ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި އިސްލާމީ ގައުމުތަކުގެ ވަރުގަދަ އިހުތިޖާޖްތަކެއް

ކީރިތި ރަސޫލާ (ސޢވ) އަށް މަލާމާތްކޮށް ތައުހީނު ކުރުމުގެ ޖަރީމާ ހިންގި ނުޕޫރު ޝަރުމާ އާއި ނަވީން ކުމާރު ޖިންދާލް

ނިއުދިއްލީ (6 ޖޫން 2022): އިންޑިއާގައި ވެރިކަންކުރާ ބަރާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ދެ މަސްއޫލުވެރިއެއް ކަމަށްވާ ނުޕޫރު ޝަރުމާ އާއި ނަވީން ކުމާރު ޖިންދާލް، ކީރިތި ރަސޫލާ (ސޢވ)އަށް ފުރައްސާރަކޮށް އިހާނާތްކުރި ކުރި މައްސަލާގައި އިސްލާމީ ދުނިޔެ ވަރަށް ބޮޑަށް ރުޅިއައިސްފިއެވެ.

މިމައްސަލާގައި އިންޑިއާ ދެކެ ވަރަށް ބޮޑަށް ރުޅިއައިސްގެން އިސްލާމީ ގިނަ ގައުމުތަކަކުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ޚާރިޖީ ވުޒާރާތަކަށް ޙާޒިރުކޮށް އިހްތިޖާޖުގެ ހަރުކަށި ލިޔުންތަކެއް އިންޑިއާގެ ސަފީރުންނާ ހަވާލުކޮށް މިކަމާ ގުޅިގެން މަޢާފަށް އެދުމަށް އިންޑިއާ ސަރުކާރަށާއި ބީޖޭޕީއަށް ގޮވާލާފައެވެ.

އިންޑިއާގެ ސަފީރުން ހާޒިރުކޮށް ބީޖޭޕީގެ ދަށު ދަރަޖައިގެ މި އަމަލު ބަލައި ނުގަނެވޭނެކަމާއި އެކަމަށް މައާފަށް އެދި އެފަދަ ކަމެއް ދެން ނުކުރާނެކަމުގެ ގެރެންޓީ ދޭންޖެހޭކަން އިންޑިއާގެ ސަފީރުންނަށް އަންގައި އިހްތިޖާޖުގެ ހަރުކަށި ލިޔުންތައް ހަވާލުކުރި ގައުމުތަކުގެ ތެރޭގައި އީރާން، ގަތަރު، ސައޫދީ އަރަބިއާ، ކުވައިތު އަދި އުމާން ހިމެނެއެވެ.

ޕާކިސްތާނުގައި އިންޑިއާގެ ސަފީރަކު މިވަގުތު ނެތުމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހެބާޒް ޝަރީފު ވަނީ އެންމެ ހަރުކަށި އިބާރާތުން ބީޖޭޕީގެ މިއަމަލު ކުށްވެރިކޮށް މިޖަރީމާގެ ފަހަތުގައި އޮތީ އިންޑިއާ ސަރުކާރު ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޝަހެބާޒް ޝަރީފު ވަނީ ބީޖޭޕީގެ ވެރިކަމުގައި ކަޝްމީރުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާއި އިންޑިއާގެ އެހެން ސްޓޭޓްތަކުގެ މުސްލިމުންނަށް ބީޖޭޕީގެ ވެރިކަމުގައި ހަރުކަށި ހިންދޫން ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތައްވެސް ކުށްވެރިކުރައްވައި އެކަން ހުއްޓުވައި އިންޑިއާގެ މުސްލިމުން ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ.

ބީޖޭޕީގެ ރައީސް ޖޭޕީ ނައްޑާ

އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީން ވެސް ވަނީ އިންޑިއާގައި ވެރިކަންކުރާ ޕާޓީގެ މިއަމަލު ހަރުކަށި ކުށްވެރިކޮށް ވަރަށް ހަރުކަށި ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ބިޖޭޕީން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ތައުހީނު ކުރި މައްސަލަ ކުށްވެރިކުރުމުގެ އިތުރުން ބީޖޭޕީގެ ވެރިކަމުގައި ހަރުކަށި ހިންދޫން އިންޑިއާގެ މުސްލިމުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތައްވެސް ކުށްވެރިކޮށް އެކަންވަނީ ދުނިޔޭގެ ސަމާލުކަމަށް ގެނަސްފައެވެ.

އަދި ބީޕޭޖީގެ މަދަދު ލިބިގެން ހަރުކަށި ހިންދޫން އިންޑިއާގެ މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާތަކުން އެމީހުން ހިމާޔަތް ކުރުމަށާ ހަރުކަށި ހިންދޫން މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އދ.ގެ އިންސާނީ ހައްގުތަކާބެހޭ އިދާރާތަކުގެ ކިބައިން އޯއައިސީ ވަނީ އެދިފައެވެ.

އިސްލާމީ އިތުރު ގައުމުތަކުންވެސް ބީޖޭޕީގެ މިއަމަލުވަނީ ކުށްވެރިކޮށްފައެވެ. މީގެތެރޭގައި އަލްޖަޒާއިރު، މިސްރު ތުރުކީ، އިރާގު، ލީބިޔާ، އަދި އުރުދުން ފަދަ ގައުމުތައް ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޑިއާއަކީ އެކި ދީންތަކާއި އެކި ނަސްލުތަކުގެ މީހުން ޒަމާނުއްސުރެ ވަރަށް ހަމަޖެހިގެން އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކޮށްގެން ޑިމޮކްރެޓިކް ވެއްޓެއްގައި ދިރިއުޅެމުން ދިޔަ ގައުމެކެވެ.

ނަމަވެސް ހިންދޫންގެ ހައްދު ފަހަނަޅާފައިވާ ފިކުރުގެ ޕާޓީއެއްކަމަށްވާ ބީޖޭޕީ ވެރިކަމަށް އައުމާއެކު މިހުރިހާ ކަމެއް އަނެއްކޮޅަށްޖެހި އިންޑިއާ ވަނީ ހިންދޫންނަށް ނޫނީ ހަމަޖެހިގެން ދިރިނޫޅެވޭ އަދި އެހެން ދީންތަކާއި ޝަރީއަތްތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާ ލިބޭ އަދި ޑިމޮކްރެޓިކް އުސޫލުތައްވެސް ބޮލާލާޖަހަމުން ގެންދާ ގައުމަކަށް ބަދަލުވެފައިކަން އެރިޕޯޓްތަކުގައިވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގައި މިހާރު ވެރިކަން ކުރާ ބާރާތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އަކީ އިންޑިއާގެ އެހެން ދީންތަކާއި އެހެން ނަސްލުތަކުގެ މީހުންނަށްވުރެ ހިންދޫންނަކީ މާމަތިވެރި އަދި މާމޮޅު ބައެއްކަމަށް ދެކޭ ހިންދޫ ހައްދުފަހަނަޅާފައިވާ ފިކުރެއް ކަމަށްވާ "ރަސްތިޔާ ސްވެޔަމް ސެވަކް ސަންހް" (އާރުއެސްއެސް) ފިކުރު އިންޑިއާގައި ޕްރޮމޯޓްކޮށް މުޅި އިންޑިއާއަކީ ހިންދޫންގެ އެކަނި ތަނެއް ކަމަށް ގަދަބާރުން ހެދުމަށް މަސައްކަތްކުރާ ހަރުކަށި ޕާޓީއެކެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީތައްވެސް ބުނާގޮތުން މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ނެރެ ތަޅާފޮޅައި އިންޑިއާގެ އެކި ދީންތަކުގެ މީހުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ހަމަޖެހުމާއި ސުލްހަ ނަގާލައި މަސްރަހު ހޫނުކޮށް ހަމަނުޖެހުން އުފައްދަނީ ވެރިކަންކުރާ ބީޖޭޕީންނެވެ.

އިންޑިއާގައި ހިންދޫންގެ އާބާދީ ގިނަ ނަމަވެސް ހަރުކަށި ހިންދޫންނަކީ މަދުބައެކެވެ. އެމީހުންނަށް ހިތްވަރު ލިބިގެން އުޅެނީ ބީޖޭޕީގެ ސަބަބުން ކަމަށް އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ހިންދޫންގެ ތެރޭގައި ހިމެނޭ މެދުމިނުގެ މީހުން ބީޖޭޕީގެ މި ފިކުރާއި ބީޖޭޕީގެ މިޖަރީމާތައް ކުށްވެރި ކުރެއެވެ. ހިންދޫންގެ ތެރޭގައި ގިނައީ ސުލްހައަށް ލޯބިކުރާ އަދި މުސްލިމުންނާމެދު ނަފްރަތުނުކުރާ އަދި މުސްލިމުންނާ ގުޅިގެން އުޅެން ބޭނުންވާ މެދުމިނުގެ ފިކުރުގެ މީހުންނެވެ.

ކީރިތި ރަސޫލާ (ސޢވ)އަށް ފުރައްސާރަކޮށް އިހާނާތުގެ ބަސްތައް ރައްދުކޮށް ތައުހީން ކުރުގެ ޖަރީމާ ހިންގާފައިވަނީ ބީޖޭޕީގެ ގައުމީ ތަރުޖަމާން ނުޕޫރު ޝަރުމާ އާއި ނިއުދިއްލީގައި ހުންނަ ބީޖޭޕީގެ މީޑިއާއާ ބެހޭ އިސްވެރިޔާ ނަވީން ކުމާރު ޖިންދާލްއެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބީޖޭޕީގެ މިއަމަލު އިންޑިއާ ސަރުކާރުން ސީދާ ގޮތެއްގައި ކުށްވެރިކުރުމުގެ އިތުރުން މިކަމާ ގުޅިގެން އިންޑިއާއިން މަޢާފަށްވެސް އެދެން ޖެހޭނެކަމުގައެވެ.

ކީރިތި ރަސޫލާ (ސޢވ)އަށް ފުރައްސާރަކޮށް އިހާނާތްކުރި މައްސަލާގައި އިސްލާމީ އެތައް ގައުމެއްގެ ރައްޔިތުންވަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށް ގޮވާލާ ސޯޝަލް މީޑީއާގައި ވަރަށް ވަރުގަދަ ކޭންޕޭނެއްވެސް ފަށާފައެވެ.

މިއީ އިންޑިއާއަށް އިގްތިސާދީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށް ވަނީ ބެލެވިފައެވެ. އަދި ކީރިތި ރަސޫލާ (ސޢވ)ގެ ހިމާޔަތުގައިވެސް އިސްލާމީ ގައުމުތަކުގެ ރައްޔިތުންނާއި މުސްލިމް ނޫން ގައުމުތަކުގައި ދިރިއުޅޭ މުސްލިމް ޒުވާނުންވަނީ ސޯޝަލް މީޑިއާގައި ކޭންޕޭނެއް ފަށާފައެވެ.

ކީރިތި ރަސޫލާ (ސޢވ)އަށް ފުރައްސާރަކުރި މައްސަލާގައި އިސްލާމީ ދުނިޔެ މިހާބޮޑަށް ރުޅި އައުމުން ބީޖޭޕީން ކުރިކަމަކީ ގައުމީ ތަރުޖަމާން ނުޕޫރު ޝަރުމާ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްލައި ނިއުދިއްލީގައި ހުންނަ ބީޖޭޕީގެ މީޑިއާ ބެހޭ އިސްވެރިޔާ ނަވީން ކުމާރު ޖިންދާލް މަގާމުން ވަކިކޮށް ބަޔާނެއް ނެރެލުމެވެ.

އެބަޔާނުގައި ބީޖޭޕީއަކީ ހުރިހާ ދީންތަކަށް އިހްތިރާމް ކުރާ ޕާޓީއެއްކަން ބަޔާންކޮށް އެއްވެސް ދީނެއްގެ ދީނީ ރަމްޒުތަކާއި ދީނީ ޝަޚުސިއްޔަތުތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީގެ އުސޫލެއް ނޫން ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިބޮޑު ޖަރީމާއަށް މައާފަށް އެދި މިފަދަ ޖަރީމާއެއް ނުހިންގާނެ ކަމުގެ ގެރެންޓީ ދީފައެއް ނުވެއެވެ.

comment ކޮމެންޓް