ފުރަތަމަ ޑިވިޝަން ކުޅުމުގެ އުންމީދުގައި ބުރު ސްޕޯސްޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފި

ބުރު ސްޕޯޓްސް އިން ފަރިތަކުރަނީ --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

އަންނަ މަހު ފަށަން ހަމަޖެހިފަަައިވާ ދެވަނަ ޑިވިޝަން ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގެ އުންމީދުގައި ބުރު ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ.

މިރޭ މާފަންނު ޓާފު ދަނޑުގައި ކުރިއަށް ގެންދިޔަ އެ ޓީމުގެ ފުރަތަމަ ފަރިތަކުރުމުގައި އެ ޓީމުގެ ކޯޗު އާފިއު މުޙައްމަދު ހަމީދު "ސަން"އަށް ބުނީ އެ ޓީމުގައި އޮތީ ރާއްޖޭގެ ދެވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތަކަށް ނެރެވޭނެ އެންމެ ވަރުގަދަ ޓީމުކަމަށެވެ.

އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ޓީމަށް ބިދޭސީ ހަތަރު ކުޅުންތެރިން ގެންނާނެކަމަށް އެނާ ބުންޏެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ކުޅުންތެރިން ޝޯޓްލިސްޓު ކޮށްފައި. އެ ކުޅުންތެރިންނަކީ މޮޅެތި ކުޅުންތެރިންނަށް ވާނެ. ޔޫރަޕްގެ ފުޓުބޯޅައިގެ ތަޖުރިބާހުރި ކުޅުންތެރިން އިރާދަ ކުރެއްވިއްޔާ މި ގެންނަނީ," އާފިއު ބުންޏެވެ.

ބުރު ސްޕޯޓްސްއާ ގުޅޭ ހަތަރު ކުޅުންތެރިންގެ ތެރެއިން ސްޕެއިންގެ ކުޅުންތެރިއެއްގެ އިތުރުން ބްރެޒިލްގެ ދެ ކުޅުންތެރިން އެ ޓީމާ ގުޅޭނެއެވެ. އުޒްބަކިސްތާން ޕްރޯ ލީގު މިހާރު ކުޅޭ ކުޅުންތެރިއަކު ވެސް އެ ޓީމާ ގުޅޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޭނާ ބުނީ އެ ޓީމުގައި ދިވެހި ޕްރިމިއާ ލީގު ކުޅެފައިވާ 11 ކުޅުންތެރިން ހިމެނޭނެކަމަށެވެ. އަދި ދެވަނަ ޑިވިޝަންގައި މޮޅު ކުޅުމެއް ދެއްކި ފަސް ކުޅުންތެރިއަކު ވެސް އެ ޓީމިގައި ހިމެނެއެވެ. މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް އެ ޓީމުގައި ކުޅޭނެކަމަށް ކޯޗު ބުންޏެވެ.

ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު އާފިއު މުޙައްމަދު ހަމީދު --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

ބުރު ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން

ދިވެހި ޕްރެމިއާ ލީގު ކުޅެފައިވާ ކުޅުންތެރިން:-

  • އަބްދުﷲ އަރުޝާން
  • މުޙައްމަދު ތަސްނީމް
  • އިބްރާހީމް މުބީން
  • ފާރޫގް
  • އަޙްމަދު ރަޝީދު
  • ޖަޒްލާން
  • އަލީ ނަވާޒް
  • މުޙައްމަދު ނިޒާމް
  • ނުހާދު
  • ވިޝާމް
  • ޖުމައިލް

ދެވަނަ ޑިވިޝަން ކުޅެފައިވާ ކުޅުންތެރިން

  • އަބްދުﷲ ޝާފިއު
  • އަޙްމަދު މަޙުދޫމް
  • އަޙްމަދު ނިމާލް
  • މުޙައްމަދު ރުޝްދާން
  • އަބްދުލް މުހައިމިން
  • އިބްރާހީމް އަބްދުﷲ

އެ ޓީމާއެކު ނިކުންނާނީ ދެވަނަ ޑިވިޝަންގެ ތަށި ހޯދައިގެން ފުރަތަމަ ޑިވިޝަން ކުޅެންކަމަށް ވެސް އާފިއު ބުންޏެވެ.

"ފަރިތަކުރުމަށް ލިބޭ އެއް މަސް ދުވަސް ތެރޭގައި ތަށި ހޯދޭ ފެންވަރަށް ޓީމު ފައްކާވާނެ،" ކޯޗު ބުންޏެވެ.

އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގައެވެ. އެ މުބާރާތަށް ގިނަ ޓީމު ތަކުން މިހާރު ވަނީ ތައްޔާރުވާން ފަށާފައެވެ. އެގޮތުން ގިނަ ދުވަސް ތަކެއް ފަހުން ރާއްޖޭގެ ފުޓުބޯޅައިން ގެެއްލިފައިވާ ގަދަ އެއްބާރު ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބުން ވެސް ވަނީ އެ މުބާރާތަށް ފަރިތަކުރުންތައް ފަށައިފައެވެ.

comment ކޮމެންޓް