ކަލާގެ ލޯބިން... 50 (ފަހުބައި)

"ހޫމްމް... އެބަހުރި..." ޝާލިން އެއްބަސްވިއެވެ.

"ކާކު؟..." ބޭއިހުތިޔާރުގައި ޒިވިއަންއަށް އަހައިލެވުނެވެ.

********

"ކިހިނެއްވީ؟..." ޝާލިންވެސް ކޮށްލީ ސުވާލެކެވެ.

"ކަމެއް..ނުވޭ..." ޒިވިއަން އިސްޖަހައިލިއެވެ.

ޝާލިން އިނީ އެތެރެއިން ހީލަހީލައެވެ. ގަސްދުގައި ޒިވިއަން ތަޅުވައިލަން އޭނާ ބޭނުންވީއެވެ. އެހާ ދުވަސްކޮށްފައި ޒިވިއަން އެނބުރި އައުމުން، ދެރަކޮށްލަން އޭނާގެ ހިތް އެދުނީއެވެ.

"އަހަރެންގެ ހަޔާތުގަވެސް ދެން ކޮންމެސް މީހެއް ހުރެދާނެދޯ..." ޝާލިން ތެދުވިއެވެ. އޭނާ ގޮސް ހުއްޓިލީ ރާޅުފަށުގައެވެ.

"އަހަރެން މާ ލަސްވީތަ؟..." ޝާލިންގެ ފަހަތުން ގޮސް ކައިރީގައި ހުއްޓިލަމުން ޒިވިއަން ސުވާލުކުރިއެވެ. "ނޫނީ އަހަންނަށް ފުރުސަތެއް ދޭން ޝާލް ބޭނުން ނޫނީތަ؟..."

"އަހަންނަށް ހީވަނީ ޒިވިއަން ހެން އަހަންނަށް ފުރުސަތެއް ނުދޭން އުޅެނީ..." ޝަކުވާގެ ރާގަކަށް ޝާލިން ބުނެލިއެވެ.

"އޭނ؟..." ޒިވިއަންއަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އަހަރެންގެ ހަޔާތަށް އައި މީހަކީ ތީ... އަހަރެން ލޯބިވާ މީހަކީވެސް ތީ... އެމީހެއްގެ އިންތިޒާރުގަ އަހަރެން މިހާ ދުވަހު މަޑުކޮށްގެން ހުރި މީހަކީވެސް ހަމަ ތީ...." ޝާލިން ޒިވިއަންގެ މޫނަށް ބަލައިލީ ތަރުޖަމާކޮށްލާ ފަދައިންނެވެ.

އެހުރިހާ ދުވަހު ހިތުގައި ރައްކާކޮށްފައިވާ ޖުމްލަތައް ޒިވިއަންގެ ކުރިމަތީގައި ހާމަކުރަން މިއަދު ޝާލިން ފަހެއް ނުޖެހުނެވެ. އަނެއްކާވެސް ޒިވިއަން ގެއްލެން އޭނާ ބޭނުން ނުވީއެވެ. ދެލޯ ބޮޑުކޮށްގެން ޝާލިންއަށް ބަލަން ޒިވިއަން ހުއްޓެވެ. ދެން ހަދަންވީގޮތެއްވެސް ނޭނގިފައެވެ.

"ކީއްވެތަ އެހާ ލަހުން ތިއައީ؟... ހަމަ އެހާ ވަރަށް އަހަރެން ތަޅުވަން ބޭނުންތަ؟... ޒިވިއަންގެ މަތިން ހަނދާން ނައްތާލަން ކިތައް ދުވަހު އަހަރެންގެ ހިތަށް އެރިކަން އެނގޭތަ؟... އެހެން މީހަކު އަހަރެން ގެންދިޔަނަމަ..." ޝާލިން ޝަކުވާކޮށްލިއެވެ.

އުފަލުން ގޮސް ޒިވިއަންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ޝާލިންގެ ދެއަތުގައި ހިފައި ގެންގޮސް މޭގައިޖައްސައިލިއެވެ.

"މިހާރު ތީ އަހަރެންގެ މީހެއް... ހަމައެކަނި އަހަރެންގެ..." ޒިވިއަން އަވަސްއަވަހަށް ބުންޏެވެ.

ޝާލިން މަޑުން ހުރެފައި ހިތުގެ ހާލު ޒިވިއަންގެ ކުރިމަތީގައި އޮއްސާލުމުން، ޒިވިއަންއަށް ހީވީ އުޅެވުނީ ހުވަފެނެއްގެ ތެރޭގައި ކަމަށެވެ. ހަމަބިމަށް އާދެވުމުން އޭނާގެ ހިތަށް ފަރުވާ ލިބުނުކަމުގެ އިހުސާސް ކުރެވުނެވެ. އެންމެންނާއި ދުރުގައި، ރާއްޖެއިން ބޭރުގައި ޒިވިއަން ހޭދަކުރި ދަތި އުނދަގޫ ދުވަސްތަކަށް ނިމުން އައީ އޭނާ އުއްމީދުކުރިފަދަ އުފާވެރިގޮތަށެވެ.

********

"އަހަރެންވެސް ބޭނުން ބޭބީއެއް ހޯދަން..." މާކިންގެ އަތުގެ ތެރޭގައި ހުރި ވިޝްކާ ތުންކޮޅު ދަމައިލިއެވެ. "ހިނގާބަލަ އަވަހަށް މެރީކުރަން.... އަންނަ މަސް އަންނަންދެން ދެން ނުހުރެވޭނެ..."

މާކިން ވިޝްކާގެ މޫނާއި ދިމާއަށް ގުދުވެލިއެވެ. ދެ އިނގިލި ކުރިން ނޭފަތުގައި ހިފައި، މަޑުމަޑުން ފިތައިލިއެވެ.

"މީ ހާދަ ކެތްތެރިކަން ކުޑަ ކުއްޖެކޭ..." މާކިން ދިމާކުރިއެވެ.

"ހެޔޮއޭ..." ވިޝްކާ ތުއިވެލިއެވެ. ބޭބީއެއް ބޭނުން..."

"ކޯއްޗެއް ހެވޭ؟... ކޯއްޗެއް ބޭނުމޭ؟... ފުރަތަމަ ކައިވެންޏެއްނު ކުރަންވީ..." ސައްތާރުގެ އަޑަށް މާކިން އާއި ވިޝްކާއަށް އެކަކު އަނެކަކާއި ދުރަށް ޖެހެވުނު ގޮތްވެސް ނޭނގުނެވެ.

"ބައްޕާ!..." ވިޝްކާ ރަކިވެފައި ހުރެ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ސައްތާރު ގެއިން ބޭރަށް ނުކުތީ، މާކިންއަށް އެތައް ނަސޭހަތެއް ދީފައެވެ. އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިއަކީ ވިޝްކާއެވެ. ވިޝްކާއަށް ދެރަގޮތެއް ވާކަށް ސައްތާރު ނޭދެއެވެ. މާކިންގެ އުޅުމާއި އަހުލާގު ކިތަންމެ ރަނގަޅަސް، ސައިތާނާ ބޮލަށް ވެރިވެގަންނާނީ، ކޮން އިރަކު ކޮން ވަގުތަކު ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ.

ސައްތާރު ދިޔުމުން މާކިން ސޯފާގައި އިށީނދެލިއެވެ. ވިޝްކާއަށް ދެރަގޮތެއް ހަދާކަށް މާކިން ބޭނުމެއް ނުވެއެވެ. ކުރިން އުޅުނު ހުރިހާ ގޮތެއް ދޫކޮށްލާފައި މާކިން ހުރީ ވިޝްކާ އާއިއެކު މުޅި އުމުރު ހޭދަކުރަން ނިންމައިގެންނެވެ. ދެމީހުން ބައްދަލުކުރަނީވެސް ވިޝްކާގެ ގޭގައި އެންމެންނަށް ފެންނަ ތަނެއްގައި ތިބެއެވެ. ވިޝްކާގެ ގައިގޯޅި ކަމާއިއެކުވެސް ނުބައި ފިޔަވަޅެއް ނާޅައިވޭތޯ މާކިން ހިތްވަރު ކުރެއެވެ. ކައިވެނި ކުރެވެން ގިނަ ދުވަހެއް ނެތްކަން ސިކުނޑިއަށް ވިސްނައިދެމުންނެވެ.

********

އިރަމް ވިހަން ވެއްދިކަން އެނގުމާއިއެކު، ދަންނަ އެންމެން ކަހަލަ ގޮތަކަށް ހަސްފަތާލަށް ޖަމާވާން ފެށިއެވެ. އުފާވެރި ޚަބަރުގެ އިންތިޒާރުގައި، ހަސްފަތާލުން ބޭރުގައިވެސް އެއްބަޔަކު ތިއްބެވެ. ހީވަނީ މުޒާހަރާއަކަށް އައިސް ތިބި ބައެއް ހެންނެވެ. ޒަރީނާގެ އާއިލާގެ މީހުންނާއި، ޝާލިންމެން ގޭ މީހުންގެ އިތުރުން، އިރަމްގެ ބައްޕަ އާއި އޭނާގެ އަންހެނުންގެ އާއިލާގެ މީހުންގެ ތެރެއިން އިސްމީހުން ތިބީ ހަސްފަތާލުގެ އެތެރޭގައެވެ. އޮފީހުންވެސް އައިޒަކާއި އިރަމްގެ ގާތް މީހުން އައިސް ތިއްބެވެ.

އިރަމްގެ މަންމަ ރަހުމާ ނާންނާތީ، ޒަރީނާ ދެތިން ފަހަރަކު އިކްރާމާއި ސުވާލުކުރިއެވެ. ދޭނެ ޖަވާބެއް ނޭނގިގެން ކޮންމެ ފަހަރަކުވެސް އިކްރާމަށް މަޖުބޫރުވަނީ ފޯނު ނަގައި ރަހުމާއަށް ގުޅާށެވެ. ރަހުމާ ހުރީ ދާން ނުކެރިފައެވެ. އިރަމްގެ ކޮއްކޮމެން ދިޔައިރުވެސް، އޭނާ ހުރީ ގަދަހަދާލާފައި ނުދާން ނިންމައިގެންނެވެ.

ހާސްވެފައި ހުރި އައިޒަކަށް ހިތްވަރުދޭން އެންމެ ކައިރީގައި ހުރީ މާކިންއެވެ. ވިއްސާ ކޮޓަރީގެ ތެރެއިން އިރަމްގެ އަޑެއް ނީވޭތީވެސް، އައިޒަކް ހާސްވެގެން އެ ޝަކުވާ އިރުއިރުކޮޅާ ކުރެއެވެ. އައިޒަކް އުޅޭލެއް މައުސޫމުކަމުން ޒަރީނާއަށް ބައެއް ފަހަރު ހެވެއެވެ. އެ ދެމަފިރިންނަށް ދުވަހަކުވެސް މީހެއްގެ އެސްފީނާއެއް ނުޖެހުމަށް އެދި އޭނާއަށް ހިތުގެ އަޑިން ދުޢާވެސް ކުރެވުނެވެ.

އައިޒަކްގެ އިންތިޒާރަށް ނިމުން އައީ، ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑުންނެވެ. ނަރުސްކުއްޖަކު ދޮރު ހުޅުވައިލާފައި، ލިބުނީ އަންހެން ކުއްޖެއް ކަމުގައި ބުނެލިއެވެ. އަދި ދެމައިންގެ ހާލުވެސް ރަނގަޅު ކަމުގައި ބުންޏެވެ. އުފަލުންގޮސް އައިޒަކަށް ރޮވުނެވެ. ޒިވިއަން ހުރީ އައިޒަކްގެ ބުރަކަށީގައި ފިރުމާލަ ފިރުމާލައެވެ. ޒަރީނާ އާއި ސައްތާރުވެސް ހުރީ އުފަލުން ފެންކަޅިވެފައެވެ. އިކްރާމަށް ހަމްދުކުރެވުނެވެ. އޭނާގެ ފުރަތަމަ ކާފަ ދަރިފުޅެވެ. އެ ދަރިފުޅު ދެކިލާހިތުން އިކްރާމްގެ ހިތް އަވަސްވެގެން ދިޔައެވެ. އެވަގުތުގައިވެސް އޭނާގެ ހަނދާނަށް އައީ ރަހުމާއެވެ. ރިޒްވީން ފޮނުވައިގެންވެސް ރަހުމާ ގެނެވޭތޯ އޭނާ މަސައްކަތްކުރިއެވެ.

1 ހަފްތާ ފަސް

"ބަރްކާ މުޙައްމަދު އައިޒަކް..." ބޮނޑިބަތާއި ކުކުޅު އަޅާފައިވާ ތަށީގެ މަތި ހިއްލައިލުމުގެ ކުރިން ރަހުމާ އޭގެ މަތީގައި އޮތް ނަން ކިޔައިލިއެވެ.

"މާމަ ދަރިފުޅު ދެކެން މަންމަ ހަމަ ނުދާނަންތަ؟..." އިރަމްގެ ކޮއްކޮ އައިނީ ރަހުމާ އާއި ސުވާލުކުރިއެވެ. "ތިހާ ހިތް ހަރުކޮށްގެން އުޅޭކަށް ނުވާނެ..."

އައިނީ ދިޔުމުން ރަހުމާ އިރުކޮޅަކު ވިސްނަން އިނެވެ. ދެފިކުރެއްގައި އިނދެފައި އޭނާ ގޮސް ގެއިން ނުކުތެވެ. ރަހުމާއަށް ނުކުމެވުނީ އިކްރާމުގެ ކުރިމައްޗަށެވެ.

"ރަހުމާ..." އިކްރާމް ގޮވައިލީ މަޑުމައިތިރި ރާގަކަށެވެ. "ވީކަމެއް ވެ ނިމުނީ... އާފެށުމަކުން ފަށާކަށް ނުވޭތަ؟..."

"އެކަކުވެސް ދެން އަހަންނަށް ރުހުމުގެ ލޮލަކުން ނުބަލާނެ..." ރަހުމާގެ އަޑުގައި ކުރިން ހުންނަ ހަރުކަށިގޮތެއް ނެތެވެ.

"އިރަމްއަށް އިތުބާރު ނުކުރަނީތަ؟... މިހާރު އެއީވެސް މަންމައެއް... ރަހުމާއަށް ހީވޭތަ ރަހުމާއަށް ހިތުހުރިގޮތެއް އޭނަ ހަދާނެއޭ..." އިކްރާމް މަސައްކަތްކުރީ ރަހުމާއަށް ވިސްނައިދޭށެވެ.

"އަހަންނަކަށް ނުކެރޭނެ އިކްރާމް..." ރަހުމާއަށް ރޮވެން އުޅުނެވެ.

"އަހަރެން މިހުރީނު..." އިކްރާމް އޭނާގެ މޭގައި އަތް ޖައްސައިލިއެވެ. "އަހަންނަށްވެސް އޮތީ އަހަރެންގެ ދަރިފުޅަށް އިހުމާލުވެވިފަ... އަހަރެންވެސް މިހުރީ އަހަރެންގެ ދަރިފުޅާ އޮތް ގުޅުން ރަނގަޅުކުރަން، އާފެށުމަކުން ފަށަން ތައްޔާރުވެގެން... ހިނގާ ދާން... އަހަރެން ރަހުމާއަށް އެހީވާނަން..."

ރަހުމާ އެއްބަސްވިއެވެ. ދެމީހުން އެކުގައި ގޮސް މާމަ، ކާފަ ދަރިފުޅަށް ހަދިޔާ ގަނެގެން އިރަމްގެ ގެއަށް ދިޔައެވެ. ދަރިފުޅާއިއެކު އިރަމްއަށްވެސް އޮތީ ނިދިފައެވެ. އައިޒަކާއި ވާހަކަ ދައްކަން ރަހުމާމެން ސިޓިންގްރޫމުގައި ތިއްބައި، ކޮޓަރިން އިރަމް ކެއްސައިލި އަޑު އިވުނެވެ.

"މަންމަ ދޭ..." އައިޒަކް އެދުނެވެ.

ރަހުމާ ވަރަށް ނުކެރި ހުރެފައި ކޮޓަރިއަށް ވަނެވެ. އިރަމްގެ ކައިރިއަށް ގޮސް ކައިރީގައި އިށީނދެލިއެވެ. އިރަމް އޮތީ ބަލި ގޮތަކަށް ރަހުމާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން ފެންނަމުންދިޔައީ، ހައިރާންކަމެވެ. ރަހުމާ ފެންނާނެކަމަށް އޭނާ އުއްމީދު ނުކުރާ ކަހަލައެވެ.

"ބަރްކާ އުރާލާނަންތަ މާމާ؟..." އިރަމް ބުނެލީ ރަހުމާ ފެންކަޅިވެފައި ތުއްތު ދަރިފުޅާއި ދިމާއަށް ބަލަން އިންގޮތުންނެވެ. އޭނާ އިނީ، އެ ދަރިފުޅުގެ ގައިގައި އަތްލަން ބޭނުންވެ، އަތްލަން ނުކެރިފައި އިން ކަހަލަ ގޮތަކަށެވެ.

އިރަމްގެ އޯގާތެރި އަޑުން ރަހުމާގެ ބަޑި ފަޅައިގެން ދިޔައެވެ. ރޮމުން އިރަމްގެ ގައިގައި ބައްދައިލިއެވެ. މަޢާފަށް އެދުނެވެ. އިރަމްގެ މަޢާފު ލިބުމުން ރަހުމާއަށް އިތުރަށް ރޮވުނީއެވެ. އޭނާ ކުރީ މަޢާފު ހައްގުވާ ވަރަށްވުރެ މާ ބޮޑު ކުށެކެވެ. އެންމެ ކުށެއްވެސް ނޫނެވެ. އެތައް ގޮތަކުން އޭނާ އިރަމްއަށް ގޯނާކުރިއެވެ. ލަނޑު ދިނެވެ. ހިތުގައި ޖެއްސިއެވެ. ބާކީ ކުރިއެވެ. އިރަމްއަށްވުރެ ބޮޑަށް އޭނާ އިސްކުރީ މުދަލާއި ފައިސާއެވެ. އެހެނަސް، މިއަދު އެ ދަރިފުޅު ވެފައި އެވީ، އޭނާގެ ނަސީބަށެވެ. މަދަދުގާރަކަށެވެ. އޭނާ އަކީ ކޮންފަދަ ނުބައި މަންމައެއް ހެއްޔެވެ؟

ރަހުމާ ހަމައަކަށް އެޅުނީ، އިކްރާމް އެތެރެއަށް ވަދެ، އެތައް ވާހަކައެއް ދައްކައިގެންނެވެ. މަންމަ އާއި ބައްޕަ އެކުގައި ފެނުނުލެއް ގާތްކަމުން އިރަމްގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ. ބަރްކާއަކީ ލެއްވި ރަހުމަތެއް ކަމުގައި އޭނާ ގަބޫލުކުރިއެވެ. އެއީ އިރަމްގެ އުފާވެރި ހަޔާތުގެ ފެށުން ކަމުގައި އޭނާ ނިންމިއެވެ. ދޮރުމަތީގައި ހުރި އައިޒަކަށް އޭނާ ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. އެ އުފާވެރިކަން ވަނީ އައިޒަކާއިވެސް ގުޅިފައެވެ.

1 އަހަރު ފަސް

ފިޔާތޮށި ކުލައިގެ ދިގު ހެދުމުގައި މޭކަޕްކޮށްގެން ހުރި އިރަމް ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. އޭނާ އުރާލައިގެން ހުރި އެއް އަހަރުގެ ބަރްކާވެސް ލައްވާފައި އިނީ، އިރަމް ލައިގެން ހުރި ކަހަލަ ހެދުމެކެވެ. ވިހޭފަހުން އިރަމް އެހާ ރީތިވެލައިގެން ހުއްޓާ، އައިޒަކަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އިރަމްގެ ކައިރިން ދުރަށްދާންވެސް ހަނދާންނެތިފައި އައިޒަކަށް ހުރެވުނެވެ. އެހެންހުރެ، އަނބިމީހާގެ ރީތިކަމަށް އެތައް ތައުރީފެއް ކުރަމުން ދިޔައެވެ.

"މެހެމާނުން އަންނާނެ... އަވަހަށް ހިނގާ... މިހާރުވެސް މާ ލަސްވެއްޖެ... މަންމަމެން އެކަނި ރެޑީކުރަން އުޅޭނީ..." އިރަމް ކުޑަކޮށް ލަދުގަނެފައި ބުންޏެވެ.

"އަހަރެންވެސް މީ މެހެމާނެކޭ... އަހަންނަށްވެސް އޯގާތެރިވެބަލަ..." އައިޒަކް އިރަމް އާއި ގާތްވެލިއެވެ. "މިކުއްޖާގެ..."

އައިޒަކް އިރަމްގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ކުޑަކުޑަ ބަރްކާއަށް އެކަމުން އުނދަގޫވިއެވެ. ބައްޕަގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. ވީތަދުން އައިޒަކަށް ބޮލުގައި ފިރުމައިލެވުނެވެ.

"ހަމަ މަންމި ކަހަލަ ކުއްޖެއް... ކީއްވެ ޑެޑީއަށް ތޮޅެނީ؟... ދަރިފުޅު ހާދަ ބާރުވެސް ގަދައޭ..." ބަރްކާގެ ކޮލުގައި ހިފައިލަމުން އައިޒަކް ބުނެލިއެވެ.

"ބައްޕި އުޅޭގޮތް ދަސްކުރަނީއޭ ދޯ ދަރިފުޅު..." ހިނިގަނޑު މައިތިރިކުރަމުން އިރަމް ބުންޏެވެ.

ބަރްކާ މައުސޫމުގޮތަކަށް ހޭން ފެށިއެވެ. އައިޒަކް ބަރްކާ ކޮނޑަށް ލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ޒަރީނާ އާއި ސައްތާރުގެ އިތުރުން ރަހުމާ އާއި އިރަމްގެ ކޮއްކޮމެން ގޭތެރޭގެ ތައްޔާރީތަކުގައި އަވަދިނެތި އުޅުނެވެ. ބަރްކާ ފެނުމުން އެންމެން އެއްފަހަރާ އެކުއްޖާ އުރާލަން ބޭނުންވެގެން އައެވެ.

ފިޔާތޮއްޓާއި، ރަން ކުލައިގެ ފުއްޕާހަންތަކުން މުޅި މާހައުލު އޮތީ ޖަރީކޮށްފައެވެ. ބަރްކާއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އާއިލާ އާއި ރައްޓެހިން އެއްތަންވެލައި، ގުޅުން ބަދަހިކޮށްލުމަށް ބާއްވާ ކުޑަ ހަފްލާއަށް ދަޢުވަތު ދެވިފައިވާ މީހުން އައުމުގެ ވަގުތު ކުޑަތަންވިއެވެ. މެހެމާނުން އެތެރެއަށް ވެއްދުމާއި، ދާންވީ މިސްރާބު ބުނެދިނުމުގެ ކަންކަން ކުރުމަށް އިރަމް އަވަސްވެގަތެވެ.

މެހެމާނުންގެ އިންތިޒާރުގައި އިރަމް ދޮރުމަތީގައި މަޑުކޮށްލައިގެން ހުންނަތާ ގިނައިރެއްނުވެ، ސުހާ އާއި އަނޫފް ސައިކަލުން ފޭބިތަން ފެނުނެވެ. އެއީ އިރަމް އާއިއެކު އެއް އޮފީހުގައި މަސައްކަތްކުރި އޭނާގެ ގާތް ދެ އެކުވެރިންނެވެ. ދެމީހުންގެ ގުޅި ލާމެހިފައިވާ އަތް ފެނުމުން، އިރަމްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އިރަމް ފެނުމުން، ސުހާ އަވަހަށް އަތް ދަމައިގަތެވެ.

"އަހަރެން ނޫޅެމޭ އެއްޗެއް ކިޔާކަށް..." އިރަމް ހީގަތެވެ.

"ދިމާކުރާ ހިތުންނެއްނު ތިއުޅެނީ..." ސުހާ ތުންމައިލިއެވެ.

"އިރޫއަށް ދިމައެއް ނުކުރެވޭނެ... ތިހުރީ މާކުރިން ނިންމާލައިގެން... މިހާރު ދަރިއަކުވެސް ތި ބޮޑުކުރީ..." އަނޫފްވެސް ސުހާ އާއި ބައިވެރިވެލިއެވެ.

"އަހަރެމެންވެސް އަންނަމަހު ޓައީއެއް ޖަހަން މިއުޅެނީ..." ސުހާ ތުއިވެލާފައި ބުންޏެވެ.

"ކައިވެނި ޕާޓީއަށް ދައުވަތު ދޭންވާނެ..." އިރަމް ސަމާސާކޮށްލިއެވެ.

ސުހާމެން އެތެރެއަށް ވައްދާފައި އެނބުރުނު ވަގުތު، އިރަމް ސިހުނީ ދާދި ކައިރީގައި ހުރި ވިޝްކާ އާއި މާކިން ފެނުމުންނެވެ. އިރަމް ފަދައިން ވިޝްކާވެސް ހުރީ ފިޔާތޮށިކުލައިގެ ދިގު ހެދުމެއް ލައިގެންނެވެ. ވިޝްކާގެ ބަނޑު އުފުލިފައިވާއިރު، އެ ހެދުމުގެ ބަނޑާއި ދިމާއިން ހުރީ ރޫޖައްސާފައެވެ.

"މާކް... އަވަހަށް ވިހަން ބޭނުން... ބަލާބަލަ ބަރްކާ ދޫނި ލޯބިކަން..." ވިޝްކާ އޭނާގެ ބަނޑުގައި އަތް ޖައްސައިލިއެވެ.

މާކިން އިރަމްއަށް ބަލައިލާފައި ވައްތަރެއް ޖައްސައިލިއެވެ. ބަނޑު ބޮޑުވެގެން ބަނޑަށް ހަތް މަސް ވީއިރުވެސް ވިޝްކާ އުޅެނީ ކުޑަކުއްޖެއް ހެންނެވެ. ދަރިއަކު ލިބުމުންވެސް އެގޮތް ނުކެނޑޭނެއޭ މާކިންގެ ހިތް ބުންޏެވެ.

"ބަރްކާއަށްވުރެ އަހަރެންގެ ވައިފް ކުޑަ..." މާކިން ހީގަތެވެ.

ވިޝްކާ މާކިންގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލިއެވެ. މާކިން ވަގުތުން ހިނިގަނޑު މައިތިރިކުރިއެވެ.

"ކޮންކަހަލަ ބަލިމަޑުކަމެއްގެ އަލާމާތެއް މިފެންނަނީ؟..." ޒިވިއަންގެ ސަމާސާ އަޑު އިވުމުން އެންމެން އެއްފަހަރާ ފަސްއެނބުރި ބަލައިލިއެވެ.

ޝާލިން އާއި ޒިވިއަން ތިބީ އެކުގައެވެ. އިރަމްގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ޝާލިން ގޮސް އިރަމްގެ ގައިގައި ބައްދައިލިއެވެ.

"ކޮންއިރަކު އައީ؟..." އިރަމް ސުވާލުކުރިއެވެ.

"ހަމަ ފޭބިގޮތަށް މިއައީ... އެހެރީ ފޮށިތައްވެސް..." ދޮރު ކައިރީގައި ބަހައްޓާފައިވާ ފޮށިތަކަށް އިޝާރާތްކޮށްލަމުން ޝާލިން ބުންޏެވެ.

"ހަނީމޫން ނިމުނީދޯ؟..." ވިޝްކާ ދިމާކޮށްލިއެވެ.

"ނުނިމޭނެ އެއް އަހަރުވިޔަސް..." ޝާލިންގެ އުނަގަނޑުގައި ހިފައި ކައިރިކޮށްލަމުން ޒިވިއަން ބުންޏެވެ.

"އައްދެ... މިހާރު ޝާލިންއާ އިނދެވުނީމަ، ހާދަ ލާނެތްވެސް ވެއްޖެއޭ ދޯ..." ވިޝްކާ ހީގަތެވެ.

ޝާލިން ލަދުން، އެހެން މީހުންނަށް ނޭނގޭނޭހެން ޒިވިއަންގެ އަތްދަށުން ސަލާމަތްވާން އުޅުނެވެ. ޒިވިއަން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

"ނިއުޒިލޭންޑް ރީތިތަ؟..." ވިޝްކާ މައުޟޫޢު ބަދަލުކޮށްލިއެވެ.

"އަހަރެމެންގެ ގައުމު އަހަރެމެންނަށް އެންމެ ރީތީ... ދޯ އިރޫ..." ޒިވިއަންގެ ކައިރިން ދުރަށްޖެހިލައި، އިރަމްގެ ގައިގައި ހިފަހައްޓައިލަމުން ޝާލިން ބުންޏެވެ.

ޝާލިން އާއި ޒިވިއަންގެ ކައިވެންޏަށް ދެމަސްވީއެވެ. ދެމީހުން ކައިވެނި ކުރީ، މުހައިމިނު ނިޔާވިތާ، ތިންމަސް ފަހުންނެވެ. ޖަލުގައި ހުއްޓާ ކުއްލިގޮތަކަށް މުހައިމިނު ނިޔާވުން ވެގެން ދިޔައީ ޒިވިއަންގެ ހަޔާތަށް އިންގިލާބެއް ގެނުވި ކަމަކަށެވެ. ބައްޕަ ކަންތައްކުރީ އެންމެ ރަނގަޅަށް ނޫނަސް، ޒިވިއަންގެ ހިތުގައި ބައްޕައަށް ލޯބި އޮތެވެ. އެ ބައްޕަ ރަނގަޅުވެގެން އައިސް އަނިޔާ ލިބުނު އެންމެންގެ ކިބައިން މަޢާފަށް އެދޭތަން ދެކެން އޭނާ ބޭނުންވިއެވެ. އެހެނަސް، މުހައިމިނު ނިޔާވެގެން ދިޔައީ، އޭނާ ހުރި ނުބައިކަން މަތީގައި ހުރެއެވެ. ބަދަލުވާން ކުޑަކޮށްވެސް ނުވިސްނިއެވެ.

ދުނިޔެއަކީ ވަގުތީ ތަނެކެވެ. ތިބާ އާއި އެންމެ ގާތުގައިވާ އެކައްޗަކީ މަރުކަމުގައިވާއިރު، ދުނިޔަވީ އެދުންތަކަށް އިސްކަންދޭންވީ ކީއްކުރަން ހެއްޔެވެ؟ ކުށް ކުރެވުމުން، އެ ކުށަށް އިއުތިރާފުވުމަކީ ދަށު ދަރަޖައިގެ އަމަލެއް ނޫނެވެ. ހިތުގެ ސާފުތާހިރު މީހުންނަކީ، އަވަސް އަވަހަށް މަޢާފަށް އެދި މަޢާފު ކުރާ މީހުންނެވެ.

ޒިވިއަންއަށް ލިބުނު ހިތްދަތިކަމުން އަރައިގަނެވުނީ، އިރަމް އާއި އައިޒަކް ދިން ހިތްވަރުންނެވެ. ޒަރީނާ އާއި ސައްތާރުގެ ފަރާތުން ދިން ލޯބި އެއީ ދުނިޔެމަތިން ޒިވިއަންއަށް ލެއްވި އެންމެ ބޮޑު އެއް ރަހުމަތެވެ. އެ ދިރިއުޅުމަށް ޝާލިން އައުން ވެގެންދިޔައީ، ޒިވިއަންގެ ތުންފަތަށް ހިނިތުންވުން ގެނުވި ސަބަބަކަށެވެ.

ޒިވިއަން އާއި ޝާލިން ގުޅުން ވެގެންދިޔައީ، އިރަމްއަށާއި އައިޒަކަށް ލިބުނު އުފާވެރިކަމަކަށެވެ. ޝާލިން އާއި އިރަމް އެކަކު އަނެކަކަށް ވީ ވައުދު ފުރިހަމަވީއެވެ. ކައިވެންޏަށް ފަހުގައިވެސް ދެއެކުވެރިން ދުރެއް ނުވިއެވެ. އާއިލީ ގޮތުންވެސް ދެމީހުން ގުޅުނީއެވެ.

ހަފްލާ ނިމުނީ އެންމެންގެ ތުންފަތަށް ހިނިތުންވުން ގެނެސްދެމުންނެވެ. އާއިލާ އާއި ގާތް އެންމެން އެ ހަފުލާގައި ބައިވެރިވިއެވެ. ކުޑަކުޑަ ބަރްކާގެ ސަބަބުން އެކަކުވެސް ފޫހިވާކަށް ނުޖެހުނެވެ. ހަފްލާ ނިންމައި އެންމެ ދިޔުމުން، އިރަމް އާއި އައިޒަކް އެކަނިވިއެވެ. ބަރްކާ އޮތީ ވަރުބަލިވެގެން ނިދިފައެވެ. އައިޒަކް ކުރިއަށް ޖެހިލައި، އިރަމް އޭނާގެ އަތުގެ ތެރެއަށް ގެންދިޔައެވެ. ނުހަނު ލޯބިން ކަންފަތްދަށުގައި ސިއްރެއް ބުނެލިއެވެ. ދެން ހޭދަވެގެންދިޔައީ އުފާވެރިކަމުގެ ވަގުތުކޮޅެކެވެ. އެކަކު އަނެކެއްގެ ލޯބިން، ދެހިތަށް އުފާވެރިކަން ގެނެސްދިނެވެ. ބައިވެރިޔާގެ މައްޗަށް އޮތް އިތުބާރާއިއެކު، ދިރިއުޅުން އައު ހަރުފަތަކަށް ގެންދިޔުމުގެ މަސައްކަތް ފެށިއެވެ.

(ނިމުނީ)

ނޯޓު: އަލްހަމްދުﷲ. ހަ މަސްދުވަހަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ، މިވާހަކަ ނިންމާލުގެ ތައުފީގު ދެއްވި ކަމަށްޓަކައި މާތްﷲ ގެ ކިބައަށް ހަމްދާއި ޝުކުރު ދަންނަވަން. ވާހަކަ ކުރިޔަށް ގެންގޮސް ނިންމައިލެވުނީ، ތިޔަ ކިޔުންތެރިންގެ ފަރާތުން ހުއްޓުމެއްނެތި، ވާހަކައަށް ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމުގައި އުފަލާއިއެކު ފާހަގަ ކުރަން. މިފުރުސަތުގައި، ވާހަކައަށް އެކި ގޮތްގޮތުން އެއްބާރުލުން ދެއްވި އެންމެހާ ކިޔުންތެރިންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން. ތިޔަ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ލިބުނު ހިޔާލުތަކުގެ ސަބަބުން، ވާހަކަ ނިންމައިލުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމުގައިވެސް މިފުރުސަތުގައި ފާހަގަކޮށްލަން. އެކަމަށްޓަކައި ވާހަކައަށް އެކި ގޮތްގޮތުން ކޮމެންޓުކުރި ހުރިހާ ކުދިންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ އުއްމީދަކީ، ކުރިއަށް އޮތް ތަނުގައި ވެސް، އަޅުގަނޑުގެ ވާހަކަތަކަށް ތިޔަ ކިޔުންތެރިންގެ ފަރާތުން، ބިނާކުރަނިވި ފާޑުކިޔުންތަކެއް ލިބިގެން ދިޔުން. އަދިވެސް އެއްފަހަރު އެންމެހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު