ޑެންގީއާއި ރޯގާ އިތުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ: ހަތަރު ބައްޔެއް ފެތުރޭ ވަރު ވަނީ އިތުރު ވެފައި-- ސަން ފައިލް ފޮޓޯ

ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ހަތަރު ބައްޔެއް ޖެހޭ މިންވަރު އިތުރުވެ، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިއަދު އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުގައި ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އިތުރުވި ބަލިތަކުގެ ތެރޭގައި ޑެންގީ އާއި އަރުދަފުސް ރޯގާ އާއި އިންފްލުއެންޒާ އަދި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބަލި ހިމެނެއެވެ.

އެގޮތުން މިއަހަރުގެ އޭޕްރިލް މަހު މުޅި ޖުމުލަ ޑެންގީގެ 92 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރެއިން 32 ކޭސް ރިޕޯޓުކޮށްފައި ވަނީ އެ މަހުގެ ފަހު ހަފުތާގައެވެ. އަދި މިދިޔަ މޭ މަހު ޑެންގީ ގެ 185 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 73 ކޭސް ރިޕޯޓު ކޮށްފައިވަނީ މޭ މަހުގެ ފަހު ހަފްތާގައެވެ.

އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިބަލިން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓިދާނެއެވެ. އަދި ދަޅުފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިއްމެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރުދަފުސް ރޯގާ ޖެހިގެން މިއަހަރުގެ އޭޕްރިލް މަހު ވަނީ މުޅި ޖުމްލަ 12978 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ މޭ މަހު ވަނީ 4105 ކޭސް ރިޕޯޓު ކޮށްފައެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ވޭތުވެދިޔަ އެޕްރީލް މަހާ އަޅާ ބަލާއިރު މިދިޔަ މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު ޢަދަދު ވަނީ އިތުރު ވެފައެވެ. އަދި ޓެސްޓް ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލް ވަނީ ވަނީ ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭ އިން ބުނީ އާންމު އަރުދަފުސް ރޯގާއިން ރައްްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށެވެ. އެގޮތުން ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި ޢާއްމު ސާފުތާހިރުކަމަށާއި ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ.

ވޭތުވެ ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޭޕްރިލް މަހު ވަނީ ބޭރަށް ހިންގުމުގެ 1575 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ މޭ މަހު 1824 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

މި ހަތަރު ބަލިވެސް ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާތީ އެޗްޕީއޭ އިން ވަނީ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް