ރަޝިޔާގެ ގައުމީ އެއާލައިން، އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް މުޙައްމަދު މިއަދު "ސަން"އަށް ވިދާޅުވީ މި މަހުގެ 10ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ހަ ދުވަހު ދަތުރުކުރާނެކަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް އެ އެއާލައިނަށް ވަނީ ހަފްތާއަކު ހަތް ދުވަހު، ދުވާލަކު އެއް ދަތުރު ކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް، މިހާތަނަށް އޭރޯފްލޮޓުން ހަފްތާއަކު ކުރަމުން ދިޔައީ ހަތަރު ދަތުރު ކަމަށް އިބްރާހީމް ވިދާޅުވިއެވެ.
މިދިޔަ މާޗުމަހުގެ އަށްވަނަ ދުވަހު އޭރޯފްލޮޓުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލިއިރު، ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ.
މޮސްކޯއާއި، މާލެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނުގެ ދަތުރުތައް ހުއްޓާލުމުން އެ މާކެޓު 70 އިންސައްތައަށް ދަށްވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 24ން މާޗު މަހުގެ ދިހަވަނަ ދުވަހާ ދެމެދު ރާއްޖެއަށް ރަޝިޔާއިން 8513 ފަތުރުވެރިން އަޔެވެ. އޭރޯފްލޮޓުގެ ދަތުރުތައް ހުއްޓާލި ފަހުން މާޗު މަހުގެ 16 އާއި 30އާ ދެމެދު ރާއްޖެ އައީ އެންމެ 2717 ފަތުރުވެރިންނެވެ.
މިދިޔަ މަހުގެ 14ވަނަ ދުވަހު އެ އެއާލައިނުގެ ދަތުރުތައް އަލުން ފެށުމާއެކު، ރަޝިޔާއިން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ވަނީ އަނެއްކާ ވެސް އިތުރުވާން ފަށާފައެވެ.
މިދިޔަ މަހުގެ 12ވަނަ ދުވަހާއި 26ވަނަ ދުވަހާ ދެމެދު އެ ގައުމުން ރާއްޖެއަށް އައީ 2012 ފަތުރުވެރިންނެވެ. މިދިޔަ މަހުގެ 26ން ފެށިގެން މި މަހުގެ ދެވަނަ ދުވަހާ ހަމައަށް ރަޝިޔާއިން ރާއްޖެއައި ފަތުރުވެރިންގެ މިންވަރު ވަނީ 4543އަށް އިތުރުވެފައެވެ.
އޭރޯފްލޮޓުގެ ދަތުރުތައް އިތުރުކުރަން ނިންމި ކަމުގައި ވިޔަސް، ބައިނަލްއަގުވާމީ ދަތި ކުރުމުގެ ފިޔަވަޅުތަކާ ހެދި ރަޝިޔާ މާކެޓު މި ވަގުތު އޮތީ ނާޒުކު ފައްތަރެއްގައެވެ.