މާފުށީ ޖަލު ކައިރީގައި މޫދު ކުޅިވަރަށް ބޭނުންކުރާ އުޅަނދު ދުއްވުން މަނާކޮށްފި

މާފުށި ޖަލު -- ފޮޓޯ/ވީނިއުސް

ކ. މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި މޫދު ކުޅިވަރަށް ބޭނުންކުރާ އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

މާފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ރަށުގެ ޖަލު ހިމެނޭ ސަރަހައްދުގެ މަތިން ޕެރަސެއިލްކޮށް، ޑްރޯން އަރުވައި، ޖަލުގެ އައްސޭރިފަށް ކައިރިން ޖެޓްސްކީ ފަދަ އުޅަނދުތައް ދުއްވަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް އެކި ފަހަރު މަތިން ލިބިފައިވާ ކަމަށެވެ.

އެފަދަ އަމަލުތަކުގެ ސަބަބުން ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލުގައި ހިނގަމުންދާ ހަރަކާތްތައް ފެންނަން ނުޖެހޭ މީހުންނަށް ފެނުމުގެ ފުރުސަތު ބޮޑުވެ، ޖަލު ހިމެނޭ ސަރަހައްދު ހުއްދަ ނެތި ފޮޓޯ ނަގައި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް ވެސް އިއުލާނުގައިވެއެވެ.

ހަމައެއާއެކު، އެފަދަ ކުޅިވަރުތަކުގެ ތެރެއިން ޖަލަށް ވެއްދުން މަނާ ތަކެއްޗާއި އެހެނިހެން ތަކެތި ޖަލު ސަރަހައްދަށް އުކުމުގެ ނުވަތަ ވައްޓާލުމުގެ ނުވަތަ ޕޮޓްކުރުމުގެ ފުރުސަތު ބޮޑުވެގެން ދިއުމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަމުގެ އަސަރުތަކެއް ކުރާނެ ކަންކަން ކަމަށް އިއުލާނުގައިވެއެވެ.

އެހެންކަމުން މިއަދުން ފެށިގެން މާފުށީ ޖަލު ހިމެނޭ ސަރަހައްދުގެ މަތިން ޕެރަސެއިލްކޮށް ޑްރޯން އަރުވައި އެ ސަރަހައްދުގެ އައްސޭރިފަށް ކައިރިން މޫދު ކުޅިވަރަށް ބޭނުންކުރާ އެއްވެސް އުޅަނދެއް ދުއްވުމާއި ގާތްކުރުމަކީ މަނާ ކަމެއް ކަމަށް އެ އިއުލާނުގައިވެއެވެ.

ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސްއިން ބުނާ ގޮތުގައި ޖަލަށް އެންމެ ގިނައިން ގަވާއިދާ ހިލާފަށް އެއްޗެހި ވައްދަނީ ޖަލުގައި ތިބޭ މީހުންނަށް ޒިޔާރަތްކުރަން ދާ މީހުން މެދުވެރިކޮށްގެންނާއި ޖަލުގެ ފެންސް މަތިން އެތެރެއަށް ތަކެތި އުކައިގެންނެވެ. އަދި ޑްރޯން ބޭނުންކޮށްގެން ޖަލަށް ފޯނާއި އެހެނިހެން ތަކެތި ވައްދަން އުޅުމުގެ މައްސަލަތައް ވެސް މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް