ދެވަނަ ފަހަރަށް ނެގި ވޯޓުން ވެސް ޝަހުބާން ވަކި ކުރަން ފާހެއް ނުވި

އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ-- ފޮޓޯ: އެމްއެމްސީ

މަނީ ލޯންޑަރިންގެ މައްސަލައެއްގެ ތުހުމަތު ކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ އެ މަގާމުން ވަކި ކުރަން ދެވަނަ ފަހަރަށް ނެގި ވޯޓު ވެސް ނާކާމިޔާބުވެއްޖެއެވެ.

އެމްއެމްސީން ބުނީ އެ ކައުންސިލުން ރޭ ބޭއްވި ކުއްލި ޖަލްސާއެއްގައި، ޝަހުބާންއަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން އޭނާ މަގާމުން ދުރުކުރުމަށް ދެވަނަ ފަހަރަށް ވޯޓެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ވޯޓު ލުމުން ވެސް އޭނާ މަގާމުން ވަކި ކުރަން ފާސްނުވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެމްއެމްސީގެ ގަވާއިދު އޮންނަ ގޮތުން އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރުމަށް މަދުވެގެން 10 މެންބަރުންގެ ވޯޓު ބޭނުންވެއެވެ. ނަމަވެސް ރޭ ނެގި ވޯޓުގައި ޝަހުބާން މަގާމުން ދުރުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

އެކަމާ ބެހޭ ގޮތުން މިދިޔަ މަހުގެ 23ގައި ނެގި ވޯޓުގައި ޝަހުބާން މަގާމުން ވަކި ކުރަން ވޯޓު ދީނީ އަށް މެންބަރުންނެވެ.

ޝަހުބާންއަށް އަމާޒުވެފައިވާ ބޮޑެތި ތުހުމަތުތަކާއެކު އެމްއެމްސީގެ ގިނަ މެންބަރުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ކައުންސިލް ރައީސްގެ މަގާމުން ޝަހުބާން އިސްތިއުފާ ދިނުމަށް ގޮވާލައި އެމްއެމްސީގެ ނުވަ މެންބަރުންގެ ސޮޔާއެކު ގަރާރެއް ވެސް ވަނީ ނެރެފައެވެ.

އެ ގަރާރުގައި ވަނީ ދިވެހި މީޑިއާގެ އަޚްލާގީ ހަމަތައް ކަނޑައަޅައި އަދި މީޑިއާގެ ބެލެނިވެރި މުއައްސަސާއެއްގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކަށް އެފަދަ ތުހުމަތުތަކެއް ކުރެވުމަކީ މުއައްސަސާގެ އަގު ހިފެހެއްޓުމުގެ ގޮތުން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އެ ކައުންސިލުގެ އަޣުލަބިއްޔަތު މެންބަރުން ގަބޫލުކުރާ ކަމަށެވެ.

comment ކޮމެންޓް