ސްރީލަންކާއަށް ކުރިމަތިވެފައިވާ ތަދުމަޑުކަން ބޮޑުވެ ރައްޔިތުންނަށް ތިންއިރު ކާން ނުލިބޭ ހިސާބަށް ހާލަތު ގޯސްވެދާނެ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ

ކޮލަންބޯ (5 ޖޫން 2022): ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވެ ބައެއް ސަރަހައްދުތަކުގައި އާންމުންނަށް ތިންއިރު ކާން ނުލިބޭ ހިސާބަށް ކަންތައްތައް ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ކޮލަންބޯގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ ސްރީލަންކާގެ ރައްޔިތުންނަށް ކުރިއަށް އޮތީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ލޯންވެސް ލިބޭނެ ތާރީޚެއް އަދި ނޭންގޭކަމުގައެވެ.

އެހެންކަމުން ކުރިއަށް އޮތީ ވަރަށް ނާޒުކު ދުވަސްތަކެއްކަމަށާއި މިދުވަސްތަކުގައި ބޭރުގެ އިތުރު އެހީތައް ނުލިބިއްޖެނަމަ ހާލަތު އިތުރަށް ގޯސްވެ ބައެއް ސަރަހައްދުތަކުގައި އާންމުންނަށް ތިންއިރު ކާން ނުލިބޭ ހިސާބަށް ކަންތައްތައްވެސް ހިނގައިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ މިއީ ރައްޔިތުން އެއްބައިވަންތަވެ މިހާލަތުން އަރައިގަތުމަށް އެންމެން ގުޅިގެން ވަރަށް ހިތްވަރާއެކު މަސައްކަތްކުރަންޖެހޭ ދުވަސްތަކެއްކަމުގައެވެ. މިގޮތުން ކާބޯތަކެތިން އިސްރާފު ނުކުރުމަށާ ލިބޭ އެއްޗަކުން އިގްތިސާދުކޮށް އަދި އަމިއްލަ ފަރުދުންވެސް ގޯތިތެރޭގައިވެސް ވީވަރަކުން ކާބޯތަކެތި އުފައްދައި ދަނޑުވެރިކަން ކުރިއެރުވުމަށާއި މަސްވެރިކަން ކުރިއެރުވުނަށް އިތުރަށް މަސައްކަތް ކުރުމަށް ރަނިލް އެދިވަޑައިގެންނެވިއެވެ.

ސްރީލަންކާގެ އާންމުން : ދަނޑުވެރިކަން ކުރިއެރުުވުމަށް އާއިލީ ފެންވަރުގައި މަސައްކަތް ކުރަން ޖެހިފައި

ސްރީލަންކާގެ ރައްޔިތުންނަށް ތިން އިރުގެ ކެއުންވެސް ނުލިބިދާނެކަމަށް ވިދާޅުވެ މިހާ ނާއުންމީދީ ގޮތަކަށް ރަނިލް ވާހަކަ ދައްކަވާފައި މިވަނީ ހާލަތު ކިތަންމެ ގޯސްވިޔަސް އޭނާ ބޮޑުވަޒީރުކަމުގައި ހުންނަވާނަމަ ރައްޔިތުންނަށް ތިންއިރު ކާންލިބޭވަރު ކޮށްދެއްވާނެ ކަމަށް މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ވިދާޅުވެފައި ވަނިކޮށެވެ.

ރަނިލް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ސްރީލަންކާގެ ވެރިރަށް ކޮލަންބޯގެ މޭޔަރު ރޯސީ ސެނަނަޔަކަ ވެސްވަނީ ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތު ކުރިޔަށް އޮތް ދެތިން މަސްތެރޭގައި އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު ދެއްވާފައެވެ. މި އިންޒާރުގައި ސެނަނަޔަކަ ވަނީ އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ދާއިރު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އިން ކާބޯތަކެތި ހުސްވެދާނެ ކަމަށް ވިދާޅުވެފައެވެ.

ރަނިލް ވިދާޅުވިގޮތުގައި ސްރީލަންކާގައި މިހާރު ކާބޯތަކެތީގެ ސްޓޮކް ހިފަހައްޓާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށެވެ. ނަމަވެސް ކާބޯތަކެތި އިސްރާފުނުކުރާނަމަ އަދި ލޯކަލް ދަނޑުވެރިކަން ރަނގަޅުނަމަ އެތަކެތީގެ އެހީގައި އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހިފަހައްޓާލެވޭނެކަމަށް ރަނިލް ވިދާޅުވިއެވެ.

ނަމަވެސް ސްރީލަންކާގައި ގައުމީ ފެންވަރުގައި ދަނޑުވެރިކަން ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަމަށް ބޭނުންވާ މިންވަރަށް ގަސްކާނާ ނެތުމާއެކު ގަސްކާނާ ބޭރުން އެތެރެކުރަން ބޭނުންވާ ބޭރު ފައިސާ ނެތުންކަން ރަނިލް ފާހަގަ ކުރެއްވިއެވެ.

ސްރީލަންކާއަށް އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އެގައުމުން ކުއްލި ގޮތަކަށް ކެމިކަލް ގަސްކާނާ މަނާކޮށް އޮގަނިކް ކާނާއަށް އެއްކޮށް ބަރޯސާވާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މިކަމުގެ ސަބަބުން ދަނޑުވެރިކަން ދެބައި ކުޅަ އެއްބަޔަށް ދަށަށް ދިޔައެވެ.

ދަނޑުވެރިކަމުގެ ހާލަތު ގޯސްވިފަހުން ކެމިކަލް ގަސްކާނާ ހުއްދަކުރިއިރު ދަނޑުތައް އޮތީ ހަލާކުވެފައެވެ. ދަނޑުވެރިކަން އޮތީ އަރައިގަނެވޭވަރަށް ވުރެ ދަށަށް ގޮސްފައެވެ.

ސްރީލަންކާގެ އިގްތިސާދު އިނދަޖެހުމާއެކު ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތައްވެސްދަނީ ބަނގުރޫޓްވަމުންނެވެ. މިއާއެކު ކޮންމެ ދުވަހަކު އެތައް ބައެއްގެ ވަޒީފާތައް ގެއްލި އެމީހުންނާއި އެމީހުންގެ އާއިލާތައް ދަނީ ހާލުގައި ޖެހެމުންނެވެ.

ސްރީލަންކާ ސަލާމަތް ކުރުމަށް އައިއެމްއެފްއިން ނެގުމަށް މަސައްކަތްކުރާ ލޯންގެ މަޝްވަރާތައް ކުރިއަށް ދިޔަނަމަވެސް ލޯން ލިބޭނެކަމަށް ބެލެވެނީ އަދި ފަސް ވަރަަކަށް މަސް ފަހުންނެވެ. މިހާރު ސްރީލަންކާއަށް އެކިގޮތްގޮތުން ހިލޭ އެހީ ފޯރުކޮށްދެނީ އެކިގައުމުތަކުންނެވެ. މީގެތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން ބަންގްލަދޭޝް ފަދަ ގައުމުތަކާއި އެކިއެކި ޖަމްއިއްޔާ ޖަމާއަތްތައް ހިމެނެއެވެ.

comment ކޮމެންޓް