"ތިބާ ދުނިޔޭގައި މުޅިން އެކަނިވެރިވާވަގުތު ﷲ އެކަން ދެނެވޮޑިގެންވެއެވެ. އެންމެ ގާތް އެންމެ ލޯބިވާ މީހުންވެސް ބައެއްފަހަރު ތިބާގެ އިހުސާސް ނުދަންނަ ފަހަރު އާދެއެވެ. ބުނެދިނަސް އެމީހުންނަށް އެކަން ދޭހަނުވެ ނޫނީ ނުބައިކޮށް ނެގޭފަހަރުވެސް އަންނާނެއެވެ. ކިތަންމެ ރަގަޅު ނަޒަރިއްޔާތެއް ގެންގުޅުނަސް އެއީ ކިތަންމެ ރަގަޅުކަމަކަށް ވިޔަސް އެހެން މީހުން އެކަން ބަލައިނުގެންފާނެއެވެ. އެކަމަކު އެއިން ކޮންމެ ފަހަރެއްގައި ތިބާއާއެކު ﷲ ސުބުހާނަހޫ ވަތައާލާ ވޮޑިގެންވާކަން ހަނދާންކުރާށެވެ. އެންމެނަށްވުރެ ބޮޑަށް ތިބާގެ އިހުސާސްތަކާއި ނިޔަތް ދެނެވޮޑިގެންވަނީ އެފަރާތެވެ."

***

ޒެފްރީނާގެ އާއިލާގެ ފަރާތުން އެދެބެންނަށް ހޫނު މަރުހަބާއެއްކިއެވެ. ބޮޑު އާއިލާއެއްކަމުން އެންމެން އެއްވެ އެގޭ ބޮޑު ގޯތިތެރޭގައި ސައިބޮއި އެކަކު އަނެކަކަށް ތައާރަފުވިއެވެ. އަސްލަންއާއި ޚައިރާއަށް އެންމެންގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބުނީ ހީނުކުރާވަރަށެވެ. އެހުރިހާ އުފަލަކަށްފަހު ޚައިރާ ކޮޓަރިއަށްގޮސް ނިދަން ތައްޔާރުވިތަނާ ލިބުނު ޚަބަރަކުން ޝޮކަކަށް ދިޔައެވެ.

މޫނު އަޅައިގެން ތިބި ބަޔަކު އޭނަގެ "ފްލާވާލޭންޑް" ގައި ރޯކޮށްލީއެވެ. އެތަނުގައި ތިބި ކުދިންނަށް ނުކުމެވުނީ ހަމަ ކިރިޔާއެވެ. އޭނަ އެހާ ލޯބިން އެތަނެއްގައި ވަގުތު ހޭދަކުރި ފިހާރަވެސް ނިރުބަވެރިންގެ ޝިކާރައަކަށް ވެގެން ދިޔައީއެވެ.

އޮރެންޖް މަޑު ހިތްފަސޭހަ އައްޔެއްގެ ތެރެއަށް ކޮޓަރި ގެނބިފައިވާހިނދު އޭސީގެ ފިނިކަމާއެކު މީރުވަހެއް ހިފާލާފައިވިއެވެ. ޚައިރާގެ ދެފަރާތުގައި އޭނަގެ މަންމައާއި ބޭބެ އަސްލަން ތިބިއިރު ޚައިރާއިނީ ހެޑް ބޯޑަށް ލެނގިލައިގެންނެވެ.މަންމައާއި އަސްލަން ހިތްވަރުދިނަސް އޭނަގެ ހިތް ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ޚައިރާގެ ލޮލުން ހިފެހެއްޓުމެއްނެތް ރުޅިވެރި ކަރުނަތައް ތިރިއަށް ދެމިގަތެވެ.

"ހާދަ ރީތި މާތަކެކޭ އެދިޔައީ.."

"ޑޯންޓްވޮރީ. ޓަނެއްގެ މާ ވެސް ގެނެސްދެވިދާނެ. އެއަށްވުރެ ބޮޑު ރީތި ފިހާރައެއް އެޅިދާނެ. އިހަށް އެކަންތައްތަކާ ނުވިސްނާ ހަނދާނުން ނުފިލާނެ ޗުއްޓީއެއް ހަދާލަމާ.............." އަސްލަން ޚައިރާގެ ބޮލުގައި ފިރުމައިލިއެވެ.

"ކޮންމެ އެއްޗަކަށް ނިމުމެއް އަންނާނެ ދަރިފުޅާ. އިންސާނުންނާއި ޖިންނިން އަދި ދުނިޔޭގައިވާ ކޮންމެ އެއްޗެއް ފަނާވާނެކަމަށް ގަބޫލުކުރަމެއްނު. އެއްވެސް އެއްޗަކަށް އަދި އިންސާނަކަށްވެސް މާ ބޮޑަށް އެޓޭޗް ވުމަށްވުރެ ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކުރަން ޖެހެނީ. ވީ ވިލް ރިޓާންޓު އަވާ ލޯޑް...ދަ އޯލްމައިޓީ......."

މަންމަގެ ވާހަކަތަކުން ޚައިރާގެ ކަރުނަތަކަށް ހުއްޓުން އެރިއެވެ. ޓިޝޫއަކުން މޫނުމަތި ސާފުކޮށްލިއެވެ.

"ޚައި ބުނަން ވާހަކައެއް. ބުނީމެއްނު ހާރިސްއާއި މެރީކުރިޔަސް އޯކޭއޭ. އައި ޓޭކް ދެޓް ބެކް. އަދި އަމުދުން މިހާރު އެ ނިރުބަވެރިންނަށް އިތުބާރުކުރާނީ ކިހިނެއްތަ؟ ބައްޕަ ކުރިއަށްވުރެ ބޮޑަށް ރުޅިދުރުވާނެ......"

"ދަރިފުޅާ. ހާރިސްއަށްވުރެ ރަގަޅު މީހަކަށް ބައްޕަ ދައްކާނީ ކާކު؟ އީސާއީއެއް؟ ދަރިފުޅަށް ކޮއްކޮ މުސްލިމެއްކަން އެނގެއެއްނު. ގައިޑެންސް ލިބުމަށްފަހު އަލުން އަނބުރާ އަނދިރިކަމުގެ ތެރެއަށް ހިނގައްޖެ މީހަކީ ބަދުނަސީބުވެރިންގެ ތެރޭ ހިމެނޭނެ މީހެއް. ކޮންމެ ނަމާދެއްގައި ގައިޑެންސް ދެއްވުމަށް އެދި ދުޢާކުރަނީ. ކޮންމެ ރަކުއަތެއްގައި އަލްހަމްދު ކިޔަވާއިރު އެކަމަށް އެދި އެބަ ދަންނަވަން. އެ ނަސީބު ކޮންމެ ކޮންމެ މީހަކަށް ހޯދައިގަންނާކަށް ނޭގޭ..އަސްލަންއަށް އެނގޭތަ؟ މަންމަވެސް މުސްލިމެއްގެ ގޮތުގައި ހުރެ އީސާއީއަކަށް ފޯލް ވުމަކީ ހެދުނު ގޯހެއް. ވަރަށް ބޮޑު ގޯހެއް. ލިބޭ ދަރިންވެސް މުސްލިމް ކުދިންގެ ގޮތުގައެއްނޫން ތަރުބިއްޔަތުކުރެވުނީ. އެކަމަކު މަންމައަށް މައިންބަފައިންގެ ހެޔޮ ދުޢާގެ އަސަރުކުރީ. މާމަ ބުނި އެއްޗެއް އެނގޭތަ؟ ކޮންމެ ނަމާދެއްގެ ފަހުގައި މަންމައަށް ތެދުމަގު ދެއްކެވުމަށް އެދި ދުޢާކުރި ވާހަކަ.................." ޒެފްރީނާގެ ލޮލުން ކަރުނަ ހިލުނެވެ.

"މާޝާﷲ..." ޚައިރާ ވެސް ޖަޒުބާތީވިއެވެ. ތެދުވެ މަޑުމަޑުން މަންމަގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

އަސްލަން މޫނުމަތިން އަސަރެއް ނުދައްކާ ހިމޭނުން އިނީ އެއްފައި ދަމާލައިގެންނެވެ.

"އެކަމަކު މަންމަގެ ކިތައް އެކުވެރިން ގޯސް ހަދައިފި. ކުދިން ބޮޑެތިވެގެން އެހެން ދީންތަކުގެ މީހުންނާއި ކައިވެނިކޮށްގެން ދީންވެސް ދޫކޮށްލައިފި. ނަމެއްގައި މުސްލިމުން ފިޔަވާ ދީނީ އެއްވެސް ކަންފުޅެއްނެތް. މިއަދު މަންމަ އެންމެނަށް ދޭން ބޭނުންވާ މެސެޖަކީ ދުނިޔޭގެ އުފަލަށްޓަކާ ދީން ދޫކޮށްނުލާށޭ........."

"މަންމަވެސް ދަރިންނަށްޓަކާ ކުރަނީ ހަމަ އެ ދުޢާ...ޖަންނަތުގައި އެކުވާން އެދެނީ......................."

"މަންމަ ހާދަ ޗޭންޖްވެއްޖެއޭ ދޯ.."އަސްލަން ކުޑަކޮށް ހީލިއެވެ.

"ބަދަލުވީއެއްނޫން. ގައިޑެންސް ދަރިފުޅާ. އެއީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނަސީބު. މަންމަމެން މުސްލިމެއްގެ ގޮތުގައި އުފަންވީއިރުވެސް އެ ނިއުމަތް ބަލައިނުގަނެ ގޯސް ރާސްތާ ޚިޔާރުކުރެވުނީ. ކަށްވަޅުގައި ހޭއެރުމުގެ ކުރިން ލޯ ހުޅުވުނީތީ ހަމްދުކޮށްފިން....."

މިއަދު ޒެފްރީނާ ދަރިންނަށް ދެނީ މަންމައަކަށް ދެވޭނެ އެންމެ ރަގަޅު ނަސޭހަތެވެ.

***

އަސްލަން އޭނަގެ ބައްޕައަށް ގުޅައިގެން ހުރެ ދެއްކި ވާހަކަ ޚައިރާއަށް އިވުނީ އޭނަ ބެލްކަންޏަށް ނިކުންނަން އައި ވަގުތުގައެވެ. ޚައިރާގެ ހިތް ހުއްޓުނުހެން ހީވިއެވެ. އަސްލަން އޭނަގެ ބައްޕަ ގާތުގައި ބުނީ ހާރިސްއާއި ޚައިރާގެ ކައިވެނި ކޮންމެގޮތެއް ހަދާފައިވެސް ހުއްޓުވުމަށެވެ. ހާރިސްއަކީ ޝައިތާނުން ތިބެންޏާ ޝައިތާނެއްކަމުގައެވެ. އެއްގޮތަކަށްވެސް އިތުބާރުނުކުރެވޭ މީހެއްކަމުގައެވެ. މީހުންގެ ސިކުނޑި ދޮވެލާ ދުނިޔެއަށް ހުރި ބިރެއްކަމުގައެވެ. ހާރިސް ނެތް ދުނިޔެއަށް އަމާން ވާނެކަމުގައެވެ. ޚައިރާ އަނބުރާ ދިޔުމުން ހައްޔަރުކޮށްގެންވެސް ހުއްޓުވަން ޖެހޭނެކަމުގައި އަސްލަން ބުނެލުމުން ޚައިރާއަށް ރޮވޭގޮތްވިއެވެ. އެވާހަކަދައްކަނީ ހަމަ އޭނަގެ ބޭބެ އަސްލަންހެއްޔެވެ؟ އޭނަދެކެ އެއްވެސް ވަރަކަށް ލޯބި ނުވަނީހެއްޔެވެ؟ ޚައިރާ އަވަހަށް ފިޔަވަޅުގެ އަޑު ނީއްވާ ފަހަތަށް ޖެހުނެވެ.

***

ޒެފްރީނާއާއި އަސްލަން އަދި ޚައިރާ އަލާނާދެކެލަން އެގެއަށް ދިޔައިރު އަލާނާއާއި އާއިލާ އެންމެން އެގޭޭ ބޮޑުކޮޓަރީގައި އިންތިޒާރުގައި ތިބެފައި ކޮޅަށް ތެދުވުނެވެ. އަލާނާގެ މަންމައާއި ބައްޕަ އަދި ބޮޑުދައިތަމެންނާއި މާމަ ކާފަ އަދި އަލާނާވެސް އިނެވެ. އަލާނާ ފެނުމާއެކު އަސްލަންއަށް އެއީ މަންމަ އެބުނި ލޯބި އަންހެންކުއްޖާކަން ދެނެގަނެވުނީ އެފަދަ ރީތިކަމެއް އޭނައަށްވެސް އޭގެ ކުރިން ފެނިފައިނުވާތީއެވެ. އެންމެ ނަޒަރަކުންވެސް މީހުންގެ ހިތްތައް ދަމައިގަންނާނެފަދަ ސިހުރުވެރި ބޮޑު ލޮލަކާއި ދޮންކުލައެކެވެ. ކަޅުބުރުގާގެ ތެރެއިން އެ މޫނު ފެންނައިރު ދޮންކަން ވަކިން ދިއްލިފައިވިއެވެ.

"އައްސަލާމް އަލައިކުމް....." ޒެފްރީނާއާއި ޚައިރާ ސަލާމް ގޮވައިލިއެވެ.

"ވައަލައިކުމުއްސަލާމް ވަރަހުމަތުﷲ ވަ ބަރަކާތުހޫ....."

އެންމެނަށް ތައާރަފުވުމަށްފަހު ކެއުމުގައިވެސް އަސްލަންގެ ފަރާތުން ފެނުނީ އެކުވެރިކަމާއި ސަމާސާ މިޒާޖެވެ. އަތްދިގު ހުދުނޫކުލައަކަށް ދާ ގަމީހާއި ފަޓުލޫނުގައި ހުރިއިރު އަތުގައި އޮތް އެޕްލްގަޑިއާއި ކަރުގައި އަޅާފައި އޮތް ތުނި ފަށުން މޮޑެލްއެއްހެން ހީވިޔަސް ކުޑަކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން އިސްލާމީ ޝަޚުސިއްޔަތެއްވެސް ދައްކުވައެވެ.

"ކޮންއިރަކު ދެން ކައިވެނި ހަމަޖައްސަންވީ؟ އަސްލަންގެ ބައްޕަވެސް ދުރުވާންވާނެއްނު..............."

"ވީހާވެސް އަވަހަށް..ނޫންތަ ދަރިފުޅު؟" ޒެފްރީނާ އަސްލަންގެ މޫނަށް ބަލައިލިއެވެ.

"ތެދަށް ބުނަންޏާ ބައްޕައާއި މަންމަވަނީ ދީނީ މައްސަލައިގާ ވަކިވެފައި. ބައްޕަ އެހެން ފަހުން ވަނީ އެހެން މީހަކާއި ކައިވެނިކޮށްގެން އެހެން ދިރިއުޅުމެއް ހޯދާފައި އެހެންވީމަ ބައްޕަ އަޅުގަނޑުމެންގެ ކައިވެންޏަކަށް ދުރުވާނެހެން ހިޔެއްނުވޭ. މަންމަވެސް ރާއްޖޭގައި ދިރިއުޅުން ނިންމީ. އޮޅުވާލައިގެން ކައިވެންޏާއި ހަމަޔަށް ދާކަށް ބޭނުމެއްނޫން. އަަޅުގަނޑުމެންނަށް ކުޑައިރު އުޅެވުނީ ދީނާއި ކައިރިއަކުން ނޫން. އުފަންވެ ބޮޑުވީވެސް ކްރިސްޓިއަނުންގެ ތެރޭގައި ކަމުން ފެނުނީ އެސަގާފަތް. އެކަމަކު.............." އަސްލަން އިސްޖަހައިލިއެވެ.

"ރިވާޓްސް އިން މާރަގަޅޭ ކިޔާ އަޑު އަޅުގަނޑުމެން އަޑުއަހަން. ޒެފްރީންގެ އާއިލާއަކީ ދީންވެރި ގަދަރުވެރި އާއިލާއެއް. ހުރިހާކަމެއް ރަގަޅުވާނެ އިންޝާﷲ. އަޅުގަޑުގެ ދަރިފުޅު އަލާނާ އިސްތިޚާރާކުރި......." އަލާނާގެ ބައްޕަވެސް ވައްތަރީ ޝޭޚަކާއެވެ.ނުކޮށާ ދޫކޮށްލެވިފައިވާ ތުނބުޅިއަކާއިއެކު އަރަބި ވައްތަރެއްގެ ހެދުމެކެވެ. ނުރަވާން ފަށާފައިވާ އިސްތަށިގަނޑުގައި ހީނާފަތް އަޅާފައި ވުމުން ހިތްގައިމެވެ.

"މި އަންނަ ހަފްތާގެ ހުކުރު ދުވަހުގެ އަސުރު ނަމާދަށްފަހު ކައިވެނި ކުރުން ކިހިނެއްވާނެތޯ؟"

"ރަގަޅުވާނެ....." ޒެފްރީނާގެ ޖަވާބު އަވަހެވެ.

އަލާނާގެ މޫނު ފެނުނީ އިރުކޮޅަކަށެވެ. ފަހުން އައީ ނިގާބު އަޅައިގެން މުޅިން ފޮރުވިގެންނެވެ. އެތާ ބޮޑަށް ދެކެވުނީ ދީނުގެ ވާހަކައެވެ.

އަސްލަން އެ މައުޟޫއަކަށް އެހާ ޝައުގެއްނެތެވެ.

ހަގީގަތަކީ އޭނަގެ ހިތް އަދިވެސް އިސްލާމްދީނަކަށް ނުލެނބެއެވެ. ކިރިޔާވެސް ރަގަޅުކަމެއް ފެންނައިރަށް ހަނދާނަށް އަންނަނީ އެލީސާއެވެ. އެލީސާއަށް ކެހިދެވި ގާތިލުން ކޮޅަށް ޖެހުމަކީ އެލީސާގެ ފުރާނައަށް ދެވޭ އަނިޔާއެކެވެ. އަސްލަންގެ މޮޔަ ސިކުނޑިން ބައެއްފަހަރު ވިސްނާގޮތުން އެލީސާގެ ކަންތައް އެހިސާބުން ނިމުނީއެވެ. މަރުވުމަށްފަހު އިންސާނުންގެ ހަނދާންތައް އެހެން މީހުން ކުރާނީއެވެ. އިންސާނުން ދުނިޔެއަށް އައުމުގެ މަގުސަދެއް އޮތްކަމަކަށް އޭނަ ނުދެކެއެވެ. އުފާކޮށްފައި މަރުވެގެންދާންވީއެވެ. ކުރިން އެ ފިކުރު ބޮޑުވިޔަސް މިފަހަކަށް އައިސް ޚިޔާލު ދެއަތަށް ކިރެމުންގޮސް އެންމެފަހުން ކާއިނާތާއި ދުނިޔޭގައިވާ ކޮންމެ އެއްޗަކާއިމެދު ވިސްނަން ފެށުމުން "ކްރިއޭޓާ" އެއްނެތި މިހާ ފުރިހަމަ ޑިޒައިންއަކަށް ކޮންމެ ކަމެއް ނުވާނެކަމުގައި ހިތަށް އަރަންފެށިއެވެ. އޭނަވަނީ ބިގްބޭންގް އަދިވެސް ކާއިނާތުގައި ލައްވާފައިވާ ބްލެކްހޯލްފަދަ އަޖައިބުކުރުވަނިވި ކަންތައް ދިރާސާކުރަންފަށާފައެވެ. ސްޕޭސް ރާސްބެރީއާއި ރަމް، ޑައިމަންޑް ޕްލެނެޓް، އެ ޕްލެނެޓް އޮފް ބާނިން އައިސް، ހައިޕަވެލޯސިޓީ ސްޓާރސް، ދަ ހިމިކޯ ކްލައުޑްފަދަ އެއްޗެހި ބަލަމުން ދިޔަވަރަކަށް ކައުނުގެ ބޮޑުކަން އެނގި މަތިވެރި ފަރާތެއްވާކަމަށް ވިސްނުނެވެ. ސައިންސްވެރިން އާ ކަންތައް ހޯދާވަރަކަށް އެކަމެއް ދެނެގަންނަން އޭނަވެސް ބޭނުންވިއެވެ.

***

ޚައިރާ އެރިކްއަށް މެސެޖް ކުރިއިރު އޭނަ ހުރީ ހާރިސްއާއެކު އުމްރާ ދަތުރެއްގައި މައްކާގައެވެ. ހާރިސް ކުރުނުކޮށްގެން މަޖުބޫރުވީ ދަތުރެއްކަމުގައި ޚައިރާ ގާތު އޭނަ ބުނެލިއެވެ. ނަމަވެސް ކައުބަތުﷲގެފުޅު ފެނުމުން ދުވަހަކު ނުކުރެވޭފަދަ އިހުސާސްތައް ކުރެވި ރޫހާނީ ހިތްހަމަޖެހުން ލިބުނު ކަމަށާއި އީމާންތެރިކަން ވަރުގަދަވެއްޖެކަމުގައި އެރިކް އެއްބަސްވިއެވެ. އެކަމަށް ﷲއަށް ހަމްދުކުރެވުނު އަދަދެއްވެސް ނޭގެއެވެ.

"އެރިކް. ޕްލީޒް ހެލްޕް މީ. އަސްލަންގެ ނިޔަތް ރަގަޅެއްނޫން. ބައްޕައަށް ގުޅައިގެން ބޭބެ ދެއްކި ވާހަކަތަކުން ހީވަނީ އެނބުރި ގައުމަށް ދިޔުމުން ހައްޔަރުކުރާނެހެން. އެކޮޅަށް ދާން ބޭނުމެއްނޫން. އެރިކް ހާރިސް ގާތު ބުނެދީފާނަންތަ؟"

"ކީކޭ ބުނަންވީ؟"

"ނޭގޭ. އެހީވާށޭ....."ޚައިރާ ލަދުވެސް ގަތެވެ.

ހާރިސްގެ އަންބަކަށް ވުމަށް ވުރެ އޭނަ އެދޭ އެހެން ކަމެއް ނެތޭ ހާރިސްގެ ބޭބެ ގާތު ބުނަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އޭނައަކީ ލަދުހަޔާތެއްނެތް އަންހެންކުއްޖެކޭ އެރިކް ހިތަށް އަރާފާނެއެވެ.

"ޑޯންޓްވޮރީ ޚައި. އެހެން މީހުންގެ އެހީއަށް ނޫން އެދެންވީ. ދުޢާކުރަންވީ އޯލްމައިޓީއަށް. ހީ ވިލް ހެލްޕްޔޫ. އިންސާނުންވެސް އުޅެންވާނީ އެކަކު އަނެކަކަށް އެހީތެރިވެދީ އަޅާލައިގެން އެކަމަކު އެކަނިވެރިވާވަގުތުވެސް އެހީތެރިވެވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲ ކަމުގައި ގަބޫލުކުރަންވާނެ. ހާރިސްގެ ފަރާތުން ދަސްވެފައިވާ ކުޑަ މިންވަރެއް މިބުނެދިނީ....." އެރިކްގެ ޖުމްލަތަކުން ޚައިރާއަށް ހިތްވަރު ލިބުނެވެ.

އޭނަގެ ބައްޕައާއި ބޭބެ ކިތަންމެ މޮޅު ރޭވުންތައް ރޭވިޔަސް ﷲ ސުބުހާނަހޫ ވަތައާލާ ރާއްވަވާފައިވާގޮތް ބަދަލެއްނުކުރެވޭނެއެވެ. އޭނަގެ ދިރިއުޅުން ކުރިއަށް ދާނީ ލައުހުލްމަހުފޫޒުގައި ލިޔުއްވާފައިވާ ގޮތަށެވެ.

އެރިކް ޚައިރާއަށް ފޮނުވީ އޭނައާއި ހާރިސްގެ ސެލްފީއެކެވެ. ހާރިސްގެ އެފަދަ ހިތްގައިމު ހިނިތުންވުމެއް ޚައިރާއަށް ފެނުނީ އަލަށެވެ. އެފޮޓޯއަށް ބަލަން އޮވެވުނީ ކިހާއިރެއްވާންދެން ކަމެއް ނޭގުނެވެ.

***

އަސްލަން އާއި އަލާނާގެ ކައިވެނީގެ ހަފްލާވެސް ވަރަށް ވަރުގަދައެވެ. އެތައް ބަޔަކަށް ދައުވަތުދެވިފައިވިއެވެ. ދެފަރާތުގެ އާއިލާތަކާއި ވިޔަފާވެރިވެރިންނާއި ގަދަރުވެރިންވެސް ބައިވެރިވިއެވެ. އަސްލަންއާއި އަލާނާއަށް މަރުހަބާ ކިޔުމަށްފަހު އެންމެން މަޝްޣޫލުވީ ކާތަކެއްޗާއިގެންނެވެ.

"ވަރަށް އުފާވެއްޖެ މިހާ ރަގަޅު ފަހަރިއެއް ލިބުނީމަ..ޔޫ ލުކް ސޯ ބިއުޓިފުލް މާޝާﷲ....." ޚައިރާ މަރުހަބާކިޔުމަށްފަހު ބައްދައިލިއެވެ. ޒެފްރީނާވެސް ޅީދަރިފުޅުގެ ނިތްކުރިއަށް ބޮސްދެމުން ހެޔޮ ދުޢާކުރިއެވެ. އެންމެންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ. އަސްލަން ޚައިރާގެ ކޯތާފަތުގައި ހިފައިލިއެވެ.

"ދެން އޮތީ ޚައިގެ ފަހަރު. މިތަނުންވެސް ވަރަށް ސުއިޓަބްލް ޖެންޓްލްމެން އެބަފެނޭ. ކަމުދާ ކުއްޖަކު ފެނިއްޖެއްޔާ ބުނެލައްޗޭ.....އެރެންޖްކުރަން. މިއަށް ކިޔަނީ ހަލާލް ލަވް ދޯ............."އަސްލަން ހިނިގަނޑެއް ޖަހައިލިއެވެ.

"ފަހަރި ވަރަށް ކިއުޓް. ދެރަގޮތެއް ނަހަދާތި..."

"އޭނައަށް ވުރެ ރަގަޅުތަ؟"

"ކާކުތަ؟"ޚައިރާ އެނގޭކަމަކަށް ނެހެދިއެވެ.

"މިހާރު ބެސްޓްފްރެންޑް މަތިން ހަނދާންނައްތައިލީ ދޯ....."

"ފްރެންޑުންނާއި ފަހަރިން ވަރަށް ތަފާތުވާނެ. އަލާނާއާއި އޮތީ އެހެން ގުޅުމެއް........އަލާނާގެ ސަބަބުން ދޮންބެއަށް ރަގަޅު މަގު ފެނުމަށް އެދެނީ އިންޝާﷲ. އެދުވަހެއް ދެކޭހިތުން ކެތް ނުކުރެވޭ. ތިހާ ސަކްސެސްފުލް މަޝްހޫރު ޒުވާން ޑޮކްޓަރެއް އިސްލާމްވެއްޖެއްޔާ ގިނަ މީހުން އިންސްޕަޔާވާނެ. ސަބަބަކީ.............."

"ސަބަބަކީ އިންސާނުންނަކީ އިންސާނުންކަމަށްވާތީ..."އަސްލަން ޚައިރާގެ ޖުމްލަ އޭނައަށް ފެންނަގޮތަކަށް ނިންމިއެވެ.

"އިންސާނުންގެ ސިކުނޑިން ވިސްނާގޮތް އެއީ. އެތީސްޓުންވެސް ވިސްނަނީ އެހާ ތިލަކޮށް. މިއޮތް ބޮޑު ކައުނު ހެއްދެވިފަރާތާއިމެދުވެސް އެމީހުންގެ ނަޒަރިއްޔާތު ތަފާތުކޮށް އޮތީ. ސަބަބަކީ އިންސާނުންނަށް ލިބިފައިވާ އިލްމުގެ މަދުކަން. ކޮންމެ ކަމެއް ސައިންސްގެ އަލީގައި ހެކި ހޯދާ އަދި އިންސާނުންގެ ހުދޫދުން ބޭރުގައިވާ ރޫހާނީ ކަންތައްތައް ދެނެގަތުމުގައި ނުކުޅެދެނީ. އެހެން އެވަނީ އިންސާނުންގެ ބުއްދިއަށް ވިސްނައި ނުގަނެވޭ ހިތަށް ނުގެނެވޭނެ އަދި ޚިޔާލަށްވެސް ނުގެނެވޭނެ ފަދަ ކަންތައްތައް ގަބޫލުކުރަން ބޭނުންނުވާތީ. އަޅުގަނޑުމެން އިންސާނުން ވިސްނާގޮތަކަށް ނޫން ހުރިހާ ކަމެއް ހިނގާނީދޯ. މިކިޔެނީ ކީކޭ؟ އަސްލު ބުނެދޭކަށް ނޭގުނު..........." ޚައިރާ ހާރިސް ނަކަލުކުރަން އުޅެގެން މިއަދު އެކަމެއްނުވިއެވެ. ހާރިސްގެ ދަރުސް ރަގަޅަށް ހަނދާނެއްނުވެސް ވިއެވެ.

"އައި ނޯ. ދެއަސް އެ ޕަވާ...ހުރިހާ ފަރާތަކަށްވުރެ ބާރުގަދަ...."

"އޯލްމައިޓީ ﷲ......" ޚައިރާ އަސްލަންގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ.

އަސްލަންގެ ލޮލުގެ ކުރިމަތިން އެލީސާގެ މައުސޫމް މޫނު "ފްލޭޝް"ވެލިއެވެ. އޭނަގެ ބުމަ ކައިރިވުމާއެކު އަނެއް ފަރާތަށް އެނބުރުނެވެ."ޚައި މޮޔަނުވޭ. އެލީ ދާތާކަށް އަހަރެންވެސް ދާނީ. އެލީ ނަރަކައަށް ދޫކޮށްފައި އުފަލުގައި އުޅެވޭނެތަ؟"

"އަސްލަން.....ހާދަ މޮޔައޭ....." ޚައިރާ ވާހަކަދައްކަން ފަށާފައި ބަލައިލިއިރު އަސްލަން ދުރަށް ހިނގައިގެންފިއެވެ.

***

އަސްލަންއާއި އަލާނާގެ ކޮޓަރިތެރެ މަލާއި އުއްބައްތި އަދި ރީތި އަލިތަކުން ޒީނަތްތެރިކޮށް ލޯތަރަތަރަޖަހައިގެންދާހާ ފުރިހަމައެވެ. ބިންމަތީގައި މަލުގެ ދޫލައެކެވެ. އަލާނާގެ ރީތިކަން އެ މަންޒަރާއި އަޅާކިޔޭވަރަށްވުރެ ފުރިހަމައެވެ. ނަމަވެސް އަސްލަންއަށް މިއިން އެއްވެސް ކަމަކުން އުފަލެއް ނުލިބުނެވެ. އަލާނާ ކިތަންމެ ރީއްޗަސް އޭނަގެ ހިތް ލެނބޭނެގޮތެއް ނުވިއެވެ. އޭނަ ބޭނުންވީ ސިއާރާ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް އޭނަ ކައިވެނިކުރިކަން އެނގުމެވެ. އެވެސް ނިގާބީއަކާއެވެ. އޭރުން ސިއާރާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދޭނެއެވެ. އޭނަގެ މަތިން ހަދާން ނައްތައިލަން އުދަގޫވާނެއެވެ.

"އަލާނާ. އަހަރެން ބޭނުން މިރޭ ވާހަކައެއް ބުނަން..."

"ލައްބަ..." އަލާނާގެ މޫނަށް މަލުގެ ހިޔަނި އެޅިފައިވާފަދައެވެ. އުއްބައްތިތަކުގެ އަލީގައި އެކުއްޖާ ފެންނަނީ ހުވަފެނީގޮތަކަށެވެ. އެކަމަކު އަސްލަން އަލާނާގެ މޫނަށް ބަލާނުލާ އެނދުގައި އިށީދެލައިގެން އިނެވެ. އެ އަޅިލޮލުން ފެންނަނީ މޮޅިވެރިކަމެވެ.

"އަހަރެމެން ކައިވެންޏަށްފަހު ކިރިޔާ އެކުވެރިކަންވެސް ފެށޭނީ ދޯ. ހަގީގަތުގައި އަހަރެންގެ ޕާސްޓެއް އެބައޮތް. މާޒީ މުހިއްމު ނުވެވެސް ހިނގައިދާނެ. އެންމެންވެސް ބުނާނެ ހަޔާތުގެ ސަފުހާތައް އަލުން ހުޅުވައިގެން ބެލުމުގެ މާނައެއް ނެތޭ. އެއީ ތެދެއް. މުހިއްމުވާނީ ކުރިމަގު. އެކަމަކު އަހަރެންގެ ހަޔާތުގެ ޚާއްސަ ސަފުހާތަކެއްއޮތް. އަހަރެންގެ ފަސްޓް ލަވް.......އޭނަ އަހަންނަށް ގެއްލުނީ. އެކަމަކު އަބަދަށްޓަކާ ހިތުގައި ރައްކާކުރަން އަހަންނަށް ކަމެއްކުރެވުނީ. އެކަމާއި މިއަދު ރިގްރެޓްކުރަންވީ ކަމެއް ނޭގޭ..."އަސްލަން އޭނަ ލައިގެން ހުރި ގަމީސް ބޭލިއެވެ. އަދި އަލާނާއަށް އޭނަގެ މޭމަތީގައި ހުރި ޓެޓޫ ދެއްކިއެވެ.

އަލާނާގެ ލޯ ކޮންމެވެސް ވަރަކަށް ބޮޑުވިއެވެ.

"މައި ސްޓެޕް ސިސް..." އަސްލަން މޭމަތީގައި ފިރުމައިލިއެވެ. އެއަށްފަހު ގަމީސް ލައިގެން ގޮށްތައް އަޅުވަންފެށިއެވެ." އަހަންނަށް އޭނަ ދުނިޔޭގައި ހުރިކަމެއް ހުރިނަމަ ހުރީ ކޮންތާކު ކަމެއްވެސް ނޭގޭ. އޭނަ ހިނގައްޖެ...ލެފްޓް މީ....އެވާހަކައެއްނޫން. އަހަރެމެން ހަނީމޫނަށް ދާނީ ތުރުކީއަށް. ބައްޕަ ދެއްވި ދަތުރެއް. އަލާނާ އެގައުމަށް ދާން ބޭނުންތަ؟"

އަލާނާ ވަގުތުން ބޯ ޖެހިއެވެ.

***

"އަސްލަން. ތިއީ ކޮންކަމެއް؟ ސޯޝަލްމީޑިއާއާއި އެކުވެރިންގެ ފަރާތުން މި ޚަބަރު ލިބުމުން ޝޮކަކަށް ދިޔައީ. ހައުކެން ޔޫ ޑޫ ދިސް ޓު މީ އަސްލަން." މާކް ފޯނުން ވާހަކަދެއްކިއިރު ހަރުކަށިކަމެއް އެކުލެވެއެވެ.

"ޑޭޑް. އައިމް ސޮރީ. މިއީ ސީރިޔަސްކޮށް ކުރިކަމެއްނޫން. ސިއާރާއާއި ހަމަޔަށް ފޯރަންވެގެން..."

"އެކަމަކު އަސްލަން ތިހާ ފިނޑިވީ ކޮންއިރަކު؟ ތިހާ މޮޔަ ބޭކާރު ކަންތައް ކުރާހާ ޒިންމާކުޑަވީތަ؟ ސިއާރާވެސް ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށައިފި. ދެން އެމީހުން ފަހަތުން ނުދުވެ އެހެން ބައިވެރިޔަކު ހޯދާ. ދުނިޔެއިން އަންހެނުން ހުހެއްނުވޭ. އިންފެކްޓް އަންހެން އާބާދީ ބޮޑުވެފައި އެއޮތީ..."

"ޑޭޑް. އަޅުގަނޑު ސިއާރާދެކެ ލޯބިވޭ. ވަރަށް ބޮޑަށް.." އަސްލަންއަށް ވާހަކަދައްކަން އުދަގޫވިއެވެ."ކައިވެނި ކުރާނަމޭ ކިޔާފައި ބިޓްރޭ ކުރީމަ....ޝީ ރުއިންޑް މީ..........."

"ދަރިފުޅަށް ދުނިޔެ ދަސްނުވަނީ އަދި..ފައިސާއަކީ ހުރިހާވެސް ބާރަކީ. ފައިސާއިން ނުވާނެ ކަމެއް ދުނިޔެއަކުނެތް. ހުރިހާވެސް އެއްޗަކީ ފައިސާ............................."މާކްގެ އަޑު މަޑުވިއެވެ.

***

ޚައިރާއަށް ކައިވެނީގެ ހުށަހެޅުން އައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އެރިކްއާއި ހާރިސް އުމްރާ ދަތުރަށްފަހު ސީދާ އައީ ރާއްޖެއަށެވެ. ރަން ކިޔަން ފޮނުވުމުން ލިބުނު އުފަލުގައި ހޭ ނުނެތުނީވެސް ކިރިޔާއެވެ. އުފަލުންގޮސް މީހެއްގެ ހިތް ހުއްޓި މަރުވި ޚަބަރުލިބި ދެން އޭނަ ހައިރާނެއް ނުވާނެކަން ގައިމެވެ. ޚައިރާ ރަން ކީ އުމްރާ ދަތުރަކަށެވެ. ވީހާވެސް އަވަހަށް މައްކާއާއި މަދީނާއަށް ދަތުރުކުރެވެން އޮތީ އުމްރާ ދަތުރެއް ލިބިގެންނެވެ. ޚައިރާ މަންމަގާތު ބުނުމުން މަންމަ އެންގީ އަސްލަންއަށް ސިއްރުން އެކައިވެނި ކުރުމަށެވެ. އަސްލަންއާއިމެދު މަންމައަށްވެސް ޔަގީންކަމެއް ނެތީއެވެ. ކައިވެންޏަށްފަހު އެނގުނަސް ކުރާނެ މާ ބޮޑުކަމެއް ނޯންނާނެއެވެ. ޚައިރާ ހާރިސްއާއެކު މާލޭގައި ދިރިއުޅެވިދާނެތާއެވެ.

ހާރިސްއާއި ޚައިރާގެ ކައިވެންޏަށްފަހު އެންމެން އެއްކޮށް ކޯޓުން ނިކުމެވުނީ އަސްލަންގެ ކުރިމައްޗަށެވެ. އެރިކްއަށްވެސް ލިބުނު ޝޮކާއެކު ލަދުވެތިކަމުގެ އަސަރުތައް މޫނުން ފާއްދާލައިފިއެވެ. އޭނައަށް ފަހަރަކު މީހެއްގެ މޫނަށް ބެލެމުން ދިޔައެވެ. ޒެފްރީނާގެ

"އަސްލަން......."އެރިކް އެއްޗެކޭ ބުނަން އުޅުނެވެ.

އަސްލަން ދުރުގައި ފިޔަވަޅު އަޅަމުން އައިސް ޚައިރާގެ ގާތުގައި ހުއްޓި އަތުގައި އޮތް ކުޑަކުޑަ ފޮތް ދަމައިގަތެވެ.އޭރުވެސް އެއީ ކޯނޗެއްކަން އޭނައަށް މާރަގަޅަށްވެސް އެނގުނެވެ. އޭނަގެ ކައިވެންޏަށްފަހުވެސް ދެމަފިރިންނަށް އޭގެ ފޮތެއް ލިބުނެވެ. ޚައިރާއާއި ހާރިސްގެ ހިނިތުންވެފައިވާ ފޮޓޯތަކުން އޭނަގެ ފުރާނަވެސް އުދުހިގެން ދިޔަފަދަ އިހުސާސެއްކުރެވުނެވެ. އޭނަގެ މަންމައާއި ކޮއްކޮވެސް އޭނައަށް އޮޅުވައިލީއެވެ. ކެހިދިނީއެވެ. ހުރިހާ އަންހެނުންނަކީވެސް ނުބައި ބަޔަކީއެވެ. ރުޅިއާއި ހިތާމަ ފޫހިކަން ހައިރާންވުންފަދަ ހުރިހާ މަސްހުނި އިހުސާސްތަކުން އެވަގުތު ކުރެވުނު އަސަރުތައް ބަޔާން ކުރުން ދަތްޗެވެ. ނަމަވެސް އެހުރިހާ އަސަރުތައް ބާރުގެ ދަށަށް ގެނެސް އެ އަޅި ލޮލާއި ހަމަޔަށް ފޯރުވާވަރުގެ ހީލުމަކުން އެންމެނަށް ބަލައިލިއެވެ.

"އަހަންނަކީ ދުޝްމިނެއްކަމަށް މި ހީކުރަނީ ދުނިޔެއިން އެންމެ ލޯބިވާ މީހުން. މިއީ ކޮންކަމެއް؟ މަންމާ. ޚައި. އެރިކް.......އަހަރެންގެ އެންމެ ގާތް މީހުންނަކީ ތިއީ. އެކަމަކު ފޮރުވައިގެން މިހާ ބޮޑުކަމެއް. ކީއްވެތަ؟" އަސްލަންގެ ލޯ ތެމުނެވެ.

"ސޮރީ ބްރޯ.."

"އަހަންނަށް އެކަކުވެސް ޓްރަސްޓް ނުކުރީމެއްނު. ޚައިގެ އުފާތަކަށް ހުރަސްއަޅަން ވީ ސަބަބެއް ނެތް. އަހަރެން ޚައި ގާތު ބުނީ ބައްޕަގެ ނަޒަރިއްޔާތު. ބައްޕަ ނުރުހޭނެކަން. އެއީ އަހަރެންގެ އޮޕީނިއަންއެއްނޫން. ކޮންގްރާ ހާރިސް ޚައި.. "އަސްލަން އޭނަގެ "ދުޝްމިން"އަށް އަތް ދިއްކޮށްލީ ހާލަތުގެ ގޮތުން މަޖުބޫރުވެފައެވެ.

އޭނައާއި ސިއާރާ ވަކިކޮށްލީ ހާރިސްކަން އޭނަ ހަނދާނެއް ނުނެތެއެވެ. ނަމަވެސް މަސްލަހަތަށް ބަލާފައި އަމާންކަމުގެ އަތެއް ދިއްކޮށްލީ ދުނިޔެއަށްވެސް އޭނަގެ ހިތުގެ އުދާސްތަކާއި ނަފްރަތު ސިއްރުކުރަމުންނެވެ.

"ޓޭކް ކެއާ އޮފް މައި ލިޓްލް ސިސް. ޝީޒް ވެރީ ޕްރެޝަސް..." އަސްލަން ހާރިސްއަށް ބުނެލިއިރު އަޑުގައި ސީރިޔަސްކަމެއްވިއެވެ." ޚައިގެ ހުރޭ އޯސީޑީ.އެހެންވީމަ އުދަގޫވެދާނެ އެކަމަކު އެކަންތަކަށްވެސް ކެތްކޮށްލަންވާނީ..."

"ދުނިޔޭގައި ހުރި އެންމެ ރަގަޅު ބޭބެ...ލަވް ޔޫ ސޯ މަޗް..........." ޚައިރާ އަސްލަންގެ ގައިގާ ބައްދާލަމުން މޭގައި ބޯ އަޅައިލިއެވެ. އަސްލަން އޭނަގެ މަންމަވެސް ގެނެސް މޭގައި ޖައްސައިލީ އޭނަގެ އެހެން ފަރާތެއްވާކަން ހާމަކުރަމުންނެވެ. އެރިކްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އަސްލަންއަކީ އަޖައިބެއްފަދަ ޝަޚުސިއްޔަތެކެވެ. ބައެއްފަހަރު ބައިޕޯލާއޭ ހީވާފަހަރަށްވެސް މިޒާޖު ބަދަލުއެބަވެއެވެ. އެހުރިހާކަމަކާއިއެކުވެސް ވިސްނުންތޫނުކަމާއެކު ހިތްއަލިކަމުގެ ދެވަނައެއްނެތެވެ. އޭނަގެ މަސައްކަތުގައިވެސް އެންމެން އިތުބާރުހިފޭފަދަ މޮޅުމީހެކެވެ.

***

ހާރިސްއާއި ޚައިރާ ސުންނަތް ނަމާދެއްކޮށްލުމަށްފަހު ވާހަކަދައްކައިލަން އިށީދެލައިގެން ތިބީ ސޯފާގައެވެ. ޚައިރާ އޭނަގެ އޯސީޑީއާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. މިފަހަކަށް އައިސް ތަންކޮޅެއް ރަގަޅުވުމަށްފަހު ގޯސް ދިމާލަށް ދިޔަކަން ފާހަގަކުރިއެވެ. އެކަމާއި ދެކޮޅަށް މަސައްކަތްކުރިވަރަކަށް ސިކުނޑިއަށް ކުރާ ބާރު ބޮޑުވެއެވެ. އިސްލާމްދީން އޯސީޑީއާއި މެދު ދެކޭގޮތް ބަލައިލިއިރު އެއީ ޝައިތާނާގެ ވަސްވާސްކަމުގައި އޮތުމުން ޚައިރާ ކަންބޮޑުވިއެވެ.

"ހިތަށް އެރި އެއީ ތެދެކޭ. ވަގުތު ހަމަ ބޭކާރުވެއޭ. އެތައް ފަހަރު ތަންތަން ސާފުކޮށް އަދި ނުވީތާކަށް ދޮރު ތަޅުލިތޯ ޔަގީންކޮށް އެނދަށް އަރާފައި އަނެއްކާ ޝައްކުވެގެން އެންމެން ނިދީމަގޮސް ޗެކްކުރަން. ދޮންބެ ފަރުވާކުޑަކޮށްފައި ޗާޖަށް ޖަހައިގެން އޮވެ ނިދާފާނެތީ އެކޮޓަރިއަށްވަދެވެސް ބަލަން. އެހެން އުޅެން ހަދައިގެން ވަޒީފާއަށްވެސް ބުރޫ އަރާ. އަދި އެހެން ކަހަލަ ނުބައި ޚިޔާލުތައް އުދަގޫކުރޭ. ކުރިން ސިއާރާ ފެންނަ ކޮންމެ ވަގުތެއްގައި ވަޅި ހިފައިގެން ގޮސް ޖަހަން ބޭނުންވަނީ. އެކަމަކު އަސްލު ބޭނުންވާގޮތެއްނޫން. ފަހުން ފެމިލީއާއިމެދުވެސް އެހެން ދެކެން ފެށުނު. ނުބައި ޚިޔާލުތަކާއި ވައިލެންޓް ކަންތައްތައް ސިކުނޑިއަށް ވެރިވެގަންނަނީ. އެއީ އަސްލު ޚައިއެއް ނޫން. އެކަހަލަ ގަތުލުތައް ހިންގަން ކީއްކުރަން ހިންޏެއް މަރައިލަންވެސް ނުކެރޭނެ..ބައެއްފަހަރު ބޭނުންވޭ ތަންތަން ގޮއްވައިލަންވެސް...އެވެސް މިބުނާ އޯސީޑީ ޚިޔާލުތައް. އަމިއްލައަށް ބޭނުންވާގޮތެއްނޫން. އަމިއްލައަށް ކުރާނެކަމެއްނޫން. އޯސީޑީއާއިއެކު ދިރިއުޅުން ފަސޭހައެއްވެސް ނޫން. އެކަމަކު މިހާރު ހިތަށް އަރަނީ ހަގީގަތުގައި އީމާންކަން ވަރުގަދަވީމަ މިކަމަށް ފަސޭހަވާނެ ބާވައޭ. ނޫނީ ނަފްސާނީ ޑޮކްޓަރ ދިން ބޭސް ކުރިއަށް ގެންދަންވީހެއްޔޭ. ހާރިސްގެ އޮޕީނިއަންއަކީ ކޮބާ؟"

" އަހަންނަކީ ނަފްސާނީ މައްސަލަތަކުގެ އެކްސްޕާޓެއްނޫން. އީމާންކަމާއި ނަފްސާނީ މައްސަލަތައް ގުޅުވަން އެހެނެއްނޭގޭ. އެކަމަކު ހިތަށް އަރަނީﷲގެ ލޯބިފުޅުން ހިތާއި ސިކުނޑި ފުރުމުން އެއްވެސް އިތުރު ޚިޔާލުތަކާއި ފިކުރަކަށް ޖާގަ ނޯންނާނެއޭ. އެކަމަކުވެސް ނަފްސާނީ ބައްޔަކީ އޮތްކަމެއް. އަހަރެންގެ ވައިފްގެ ތިކަހަލަ ހާލަތެއް ހުރުމުން ތި ބައި ކިޔަވަން ދެން ޖެހޭނީ. ގުރުއާނަކީ ޝިފާއެއް..މުއުޖިޒާތެއް. ގުރުއާނުންވެސް ޝިފާ ލިބޭނެ އިންޝާﷲ..."ހާރިސް ހީލިއެވެ.

"ތެންކްސް ފޯ ހެލްޕިން މީ...."

ހާރިސް ބުނީ އޭނަ ކުރާ ކޮންމެ ކަމެއް ކުރަނީ ހެއްދެވިފަރާތަށްޓަކާ ކަމުގައެވެ. ޚައިރާއާއި ކައިވެނި ކުރަން ނިންމީވެސް އެހެންވެއެވެ.

***

މާކް ކްރޯފޯޑަށް އޭނަގެ ދަރިން މުސްލިމުންނާއި ކައިވެނިކުރިކަން އެނގުނީ ކެތްރީންގެ ފަރާތުންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު