ފަނޑިޔާރު ޢަބްދުﷲ ހަމީދު ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ވަކިކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ދެ ގަޑިއިރެއްހާއިރު ބަހުސް ކުރުމަށްފަހު ނެގި ވޯޓުން ފަނޑިޔާރު ހަމީދު ވަކިކުރުމަށް ފާސްވީ 58 މެންބަރުން ވޯޓު ދީގެންނެވެ. ހަމީދު ވަކިކުރުމަށް ނުފެންނަކަމަށް ހަތް މެންބަރަކު ވޯޓުދިނެވެ.

މި މައްސަލާގައި ހަމީދުގެ އިތުރުން ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހީމް ވެސް ހިމެނެއެވެ. ނަމަވެސް ފަނޑިޔާރު ރައޫފް މަގާމުން އިސްތިއުފާ ދެއްވީ އޭނާ އާއި ފަނޑިޔާރު ޙަމީދު މަގާމުން ވަކިކުރަން ޖޭއެއްސީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

މި މައްސަލައިގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޢަލީ ސަމީރު ވަނީ، އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ޖޭއެސްސީން މިދިޔަ މަހު މަޖިލީހަށް ހުށަހެޅީ، އެ ދެ ބޭފުޅުން ޤާނޫނު އަސާސީގެ 152ވަނަ މާއްދާއާ ޚިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި މައްސަލައިގައެވެ. އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ފަނޑިޔާރު ހަމީދު ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ މިދިޔަ ބުދަ ދުވަހު ތްރީ ލައިން ވިޕެއްވެސް ނެރެފައެވެ.

comment ކޮމެންޓް