ކުނޫޒުގައި ޖަލްސާއެއް ކުރިއަށް ދަނިކޮށް އައިއީޑީއެއް ގޮއްވާލަން ރޭވި: ދައުލަތް

25 މާޗް 2017: ޖުމްހޫރީ ޕާޓީ އިން މ.ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި އޭރުގެ އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒުގައި ޖަލްސާއެއް ހިންގަމުން ދަނިކޮށް އައިއީޑީއެއް ގޮއްވާލަން ރޭވިކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ, ގދ. މަޑަވެލި, ގަމަރީ އިއުތިސާމް މުހައްމަދު ސައީދު އާއި ހއ. ހޯރަފުށި, އަލަނާސިގެ މުހައްމަދު ތަސްލީމް އާއި ހަމަ އެ ރަށު ވިދުވަރުގެ ނާސިއު މުހައްމަދުގެ އިތުރުން ހދ. ނައިވާދޫ, ރިވެލި، ޝިމާން ޝަރީފްއެވެ.

https://sun.mv/89181

އެ މީހުން ހައްޔަރުކޮށް ފުލުހުން ވަނީ, މއ. ކިނާރާހައުސް އާއި އެގޭގެ ކުރިމަތިން އޮންނަ އެނބޫގޯޅީގައި ހުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އޮފީހަކާއި މއ. ނަމޫނާގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ.

ދޭން އުޅުނު ހަމަލާ ނާކާމިޔާބު ކޮށްލުމަށްފަހު ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އިއުތިސާމް އާއި ތަސްލީމް ވަނީ އޭރު ޝަރީއަތް ފެށުމުގެ ކުރިން ދޫކޮށްލާފައެވެ. މި ފަހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މޭ ހައެއްގެ ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ހަތަރު މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ ޓެރެރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ކުށުގެ ދައުވާއެވެ.

ހަތަރު މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވަމުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލް ވިދާޅުވީ އެ މީހުން ރާވަމުން ދިޔައީ, ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒުގައި ޖަލްސާއެއް ހިންގަމުން ދަނިކޮށް އައިއީޑީއެއް ގޮއްވާލަން ކަމަށެވެ.

އެކަމަށް ތައްޔާރުވުމުގެ ގޮތުން އައިއީޑީތަކެއް ހެދުމަށް ބޭނުންވާ ކެމިކަލް ހުރީ އެއްކޮށްފައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ކުނޫޒުގައި ގޮއްވާލަން ރާވާފައި އޮތް އައިއީޑީ ތައްޔާރު ކުރުމަށް މަސައްކަތް ކޮށްފައިވަނީ މޮހޮރާއި ރޭޒަރު ތިލަ ބޭނުންކޮށްގެން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

ކުނޫޒުގައި ބޮމެއް ގޮއްވާލުމަށް އެ މީހުން ރޭވި ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާއިރު, އެ ހަތަރު މީހުން ހައްޔަރުކުރި ދުވަސްވަރަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ ފަރާތްތައް ތައްޔާރުވަމުން އައި ދުވަސްވަރެވެ.

ކުނޫޒުގައި ސިލްސިލާކޮށް އޭރުގެ އިދިކޮޅު ފަރާތްތައް ބާއްވަމުންދިޔަ ޖަލްސާތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވަމުންދިޔައިރު މިހާރުގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު ވެސް އެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް