އަހަރެމެންގެ ނޭވާލާ ނިޒާމަކީ ވަރަށްވެސް ނާޒުކު އެއްޗެކެެވެ. ގިނަ ދުވަސްތަކެއް ވަންދެން ތަޣައްޔަރުވެފައިވާ ވައިގެ ތެރޭގައި އުޅުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ނޭދެވޭ އަސަރުތަކެއްކުރެއެވެ.
ކެންސަރާ ބެހޭ ދިރާސާތައް ކުރާ އިނގިރޭސިވިލާތުގެ ކެންސާ ރިސާޗް ޖަމިއްޔާއިން ބުނާ ގޮތުގައި ފުއްޕާމޭގެ ކެންސަރު ޖެހޭ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަށް ކެންސަރު ޖެހުމަށް މަގުފަހިވަނީ ތަޣައްޔަރުވެފައިވާ ވައިގެ ސަބަބުންނެވެ.
ދިރާސާތަކުން ދައްކާގޮތުގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން ސިއްހީ ނުރައްކާތަކަށް ހުށަހެޅޭ މިންވަރު އިތުރުވެއެވެ. އަދު އާތުރައިޓިސްއާއި ހާޓް އެޓޭކާއި ހަމުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.
ދިއްލީގެ ޕުލްމޮނޮލޮޖީ، ކްރިޓިކަލް ކެއާ އެންޑް ސްލީޕް މެޑިސިން ޑިޕާޓްމަންޓްގެ ސީނިއާ ކޮންސަލްޓަންޓް ޑރ. އެމް އެސް ކަންވާރު ވިދާޅުވާ ގޮތުގައި ވައި ތަޣައްޔަރުވުމުން ސިއްހީ މައްސަލަތައް ދިމާވުމާ ވައިގެ ތެރޭގައި ހުންނަ އެތިކޮޅުތަކުގެ ބޮޑުމިނާ ވަނީ ގުޅިފައެވެ.
އޭގެ ތެރެއިން ބައެއް އެތިކޮޅުތަކަކީ ނޭފަތުގެ ތެރެއަށް ވަދެ ލޭގެ ތެރެއަށްވެސް ގޮސްދާނެ އެތިކޮޅުތަކެވެ. އެހެންކަމުން ވައި ތަޣައްޔަރުވެ ވައިގެ ތެރޭގައި އެކުލެވޭ އެތިކޮޅުތަކުގެ ސަބަބުން އިންސާނާގެ ސެލްތަކުގައި ހުންނަ ޑީއެންއޭ އަށް ގެއްލުންވެ ފުއްޕާމޭގެ ކެންސަރަށް މަގުފަހިވެއެވެ.
އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސާ (އައިއޭއާރްސީ)އިން ވެސް ވަނީ ވައި ތަޣައްޔަރުވުމުންނާއި އޭގެ ސަބަބުން ދައުރުވާ ކުދި އެތިކޮޅުތަކުން ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް ބުނެފައެވެ.
ތަޣައްޔަރު ވެފައިވާ ވައިން ރައްކާތެރިވުމަށް ޓަކައި ގެއިން ބޭރަށް ނުކުންނައިރު މާސްކު އެޅުން ފަދަ ކަންކަން ކުރެވިދާނެކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެއެވެ.