ހިޔާ ފްލެޓަށް ކުލި ނުދައްކާ މީހުން ޖޫރިމަނާ ދެއްކުމަށް އަންގައިފި

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލެ ފޭސް 2 ގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ކުލި ނުދައްކާ މީހުން ޖޫރިމަނާއާއެކު ކުލި ދެއްކުމަށް, ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މީގެ ކުރިން ޖޫރިމަނާ ކުރާނެ ކަމަށް އަންގާފައިވާނެ ކަމަށެވެ. އަދި މިހާރު ޖޫރިމަނާ ދެއްކުމަށް އަންގައި ސިޓީ ފޮނުވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ފަހަރެއްގެ މަތިން ލަސްކުރުމަށް ފަހު، ހިޔާ ފްލެޓުތަކުން ކުލި ނަގަން ފަށާފައިވަނީ ފާއިތުވި އޭޕްރީލް މަހުން ފެށިގެންނެވެ. އެއާއެކު ބައެއް ފަރާތްތަކުން އަންނަނީ ކުލި ނުދެއްކުމަށް ގޮވާލާ ޝުއޫރު ފާޅުކުރަމުންނެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދެއްކުމަށް ބާރުއަޅާ މީސްމީޑިއާގައި ވާހަދައްކާ ފަރާތްތަކުގެ މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނީ ގޮތުން ހެދިފައިވާ އެއްބަސްވުމަކާ ހިލާފުވުމަށް ގޮވާލުމަކީ ކުށެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި، ހިޔާ ފްލެޓުތަކުން ކުލި ނެގުމަށް އެޗްޑީސީއަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް