އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން، އެވިޑުން ހިލޭ އައިޓީ ކޯސްތަކެއް

އެވިޑް ކޮލެޖުން އިކޮނޮމިކް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ތެރެއިން ---

އިކޮނޮމިކް މިނިސްޓްރީގެ ކޮވިޑް އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން، އައިޓީ ދާއިރާގެ ކޯސްތަކެއް ހިންގުމަށް އެވިޑް ކޮލެޖުން އެ މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއާމަން ޢަބްދުﷲ މުޝްތާޤެވެ.

އެވިޑުގެ އިތުރުން އިތުރު ފަސް މަރުކަޒަކާއެކު، އިއްޔެ މިނިސްޓްރީން ވަނީ އެއްބަސްވުން ގާއިމުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އައިސީޓީގެ ދާއިރާއިން ޖުމްލަ ހަތަރު ކޯހެއް އެ ޕްރޮޖެކްޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވެއެވެ. އެ ކޯސްތަކަކީ:

  • ކްލައުޑް އެންޑް ސައިބާ ސެކިއުރިޓީ
  • މަލްޓިމީޑިއާ
  • ސާވާ އެންޑް ނެޓްވޯކިން
  • ވެބް ޑިޒައިން އެންޑް ޑިވެލޮޕްމަންޓް

އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރު ޢަލީ ރަޝީދު "ސަން"އަށް ވިދާޅުވީ މި ޕްރޮގްރާމްތައް މާލެއާއި، ތިނަދޫގެ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އޭގެ އިތުރުން ވެސް އެބަ ބަލަން ބޮޑެތި ބައެއް ރަށްރަށުގައި އެ ޕްރޮގްރާމްތައް ހިންގޭތޯ،" އޭނާ ވިދާޅުވިއެވެ.

ކޮވިޑް އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮގްރާމްތަކަށް ފީއެއް ދައްކާކަށް ނުޖެހެއެވެ. އަދި، އެ ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންނަށް 5000-6000 ރުފިޔާގެ އެލަވަންސެއް ވެސް އަންނަނީ ދެމުންނެވެ.

comment ކޮމެންޓް