ރާއްޖޭގެ ތަރައްގީގެ މަޝްރޫތައް މަޑުޖައްސާލަން ޖެހޭ ހާލަތެއް ނެތް: އެގްޒިމް ބޭންކް

ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރަމުންދާ ސަރަހައްދު -- ސަން ފޮޓޯ/ ނާއިލް ހުސައިން

މުމްބާއީން އަޙްމަދު ސާއިލު އަލީ

ކޮވިޑަށް ފަހު ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު، ޓޫރިޒަމްގެ ހާލަތު ރަނގަޅު ވެފައިވާތީ ރާއްޖޭގެ ތަރައްގީގެ މަޝްރޫތައް ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށް، އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެގްޒިމް)އިން ބުނެފިއެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާ އެކު ރާއްޖޭގެ ދައުލަތުގެ ދަރަނި 98 ބިލިއަން ރުފިޔާއަށް މިވަނީ އަރައިފައެވެ. އެއާއެކު ދަރަނި ނުދެއްކި ސްރީލަންކާއަށް ޖެހުނު ހާލު ޖެހިދާނެ ކަމަށް ބުނެ ތަޖުރިބާކާރުން އަންނަނީ އިންޒާރު ދެމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިމެނޭ ގޮތަށް ބައެއް ބޭފުޅުން ގެންދަވަނީ މި ވަގުތަކީ ތަރައްގީގެ މަޝްރޫއުތައް ހިންގަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވިދާޅުވަމުންނެވެ.

މިދިޔަ ހަފްތާގައި ދިވެހި 19 ނޫސްވެރިން އިންޑިއާއަށް ކުރި ރަސްމީ ދަތުރުގެ ތެރެއިން މުމްބާއީގައި ހުންނަ އެގްޒިމް ބެންކުގެ މައި އޮފީހުގައި އެ ބެންކްގެ ވެރިން ވަނީ ނޫސްވެރިންނާ ބައްދަލު ކޮށްފައެވެ. އިންޑިއާގެ އެގްޒިމް ބެންކަކީ ރާއްޖޭގައި މިހާރު ހިންގާ ތަރައްގީގެ މަޝްރޫތަކަށް އެންމެ ގިނަ ލޯން ދެމުން އަންނަ ބެންކެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖާއި ހުޅުމާލޭގައި ހަދަން ނިންމާފައިވާ ކްރިކެޓް ދަނޑެއްގެ އިތުރުން އެފަދަ އެތައް މަޝްރޫއެއް ހިމެނެއެވެ.

އެގްޒިމް ބޭންކުގެ ލޯން އެއްބަސްވުމެއްގައި ރާއްޖެއާއި އެ ބޭންކާ ދެމެދު ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ

ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ދިވެހި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރުމިތު ވެޑް ވިދާޅުވީ ރާއްޖޭގައި އެ ބެންކްގެ ލޯނުން ހިންގާ މަޝްރޫއުތަކަކީ ކުރިމަގުގައި އިގުތިސާދީ ގޮތުން ރާއްޖެއަށް ފައިދާ ވާނެ ކަންކަން ކަމަށެވެ. އެހެން ކަމުން މި ހާލަތުގައި އެ މަޝްރޫތައް ނުހިންގަންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވުމުން ދިވެހި ނޫސްވެރިން އެންމެ ބޮޑަށް ފެންމަތި ކުރުވީ ހުޅުމާލޭގައި އެ ބެންކްގެ ލޯނުގައި އަޅާ ކްރިކެޓް ސްޓޭޑިއަމްގެ ވާހަކައެވެ. ރާއްޖެއަކީ ކްރިކެޓްގެ ފޯރި ކުޑަ ގައުމަކަށް ވާއިރު އެ ސްޓޭޑިއަމްގެ ސަބަބުން އިގްތިސާދީ ފައިދާއެއް ރާއްޖެއަށް ލިބޭނެ ގޮތެއް ނުވިސްނޭ ކަމަށް ނޫސްވެރިން ފާހަގަ ކުރިއެވެ.

އެކަމަށް ރައްދު ދެއްވައި ނިރުމިތު ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމްގެ ފައިދާ ނެގިދާނެ ކަމަށެވެ. އެގޮތުން ކުރިމަގުގައި އިންޑިއާގެ ކްރިކެޓް ލީގު މެޗްތައް ރާއްޖޭގައި ބާއްވައިގެން އެ ދަނޑުގެ ނަފާ ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއީ އިގްތިސާދީ ގޮތުން ދެކޮޅު ނުޖެހޭ ޕްރޮޖެކްޓެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކަހަލަ މެޗެއް ބޭއްވީމަ ސްޕޯޓްސް ޓޫރިޒަމް ކުރިއަރާނެ. ކިތަންމެ ބަޔަކު ރާއްޖެ ދާނެ މެޗް ބަލަން. ގޮސް ހޮޓާތަކުގައި ތިބޭނެ. މިއީ އިގްތިސާދަށް ވަންނާނެ ފައިސާ،" ނިރުމިތު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ބޭންކުން ފައިސާ ދޫކުރަނީ ދިވެހި ސަރުކާރުން އެދޭ މަޝްރޫއުތަކަށް އެކަނި ކަމަށެވެ. އެގޮތުން ރާއްޖެއަށް 1.2 ބިލިއަން ޑޮލަރާ ހަމައަށް ލޯން ދޫކުރަން ނިންމާފައިވާއިރު މިހާތަނަށް ދޫކޮށްފައިވަނީ އޭގެ ތެރެއިން 133 މިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް އެ ބެންކުން ފައިސާ ދޫކުރަނީ އަވައްޓެރި ގައުމަކަށް ވީތީ އެހީތެރިވުމުގެ ގޮތުން ކަމަށާއި ކުރިމަގުގައި ވެސް ރާއްޖެއަށް އިގްތިސާދީ ގޮތުން އެ ބޭންކުން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ ހާލަތު ގޯސްވިޔަސް އެ ބެންކުގެ އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް