ރާއްޖެ މިހާރު މިދަނީ ރާއްޖެ އޮތް ދިމާ ނޫން މުޅިން އެހެން ދިމާލަކަށް، އެހެން ރާއްޖެއަކަށް: ޔާމީން

19:00


ރާއްޖެ މިހާރު މިދަނީ ރާއްޖެ އޮތް ދިމާ ނޫން މުޅިން އެހެން ދިމާލަކަށް އެހެން ރާއްޖެއަކަށް ކަމަށާއި ރާއްޖޭ ދުނިޔޭގެ ޗާޓުން ވެސް ނެއްޓިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ސިޔާސީ މަސްރަހް ހޫނުވެ ޔާމީން ދިރިއުޅުއްވާ ގ. ދޫވެހި ކައިރިއަށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބަޔަކު އެއްވެ ހަމަނުޖެހުން ހިންގާފައިވަނިކޮށް، އެ ރޭގެ ދަންވަރުގެ ވަގުތެއްގައި ސިފައިން ޔާމީން ހައްޔަރުކޮށްގެން އާ ރަށަށް ގެންދިއަތާ ހަފްތާއެއް ފަހުން، ސިފައިންގެ ހައްޔަރުން މިނިވަންވުމަށްފަހު މީޑިއާ އަށް ދެއްވި ފުރަތަމަ އިންޓަވިއު ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވަމުން، ޔާމީން މިއަދު ވިދާޅުވީ، ރާއްޖޭގެ މިހާރު މިދަނީ މުޅިން އެހެން ދިމާލަކަށް ކަމަށާއި އެރާއްޖޭގެ ހުރި ސިފަތަކާއި އެ ރާއްޖޭގެ ޤާނޫނީ ހުކޫމަތާ މިނޫންވެސް އެތައް ކަމެއް ހިނގަމުންދާނީ މުޅިން އާ އީޖާދެއްގެ ދަށުން ކަމަށެވެ.


ޔާމީން ދޫކޮށްނުލުމަށް އެތައް އުޒުރުތަކެއް ކުރިން މި ސަރުކާރުން ދައްކާފައިވާއިރު ކުއްލިއަކަށް ޔާމީން ދޫކޮށްލާފައި މިވަނީ ބައިނަލްއަގުވާމީ ފިއްތުންތަކުގެ ސަބަބުންތޯ ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އޭނާ  ސިފައިންގެ ހައްޔަރުން މިނިވަންވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާ ކަމަށެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންގެ ސަފީރާއި ރާއްޖޭގައި ހުންނަވާ އދ ގެ ސަފީރާއި އެމެރިކާގެ ޝަފީރުގެ އިތުރުންވެސް ބޭރުގެ އެތައް ފަރާތެއްގެ މަސައްކަތް ހިމެނޭ ކަމަށާއި އެ ފަރާތްތަކުން ވަރަށް ރަނގަޅަށް އެކަންތައްތައް ހިނގަމުންދާ ގޮތް ބައްލަވަމުންދިޔަ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ޕީއޭގެ ލީޑަރު ދޫކުރައްވާނަންތޯ ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެއްވެސް ބޭފުޅެއްގެ ސަލާމަތާ ގުޅޭ ގޮތުން "ރިސްކެއް" ނަންގަވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.


ޔާމީން ވިދާޅުވީ އެ ރިސްކް ނަންގަވަން އޭރު ރައީސް ނަޝީދަށް ކެރިވަޑައިނުގެންނެވީ ކަމަށް ވެދާނެ ކަމަށާއި އަދި މިހާރު ކެރިވަޑައިގަތީ އެބޭފުޅުން އެޤަބޫލްފުޅު ކުރައްވާފަދަ ހަމަލާއެއް އެމަނިކުފާނަށް އަމާޒުވޭތޯ ބައްލަވަން ކަމަށް ވެދޭނެ ކަމަށެވެ. ނަމަވެސް މިފަހަރު ސިފައިންނާއި ފުލުހުންނަކީ ރައްޔިތުންގެ ކުރިމަތީގައި އެމީހުންގެ ވާޖިބުތައް އަދާކުރުމުގެ ޤާބިލްކަން ހުރި ބައެއް ކަމުގައި ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު