ފައްޔާޒުގެ ވައުދާ އެއްގޮތަށް، އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިހާބު ބާއްވަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިހާބު ބާއްވަން ތައްޔާރުވެއްޖެއެވެ.

އެމްޑީޕީގެ 'އިސްލާމީ މަޝްވަރާ މަޖިލިސް' އަލުން އެކުލަވާލައި، ހިންގަން ފެށުމަކީ ފައްޔާޒުގެ ކެމްޕެއިން ވައުދެކެވެ. އެކަން އެގޮތަށް ކުރައްވާނެ ކަަމަށް ފައްޔާޒު ވިދާޅުވީ، ޗެއާޕާސަން ކެމްޕޭންގައި ރ. ދުވާފަރަށް ވަޑައިގެންނެވުމަށްފަހުގައެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ މެންބަރުންގެ ތެރެއިން، އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލާން ބޭނުންވާ، އެކަމަށް ޝަރުތުހަމަވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.

އެ މަޖިލީހަށް ކުރިމަތިލުމަށް އެދި ގޫގުލް ފޯމު ފުރިހަމަ ކުރުމަށްފަހު، ޕާސްޕޯޓް ފޮޓޯއަކާއި އައިޑީ ކާޑުގެ ކޮޕީއެއްގެ އިތުރުން، އެޓެސްޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ޕީޑީއެފް އެޓޭޗް ކުރުމަށްފަހު، މި މަހުގެ 16ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

އެމްޑީޕީގެ އަސާސީ ޤަވައިދުގައި ބުނާ ޝަރުޠުތަކުގެ ތެރޭގައި، އެ މަޖިލީހަށް ކުރިމަތިލާ މީހަކީ އިސްލާމިކް ޔުނިވާސިޓީއަކުން ތައުލިމީ ސެޓްފުކެޓެއް ލިބިފައިވާ ނުވަތަ އެފެންވަރަށް ކިޔަވާފައިވާކަމުގެ ލިޔުމެއް އިސްލާމިކް ޔުނިވާސިޓީއަކުން ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށާއި އަދި އިސްލާމް ދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވާ މީހަކަށް ވާން ޖެހޭކަން ހިމެނެއެވެ.

އޭގެ އިތުރުން ހުންނަން ޖެހޭ ޝަރުތުތަކަކީ:-

  • ދީނީ ތަޤުރީރުކުރުމުގެ ހުއްދަ ލިބިފައިވުން
  • ހާފިޒުކަމުގެ ސަނަދު އޮތުން
  • އިމާމް ކޯހުން ނުވަތަ ޤާޟީ ކޯހުން ފާސްވެފައިވުން

ކެމްޕޭނުގައި ފައްޔާޒު ވިދާޅުވީ، ޗެއާޕާސަންގެ މަގާމާ ހަވާލު ވުމަށްފަހު އެންމެ ފުރަތަމަ ކުރާނެ ކަމަކީ، އިސްލާމް ދީނުގެ މަޝްވަރާ މަޖިލީޙުގެ އިންތިހާބަށް ގޮވާލުން ކަމަށެވެ.

އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް އެންމެ ފަހުން ބޭއްވީ 2011 ވަނަ އަހަރެވެ.

comment ކޮމެންޓް