުން ----

މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ދައުވާ އުފުލާފައިވާ ބައެއް މީހުންގެ ދިފާއުގައި ހުށަހެޅި ހެކިންގެ ތެރޭގައި, ސީރިއާއަށް ހަނގުރާމައަށް ދާން މަސައްކަތް ކުރިކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ހިމެނިއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ ޝަރީއަތް ކުރިއަށްގެންދެއެވެ. އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމްގެ އިތުރުން އެ މައްސަލާގައި ދައުވާކޮށްފައި ވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްއާއި ދަފްތަރު 6231 ޙަސަން ޔާސީން އާއި ހުޅުމާލެ 07-3-56، މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތާއި ދިފާއިން ވަނީ ހެކިން ހުށަހަޅާފައެވެ.

އެގޮތުން ދިފާއުން ވަނީ ހާދިސާ ހިނގި ތަނުގައި އެ މީހުން ނެތް ކަން ސާބިތުކޮށްދިނުމުގެ އިތުރުން އެ މީހުންގެ މައްޗަށް ތުހުމަތުކުރާ ކުށް ނުކުރާކަން ހާމަކޮށްދިނުމުގެ ގޮތުން ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

އޭގެތެރެއިން ހައިޝަމް ފަރާތުން ހަތް ހެއްކެއް ހުށަހެޅިއިރު ތިން މީހުންނަކީ 2017 ވަނަ އަހަރު ސީރިއާއަށް ހަނގުރާމައަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި އަތުލައިގެނެގެން މާލެ ގެނައި ބަޔެކެވެ. އެއީ އަޙްމަދު އަފްޒަލް އާއި މުޙައްމަދު ނަބީހުގެ އިތުރުން އާދަމް ފަރުހާނެވެ. އެ ތިން މީހުންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލި ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

ހައިޝަމްގެ މައްޗަށް ތުހުމަތުކުރަނީ ރައީސް ނަޝީދު ގޮއްވާލުމަށް ސައިކަލުގައި ބޮން ހަރުކުރިކަމަށެވެ. ހައިޝަމްގެ ފަރާތުން ހަތް ހެކި ހުށަހަޅާފައިވަނީ އެ ކުށް އޭނާ ނުކުރާކަން ސާބިތު ކޮށްދިނުމަށެވެ.

ހައިޝަމްގެ ފަރާތުން ހުށަހެޅި ހަތް ހެކިންގެ ހެކިބަސް ނެގުމަށް ޝަރީއަތުން ނިންމި ނަމަވެސް ތަހުމީނާއި އިސްހާގާއި މުޖާޒު އަދި ފަހުމީގެ ފަރާތުން ހުށަހެޅި ގިނަ ހެކިތަކެއް ބަލައި ނުގަތުމަށް ޝަރީއަތުން މިއަދު ވަނީ ނިންމާފައެވެ. އެއީ ދީފައި އޮތް މުއްދަތުގެ ތެރޭގައި ކޯޓަށް ހެކި ހުށަހަޅާފައި ނެތުމުންނެވެ.

ނާޒިމްގެ ފަރާތުން ހުށަހެޅީ ދެ ހެކިންނެވެ. އޭގެ ތެރެއިން އެއް ހެކި ބަލައި ނުގަތުމަށް ޝަރީއަތުން ނިންމިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވެސް ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އަދި އޭގެ ތެރެއިން ސިއްރުކުރަން އެދުނު ހެކިތައް ސިއްރު ކޮށްދިނުމަށް ވެސް ޝަރީއަތުން ނިންމިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނަވަނީ ގާޒީ އާދަމް މުޙައްމަދެވެ. ދެން ބެންޗުގައި ތިއްބަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުޙައްމަދު މިސްބާހުއެވެ.

އުފުލާފައިވާ ދައުވާތައް:

ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމާއި، އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި އަދި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.

މުޖާޒުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

ހައިޝަމަށް ޖުމްލަ ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގޮވާ ތަކެތި އެހެންތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.

އިސްހާގަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ, ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާއެވެ.

ފަހުމީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާއެވެ.

comment ކޮމެންޓް