ރަސޫލާއަށް ފުރައްސާރަ ކުރުމާ ގުޅިގެން ހުށަހެޅި މައްސަލަ މަޖިލީހުން ބަލައެއް ނުގަތް

މިއަދުގެ މަޖިލިސް ޖަލްސާގެ ތެރެއިން--ފޮޓޯ/ ރައްޔިތުން މަޖިލިސް

އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފައިނުވާތީ, އެކަން ކުށްވެރިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިއަދުގެ މަޖިލީހަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނު ވަނީ ކީރިތި ޤުރުއާނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައި ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން އެހެނިހެން ޤައުމުތަކުން އިންޑިއާއަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންދާއިރު މި ގައުމުގެ ދައުލަތުން އެކަން ކުށްވެރިކޮށްފައިނުވުމަކީ ހިތާމަކުރާ ކަމެއް ކަމުގައެވެ.

''ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ އިންޑިއާގެ މުސްލިމުންނާއި އިސްލާމީ ޤައުމުތަކުގެ ބޮޑެތި ވެރިންނާއި އާންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިހުތިޖާޖުކޮށް އިންޑިއާގައި ތިއްބަވާ ސަފީރުން އެޤައުމުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް، ބައެއް ޤައުމުތަކުން ސޯޝަލް މީޑިއާގައި އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންދާއިރު، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވެފައި އެކަމަށް ބަހެއް ނުބުނެ ތިބުމަކީ ކަންބޮޑުވާންޖެހޭކަމެއް،'' ޝަރީފް ވިދާޅުވިއެވެ.

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައި ވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ އަޤުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައި ވަނީ ބީޖޭޕީގެ ގައުމީ ތަރުޖަމާން ނުޕޫރު ޝަރުމާ އާއި ނިއުދިއްލީގައި ހުންނަ ބީޖޭޕީގެ މީޑިއާއާ ބެހޭ އިސްވެރިޔާ ނަވީން ކުމާރު ޖިންދާލްއެވެ. އެ މައްސަލާގައި ބީޖޭޕީން ނުޕޫރު ޕާޓީން ސަސްޕެންޑުކޮށް، ނަވީން ޕާޓީން ވަކިކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ގަތަރާއި ކުވޭތާއި އީރާނުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާ ސަފީރުން ހާޒިރުކޮށް، ބީޖޭޕީގެ މެންބަރުން ދެއްކެވި ވާހަކައާ ބެހޭ ގޮތުން ނުރުހުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، އެ މައްސަލާގައި އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭންތަކެއް އިސްލާމީ ގައުމުތަކުގެ ރައްޔިތުންނާއި މުސްލިމް ނޫން ގައުމުތަކުގައި ދިރިއުޅޭ މުސްލިމް ޒުވާނުން ވަނީ ފަށާފައެވެ.

އެ މައްސަލައާ ގުޅިގެން ބީޖޭޕީން ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީން ހުރިހާ ދީންތަކަށް އިޙްތިރާމް ކުރާ ކަމަށާއި އެއްވެސް ދީނެއްގެ ދީނީ ރަމްޒުތަކާއި ދީނީ ޝަޚުސިއްޔަތުތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީގެ އުސޫލެއް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް އެ ޕާޓީގެ އޮފިޝަލުން ދެއްކި ވާހަކައަށް މައާފަށް އެދި އެފަދަ ކަމެއް އަލުން ނުހިންގާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފައެއްނުވެއެވެ.

comment ކޮމެންޓް