"އެއްވެސް ކަމަކީ ނުވާނެކަމެއްކަމަށް ނުދެކި ގިނައިން ދުޢާކުރައްވާށެވެ. ދުއާއަކީ އެންމެ ބާރުގަދަ ހަތިޔާރެވެ. ކޮންމެވެސް ދުވަހަކުން ތިބާގެ ހިތުގެ މުރާދަ ހާސިލުވާނެއެވެ.ﷲ ސުބުހާނަހޫ ވަތައާލާ ކޮންމެ ކަމަކަށް ކުޅަދުންވަންތައެވެ. އެއީ ކާއިނާތުގެ ވެރި ރަސްކަލާނގެއެވެ."

***

މާކް ކްރޯފޯޑަށް އޭނަގެ ދަރިން މުސްލިމުންނާއި ކައިވެނިކުރިކަން އެނގުނީ ކެތްރީންގެ ފަރާތުންނެވެ. އަސްލަންއާއި އަލާނާ އަދި ހާރިސްއާއި ޚައިރާވެސް ކައިވެންޏަށްފަހު އުމްރާއަށް ފުރީ މައިންބަފައިންވެސް ގޮވައިގެންނެވެ. ޚައިރާގެ އަމަލު އެހެން ހުއްޓަސް މާކްއަށް އަސަރުކުރީ އަސްލަންގެ ސިއްރުވެރިކަމާއި އޮޅުވައިލުން ހުރިވަރުންނެވެ. ދަރިފުޅު އިސްލާމްދީނަށްވަދެ ހުރެ އޭނަ ގާތުގައި ދޮގުހަދަނީކަން ޔަގީންވިއެވެ.

"އައި ލޮސްޓް އެލީ އެވެސް މުސްލިމުންގެ ސަބަބުން. އަނެއް ދެ ދަރިން ވަކިވެގެން ދިޔަކަ ނުދޭނަން...."މާކް އަޒުމް ކަނޑައެޅިއެވެ.

***

ދެއަހަރު ފަސް

މާކް ކްރޯފޯޑް އާއިލާ ރޫޅިޔަނުދީ އޭނަގެ ދަރިންނަށް ގޭގައި އުޅެން ދައުވަތު ދިނެވެ. އަސްލަންއާއި އަލާނާ އެގެއަށް ދިރިއުޅުން ބަދަލުކުރުމާއެކު ކެތްރީން އާދޭސްކޮށްގެން ހާރިސްވެސް އޭނަގެ މަންމަގެ ގޭގައި ދިރިއުޅެން ނިންމިއެވެ. އެވީގޮތުން އަސްލަންއާއި ޚައިރާއާއި ދެބެންނަށް އަވަށްޓެރިން ގެ ގޮތުގައި އުޅެން ފުރުސަތު ލިބުނެވެ. އެރިކް ދިރިއުޅެން ޚިޔާރުކުރީ މަންމަ ގާތުގައެވެ. އެންމެން މެދުގައި ޚިޔާލު ތަފާތުވުން އޮތީ ދީނީ ކަންތައްތަކުގައި ވުމާއެކުވެސް މާކްއާއި ކެތްރީން ދޫ ދިނުމުގެ ސަބަބުން އެންމެނަށް ހަމަޖެހިގެން އެކީގައި އުޅެވުނީއެވެ.

***

ޖެނުއަރީ މަހުގެ ކުރީކޮޅު ދުވަހެކެވެ. ބޯކޮށް ސްނޯވެހެން ފެށިގޮތަށް މުޅި ޝަހަރުގައި އެއްކޮށް ހުދު ސާލު އަޅުވައިލިއެވެ. ސްނޯއިން ގޮފިތައް ގަނޑު ހިފާފައިވާއިރު ވިދަނީ ޖަވާހިރުތައް ފަދައިންނެވެ.ސްނޯ ބޯކޮށް ފައިބާތީ ސަބަބުން އޮފީސްތަކާއި ކުންފުނިތައް އަދި ސްކޫލްތައްވެސް ބަންދުކަމުން އެ ސަރަހައްދުގެ މަގުތައްވެސް އެއްކޮށް ފަޅުވެ ހިމޭންކަން ވެރިވެފައި އޮތެވެ. ސްނޯވެސް ހިމޭންކަމާއެކު ފައިބަމުން ހުދުން ހުރިހާތަނެއް ޑިޒައިންކޮށްދެމުން މާހައުލު ހުވަފެނީކޮށްލައިފިއެވެ.

ހާރިސްއާއި ޚައިރާ ވެސް މަތީބައިގެ ކުޑަދޮރު ކައިރީގައި އިށީދެލައިގެން ވާހަކަދައްކައިލަން ތިއްބެވެ. ހާރިސް އަތުގައި ހޫނު ކޮފީއެއް ހުރިއިރު ޚައިރާ ހީފިލުވުމުގައި ބައިވެރިޔަކީ މާޝްމެލޯ ފްލަފް ހޮޓް ޗޮކްލެޓް ތަށްޓެކެވެ.

"މިއޮތް ތޫފާނީ ދުވަހު ސިއާރާއާއި އެލިޔަސް އެކަނިމާއެކަނި އެ ކެބިންގައި......" ޚައިރާ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ." ދޭ ވިލް އެންޖޯއި އެކަމަކު އެހާ ސޭފްވާނެތަ؟ އަދި އެބަ ޗެޓްކުރޭ. އެހާ ދުރުގައި ބައިތިއްބަން ވަރަށް ބިރުވެސް ގަނޭ......."

"އެލިޔަސް ބޭނުންވަނީ ދުނިޔޭގެ ލޯތަކަށް ސިއްރުން އުޅެން. އޭނަ މި ގައުމަށް އައިކަންވެެސް އެހެން ބަޔަކަށް ނޭގޭނެ..މޭ ﷲ ޕްރޮޓެކްޓް ދެމް. އެލިޔަސް އަކީ ނިރުބަވެރިޔަކަށް ހަދައިގެން އޭނަގެ ލޭ ހުއްދަކޮށްގެން އުޅޭ ބަޔަކުވެސް އުޅޭ. އޭނަ ޝަހީދުކުރަން އެކިގޮތްގޮތަށް މަސައްކަތްކޮށްފި. ޝަހީދެއްގެ ދަރަޖައަށް ނޭދޭނީ ކާކުތަ؟ އެއަށްވުރެ ނޯބްލް ޑެތްއެއް އިންސާނަކަށް ނުލިބޭނެ. ޝަހީދުންނާއި ބެހޭގޮތުން ގުރުއާނުގައި ވަހީކުރައްވާފައިވަނީ ކީކޭކަން ޚައިއަށްވެސް އެނގޭނެ..މަރުވާންވީމަ ކޮންމެ މީހަކުވެސް ކޮންމެވެސް ގޮތަކުން މަރުވާނެ. އަހަރެން ޔަގީނުންވެސް ދުނިޔެ ދޫކޮށްދާން ބޭނުމީ ޝަހީދެއްގެ ގޮތުގައ ސޯ ޑޯންޓް ވޮރީ ހަބީބްތީ...ﷲއަށް ދުއާކޮށްފައި ވަކީލުކުރާނީ..........."

"އައި ނޯ..އޯސީޑީއިން މިވަރަށް އަރައިގަނެވުނީވެސް ﷲއަށް އިތުބާރުކޮށް ވަކީލުކުރަން ދަސްކުރީމަ.." ޚައިރާ ހާރިސްގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ. ދެމީހުންގެ ނަޒަރު ބައްދަލުވީހިނދު މާނަވީ ރީތި ހިނިތުންވުމެއް ބަދަލުކުރިއެވެ. އެވަގުތު ޚައިރާގެ ފޯނަށްއައި މެސެޖް ދައްކައިލިއެވެ. އެލިޔަސްއާއި ސިއާރާ އާއި ބައްދަލުކުރަން ދައުވަތު ދީފައި އޮތީ އެމީހުންނާއި މާ ދުރު ނޫން ހިސާބެއްގެ ކޯރެއްގެ ކައިރީގައި ހުރި ގެއަކަށެވެ. ދޭތެރެއަކުން އެމެރިކާއާއި ތުރުކީ އަދި ސައުދީފަދަ ތަންތާގައި ވެސް ހާރިސްއާއި ޚައިރާވަނީ ސިއާރާއާއި ބައްދަލުކޮށްފައެވެ. އެކަމަކު އެހުރިހާ ދަތުރުތައް އާއިލާއާއި އެކުވެރިންނަށްވެސް ސިއްރުކުރަނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އެލިޔަސް ނިރުބަވެރިންގެ ލިސްޓަށް ލާފައި އޮތުމާއެކުގައެވެ.

***

އެރިކްއާއި އަސްލަންވެސް ޑިއުޓީއިން ނިމިގެން ގެއަށް އައީ އެކީގައެވެ. ރޭގަނޑަށް ފައިބަންފެށި ފިނީގެ ސަބަބުން އަތާއި ފައިތިލައަށް ދާންދެން ގަނޑުވެފައިވިޔަސް އެތެރެއިން ލާފައިވާ ބޯ ހެދުންތަކާއި ކެހެރި ޖެކެޓްގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަރާމެއް ހަށިގަނޑަށް ލިބުނެވެ. ތުނިކޮށް ވެހެންފެށި ސްނޯތައް މޫނުތަކުގައި ބީހިލަންފެށިއެވެ.

"ހާރިސްމެން އެދިޔައީ ކޮންތަނަކަށް؟ މިއޮތް ފިނީގައި......" އަސްލަން ނޭފަތް ގުރުޑުކޮށްލިއެވެ.

އެރިކްއަށްވެސް އެދެމީހުން މަގު ހުރަސްކުރިއިރު އެފަރާތުން ދިޔަ ކާރު ފާހަގަވިއެވެ.

"ހާރިސްގެ ފާޑު އެނގެއެއްނު. ތޫފާނެއް އަޔަސް މިސްކިތަށް ދާން ކޮންމެހެންވެސް ޖެހޭނެ. ވަރަށް ތަގުވާވެރި.............."

"ޚައިއާއިމެދު ވިސްނަމޭ. އެރިކްގެ ކޮއްކޮގެ މޮޔަކަމާއިއެކުވެސް ޚައި ލޯބިވީ އޭނަދެކެ. އެހެންނޫންނަމަ.."އަސްލަންއަށް ފޯނެއް އައުމުން އޭނަ އެފޯނަށް ޖަވާބުދިނެވެ. މޫނުމައްޗަށް ވެރިވި ކުލަވަރު އެރިކްއަށް ނުފެނުނީ އެރިކް ތަންކޮޅެއް ކުރިއަރައިގެން ދާން ފެށުމުންނެވެ.ގެއާއި ހަމަޔަށް ފޯރިއިރު މާކްއާއި ކެތްރީން ބޮޑުކޮޓަރީގައި އެކުދިންގެ އިންތިޒާރުގައި ތިއްބެވެ. އޮރެންޖް އަލި ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައިރު ބިއްލޫރި ދޮރުތަކުން ސްނޯ ވެހޭ މަންޒަރު ފެނެއެވެ.

"ހިނގާ އަވަހަށް ކާން.. އަލާނާވެސް ކުޑަކޮށް ފްލޫ ވައްތަރުވެގެން ނިދިފައި އޮތީ................"

"އޯ، އޭނަ އެހެން ބުނިކަން ނޭގޭ..."

"ސްނޯތެރޭގައި ވެސް ބޭރުގައި ވިއްޔަ އުޅުނީ..އަލާނާ ސްނޯއަށް މޮޔަވެފައި އެހުންނަނީ....."ކެތްރީން ކޮޅަށް ތެދުވުނެވެ.

"ހާރިސްއާއި ޚައިއަށް ދައުވަތު ދިނީމަ މިރޭ އެހެން ފްރެންޑަކު އިންވައިޓްކޮށްފައޭ ކިޔާފައި ދިޔަތަނެއްވެސް ނުބުނޭ. އެހެންނޫނަސް ހަލާލް ނޫން އެއްޗެއް ކެވިދާނެތީ ހާރިސް މިގެއިން ކާން ބިރުގަނޭ. އޭނަގެ މަންމަ އޭނައަށް ޕޯކް ކާން ނުދޭނެކަން އަދިވެސް އެކުއްޖާ ގަބޫލުނުކުރޭވިއްޔަ. ކާ އެއްޗެއްސަށް ރާ ނާޅާނެކަންވެސް ދަންނަންޖެހޭނެ. ކެތްރީން ޔަގީނުންވެސް ހުރިހާ ދީނަކަށް އިހުތިރާމްކުރޭ. ހާރިސްގެ ސިކުނޑި ދޮންނަން ވަރަށް މަސައްކަތްކުރެވިއްޖެ................." މާކްވެސް ހިނިގަނޑެއް ޖަހައިލިއެވެ.

"ބައްޕަ އޭނައާއި ވާހަކަދެއްކެވީމަ އޭގެ އިދިކޮޅު ޖެހޭނީ..."އަސްލަން އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ."ބައްޕަގެ ހިތްވެސް ސޮފްޓްވާން ފަށައިފި.."

"އެހެންވާނެއްނު. ބައްޕަގެ ދަނބިދަރިއަކަށްވީމަ...ކޮބާ އެރިކް....ކިހިނެއްތަ؟" މާކް ކްރޯފޯޑް ތެދުވެ އެރިކްގެ ކޮނޑުގައި އަތް ބާއްވައިލަމުން ގަޔާ ކައިރިކޮށްލިއެވެ." ދެކުދިންވެގެން ހޮސްޕިޓަލް ވަރަށް ކުރިއަރުވާތީ ބައްޕަ ހާދަ ފަޚުރުވެރިވެއޭ. އަސްލަންއަށްވުރެވެސް އެރިކް ޒިންމާދާރުކަމަށް ހެންރީ ބުނި.އޭނަގެ ދަނބިދަރިއަކަށް ހަދަންވެގެން މަގޭ ބޯ އެބަ ކާލައޭ..އެހެންނުވާނީ.."

އަލާނާ ހުމާއި ފިހިފިހި އޮތަސް ހާލުދެކެން ދިޔުމުގެ ބަދަލުގައި އަސްލަން އެންމެންގެ ފަހަތުންގޮސް ކާކޮޓަރިއަށް ވަނީ ފޯނާއި ކުޅެމުންނެވެ. އޭނަގެ ސިކުނޑީގައި ހިނގަނީ މުޅިން އެހެން ކަންތައްގަނޑެކެވެ. މޭޒުމަތީގައިވާ ތަށިތަކުގެ މަތިތައް ހިއްލައިލުމުން ތަފާތު ބާވަތްބާވަތުގެ ކާނާގެ މީރުވަސް ތަނުގައި ހިފައިލިއެވެ. ޕަމްޕްކިން ލާޓޭފަދަ ބުއިންތަކާއި ބީފް އަދި ކުކުޅުމަސް ރޯސްޓްކޮށް އަދި ފިހެފައި ހުރުމުން މިފަދަ ފިނިރެއަކާއި އެންމެ އެކަށީގެންވާ ކާނާތައް ކަމުގައިވިއެވެ. އަސްލަންއަށް ކެވުނީ ކުޑަކޮށެވެ. އޭނަގެ ބައްޕަ ސުވާލުކުރުމުން ބުނީ ހުންވައްތަރުވީ ކަމަށެވެ.

އަސްލަން ކޮޓަރިއަށް ވަންއިރު އަލާނާ އޮތީ ބޯ ރަޖާގަނޑުތެރޭ ކުރު ގެޅިލައިގެންނެވެ. މަޑުމަޑުން ކުކުރަމުން ދިޔައީ ހުންގަދަވެގެން ކަން ނޭގެއެވެ. އެކަމަކު މަޑުމަޑުން ޔާﷲ ނޫނީ ޝަހާދަތުގެ ކަލިމަފަދަ ދީނީ ލަފުޒެއް ކިޔައިލެވެއެވެ.

"އަދިވެސް އޯކޭއެއް ނުވޭތަ އަލާނާ؟" އަސްލަން ފަރުވާކުޑަގޮތަކަށް އެހިއެވެ.

"މަންމަ ބޭސް ގެނެސްދެއްވި.."އަލާނާ ވާހަކަދެއްކީ އަދަބުވެރިކޮށެވެ.

"އަހަރެން އަންނާނަން އެކުވެރިއަކާއިއެކު ކައިރީގައި އޮތް ޓައުންއަކަށް ގޮސްފައި. މަންމަ ކަންބޮޑުވާނެ. އެހެން ކިޔާނެ ކަމެއްނެތް.....ކޮޓަރި ތަޅުލައިގެން އޮންނައްޗޭ އިނގޭ. ބޭސްކައިގެން ނިދާލީމަ ރަގަޅުވާނެ. ..." އަސްލަން އޭނަ ނިދަން އޮންނަ ފަޅީގައި ރަޖާގަނޑު އަޅާލާފައި ގޮސް އަލަމާރި ހާވަންފެށިއެވެ. ކޮންމެވެސް އެއްޗެހިތަކެއް ނެގިކަން އަލާނާއަށް އެނގުނެވެ. ނަމަވެސް އަސްލަން ކޯޓުގެ ޖީބަށް ޖެހީ ކޯންޗެއްކަމެއް ޔަގީނެއްނުވިއެވެ.

***

ހަވީރު ހަތަރެއްޖެހިއިރުވެސް އިރުއޮއްސި އަނދިރިކަން ވެރިވެއްޖެއެވެ. އެހިސާބުގެ މަގުތަކުގައިވާ ބޮކިތައްވެސް ދިއްލި އަދި ގޭގޭގެ ކުޑަދޮރުތަކުން އޮރެންޖް ހުދު އަދި ރީދޫއަލިތައް ފުރާނާލާފައިވާއިރު ހިތްގައިމުގޮތަކަށް ފެނެއެވެ. ދުރުދުރަށްދާންދެން ހުދު ދޫލައެއްހެން އޮތް ސްނޯގަނޑުވެސް ދިއްލި ދަޅައަރާހެން ހީވެއެވެ.

ހާރިސްއާއި އެލިޔަސް ސްނޯތެރޭ ނަމާދުކުރަން ތިބި މަންޒަރު ބަލަހައްޓައިގެން ސިއާރާއާއި ޚައިރާ ފެންޑާގައި އަލިފާންގަނޑެއްގެ ކުރިމަތީގައި ތިއްބެވެ. ވަށްކޮށް ހަދާފައިވާ އަލިފާން އަންދާތަނުގައި އަނދަ އަނދާ ހުރި އަލިފާންގަނޑުގެ އޮރެންޖްކުލަ އެކުދިންގެ މޫނަށް އެޅި ވިދައެވެ.ހާރިސްގެ ކިޔަވަން ފެށުމުން އެ އަޑުގެ ސިހުރުގައި ޖެހި ސްނޯއާއި އަލިފާނުގެ ހަރަކާތްތަކަށްވެސް ލަސްކަމެއް އައިފަދައެވެ. ދިރުމެއްނުވާ އެއްޗެއްސަށްވެސް އެ މޫރިތި އާޔަތްތަކުގެ އަސަރުކުރުވައިފިއެވެ.

"މާޝާﷲ...."ސިއާރާއަށް ޚައިރާގެ އަތުގައި ހިފާ ފިތައިލެވުނެވެ.

"ﷲއަށް ހަމްދުކުރަން. މިރެކްލްސް ޑޫ ހެޕެން..ޚައިގެ ލައިފްއަށް ހާރިސް އައުމަކީ މިރެކްލްއެއް ކަމުގައި ދެކުނީ. މަންމަވެސް ގަބޫލުކުރީ އެހެން. ކޮންމެ ކޮންމެ ބަޔަކަށް މިފަދަ ނަސީބެއް ނުލިބިދާނެ..." ޚައިރާ މަޑުމަޑުން ހީލިއެވެ.

"ﷲ ހެޔޮ ޖަޒާ ދެއްވާނެ..."

"އަސްލުވެސް. މިއޮތީނު އަނގޮޓިއެއް. މިއީ މާމަގެ އަނގޮޓިއެއް. ވަރަށް ޚާއްސަ އެއްޗެއް އެކަމަކު ޒުވާނަކު މި އަނގޮޓި ސްނޯމަތިން ފެނިގެން ގެންދިޔައީ.އޭނަ މި ނަގައިގެން ދަނިކޮށް ކޮންމެވެސް ހާދިސާއެއް ހިނގައިގެން ހޮސްޕިޓަލުގައި ބޭއްވީޔޯ. ކަންދިމާވިގޮތުން އެލިޔަސް ދިމާވެ އޭނައަށް ބޭސްކުރުވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނީ. އެލިޔަސްގެ ރަގަޅުކަން އެނގި އެލިޔަސްގެ ޚާދިމެއްގެ ގޮތުން އުޅެން އެ ޒުވާނާ ބޭނުންވީ. އަދި ދުވަސްކޮޅަކުން އިސްލާމްދީނަށް ވަން. ވަރަށް ފަހުން އެލިޔަސްއާއި މީތި ހަވާލުކޮށްފައި ބުނީ މީގެ ވެރިޔާއަށް މިރައްދުކޮށްދޭން ފޮރުވާފައޭ މިއޮތީ. އޭނައަށް އަދި އެ ޝަހަރަށް ނުދެވިގެންނޭ. އަހަރެމެންގެ ގެއާއި ކައިރިންނޭ ނެގީ. ޚައިއަށް އެނގޭތަ؟ އެ އަނގޮޓި ގެއްލުމުން ވަރަށް ދެރަވި. ހިތުގެ އެއްބައި މަދުވިހެންވެސް ހީވި. ނަމަވެސް ދެން ކެތްކުރިން. ﷲއަށް ދުޢާކުރިން. އެލިޔަސް އެ އަނގޮޓި ދެއްކުމުން ހަމަ ވަގުތުން ހުރި ތަނަށް ޝުކުރުގެ ސަޖިދައެއް ކުރެވުނީ. މިއީ މިރެކްލްއެއް ނޫނީ ދެން ކޯނޗެއް؟ ﷲއަކީ ދުޢާ އިޖާބަކުރައްވާ ކުޅަދުންވަންތަ ފަރާތް. މި ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗެއް މިލްކުވެގެންވާ ފަރާތަށް ކުޅަދާނަ ނުވާ އެއްވެސް ކަމެއްނެތް. މި އަނގޮޓިއަކީ އޭގެ ހެއްކެއް.." ސިއާރާ އަނގޮޓީގައި ބޮސްދިނެވެ.

ޚައިރާވެސް އެ ވާހަކަ އަހަން އިނީ ހައިރާންވެފައެވެ.

"ހިނގާ ނަމާދުން އަންނަންވާއިރަށް ކާން ހަދަމާ.." ސިއާރާގެ ފަހަތުން ޚައިރާވެސް ދާންފެށިއެވެ. ހިތްފަސޭހަކަމާއި އަރާމުކަމުގެ ދެވަނައެއްނެތް އެ ގޭތެރެއަށް ވެރިވެފައިވާ މަޑު އޮރެންޖްކުލައިން ލޯތަކަށް ފިނިލިބޭއިރު ތަނުގައި ހިފާލާފައިވަނީ މީރުވަހެކެވެ. ސިއާރާ ވައަތްފަރާތުގައި ހުރި ދޮރެއް ހުޅުވާލާފައި އިޝާރާތްކުރީ އެނދާއި ދިމާލަށެވެ. އެނދުގައި ބޯ ރަޖާތަކުގެ ހިމާޔަތުގައި ނިދާފައި ތިބި މުސްކުޅި ދެމަފިރިން ފެނުމުން ޚައިރާ ލޯބޮޑުކޮށްލިއެވެ.

"މާމަ އާއި ކާފަ ގޮވައިގެން ސިއާރާ ހުރިހާތަނަކަށް ތި ދަތުރުކުރަނީ؟"

"އެއަށްވުރެ ލޯބިވޭ. ނާސިން ހޯމްއަކަށް ލީމަ އެތަނުން ނެރެގެންގޮސް އަހަންނާއިއެކު މާމަމެން ގެންގުޅެނީ. އިޓްސް އެމޭޒިން. ކުރީގެ ތާރީޚީ ވާހަކަތަކުން ފެށިގެން ޖިންނި ވާހަކަތަކަށް ދާންދެން ކިޔާދޭނެ. މާމަމެންނާއިއެކު ދިރިއުޅުން ހިއްސާކުރުން މާ އުފާވެރި. މެރީ ކުރިއޭ ކިޔާފައި ފެމިލީ އެއްލައެއްނުލެވޭނެ. އަހަރެމެންގެ ކުޑައިރު ލޯބިން ބަލާބޮޑުކުރި މީހުންނަށް ކިރިޔާވެސް އެހީތެރިވާނެގޮތެއް އޮތްނަމަ ކައިރީގައި ގެންގުޅެންވީ. މާމަމެން އަދި ޑިމެންޝިއާ ކަހަލަކަމެއްނެތް. ހިނގާބިގާވެ އުޅެވޭ....."ސިއާރާ ދޮރު ލައްޕައިލީ ނިކަން މަޑުންނެވެ. އެދެމަފިރިންގެ އަރާމު ނިދިން މަހުރޫމް ނުކުރަންވެގެންނެވެ." އަދި އެންމެ އުފާވެރި ޚަބަރުތައް އޮތީއޭ......."

"އަޑުއަހާ ހިތުން ދެން އެންމެ މިނިޓަކަށްވެސް ކެތްނުލަވާނެ." ޚައިރާ ސިއާރާގެ ކޮނޑުގައި އެލިގަތެވެ.

"އެކަމަކު އެންމެ ކުރިން ނަމާދުކޮށްގެން....." ސިއާރާ ޚައިރާގެ ކޮލުގައި ބާރަކަށް ހިފައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު