ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑު ފަސް ފަރާތަކަށް ދީފި

ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑު ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޕްރޮމިސް ޕްރޮޖެކްޓުގެ ފަރާތުން ފުރަތަމަ ފަހަރަށް ބޭއްވި "ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑު" ފަސް ފަރާތަކަށް ދީފިއެވެ.

މި އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި، އެންމެ ރަނގަޅު އުސޫލުތައް ގެންގުޅޭ ކުދި، މައިކްރޯ އަދި މީޑިއަމް އެންޓަޕްރައިސަސް (އެމްއެސްއެމްއީ)ގެ މަސައްކަތްތައް ފާހަގަކުރުމަށް "ޕްރޮމިސް ޕްރޮޖެކްޓު"ން ދޭ އެވޯޑެކެވެ.

މިފަހަރު ސަސްޓެއިނަބިލިޓީ އެވޯޑު ދީފައިވަނީ އިންޑިއާގެ ކެރެލާގައި ހުންނަ ޖެލީފިޝް ވޯޓާ ސްޕޯޓްސް ޕްރައިވެޓު ލިމިޓެޑަށާއި ސްރީލަންކާގެ ޖެކްވިންގް ލައިޓްހައުސްއަށާއި ރަވާނާ ގާޑެން ޕްރައިވެޓް ލިމިޓެޑަށާއި ރާއްޖޭގައި ހުންނަ ސްކޫބާ ސްޕާއަށާއި ކ. ތުލުހުސްދޫގައި ހުންނަ އޯޝަން ކޮޓޭޖްއަށެވެ.

ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑު ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ އެވޯޑު ދިނުމަށް ރޭ ބޭއްވި ހަފްލާގައި "ވޯލްޑު އޯޝަންސް" ޑޭ ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޕްރޮމިސް ޕްރޮޖެކްޓުގެ މެނޭޖަރު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ ވޯލްޑް އޯޝަން ޑޭ ފާހަގަކުރުމުގެ މުހިންމުކަން އެނގެންޖެހޭ ކަމަށެވެ. އަދި ތަރައްގީގެ ބޮޑު ދައުރެއް އަދާ ކުރާ އެއްޗަކީ ވަށައިގެންވާ ކަނޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖެ ފަދަ ކުދި ގައުމުތައް ބަރޯސާ ވާން ޖެހެނީ ވަށައިގެންވާ ކަނޑަށް. ގައުމުގެ ތަރައްގީއާ އިގުތިޞާދީ ގޮތުން ނަފާ ހޯދުމަށްވެސް ކަނޑުތަކަކީ މުހިންމު ދައުރެއް އަދާ ކުރާ އެއްޗެއް،" އޭނާ ވިދާޅުވިއެވެ.

ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑު ހަފްލާގެ ތެރެއިން ޕްރޮމިސް ޕްރޮޖެކްޓުގެ މެނޭޖަރު ޑރ. އަބްދުﷲ ނަޒީރު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވިއެވެ. އެގޮތުން ކަނޑުތަކަށް ބަލަން ޖެހޭ ކަމަށާއި ގެއްލުން ލިބޭ ގޮތަށް މީހުންގެ އަމަލުތައް ނުބެހެއްޓުމަކީ މުހިންމު ކަމެއްކަމަށް އެކަނިކުފާނު ވިދާޅުވިއެވެ. ކަނޑުތަައް ރައްކާތެރި އަދި ސަލާމަތްތެރި ތަންތަނަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"އެންމެ ގެއްލުންދޭ އެއްޗަކީ ޕްލާސްޓިކް. އަންނަ އަހަރު ގިނަ ބާވަަތްތަކެއްގެ ޕްލާސްޓިކް އެއްކޮށް ރާއްޖެ އެތެރެ ކުރުން މަނާ ވާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑު ހަފްލާގައި ނައިބުރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ އަށް ވަނަ ދުވަސް "ވޯލްޑް އޯޝަން ޑޭ" ނުވަތަ ދުނިޔޭގެ ކަނޑުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ.

ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑަށް މުޅި ޖުމުލަ 30 ފަރާތަކުން ވާދަކުރި އިރު އެ އެވޯޑު ލިބޭ ފަސް ފަރާތް ކަނޑައެޅީ ކަމުގެ ތަޖުރިބާކާރުންގެ ޕެނަލްއަކުންނެވެ.

"ޕްރޮމިސް" މަޝްރޫއަކީ ލަކްޝަދީބު ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންގެ ސްވިޗް އޭޝިޔާ ޕްރޮގްރާމް މެދުވެރިކޮށް، ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ ގޮނޑުދޮށްތަކާއި ކަނޑުގެ އައްސޭރިފަށުން ކުނި މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް