ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދައި، އެ ގޮތްތަކަށް ދިރިއުޅެން ޖެހޭ: ނައިބު ރައީސް

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދައި، އެ ގޮތްތަކަށް ދިރިއުޅެން ޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ނެތިގެންދާ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް ވިސްނާ ފިކުރުކުރަން ޖެހޭކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރެވެނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެއްޓަށް ގެއްލުންލިބޭ ކަންތައްތަކުން ދުރުހެލި ކުރުވަންކަމަށެވެ.

"ދިރިއުޅުމުގެ ކަންކަމުގައި ގުދުރަތީ އެކިއެކި ވަސީލަތްތައް ދިރިއުޅުމުގެ ފަސޭހައަށްޓަކައި ބޭނުންހިފާއިރު އެ ވަސީލަތްތައް ގެއްލިގެން ދިއުމުން އެ ކަމުން ކުރިމަތިވާނެ ނުތަނަވަސްކަން ހިތަށް ގެނެވޭ،" ފައިސަލް ވިދާޅުވިއެވެ.

ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އައިސް ޖައްވު ހޫނުވެ ކުރީގައި އަޑުނާހާ މިންވަރަށް ރާއްޖޭގެ އިތުރުން އެހެނިހެން ޤައުމުތަކުގައިވެސް އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ޤުދުރަތީ އެކިއެކި ހާދިސާތައް ހިނގުން އިތުރުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު ދުނިޔޭގެ އެކިއެކި ލީޑަރުންނާއި ތިމާވެށީގެ ހައްޤުގައި ވަކާލާތުކުރާ މީހުން ދައްކަމުންދާ ވާހަކަތަކުގެ އިތުރުން އެ ކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެ ހިމެނިގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ޤައުމުތަކުގެ ތެރޭގައި. މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަކީ ހަމަ އެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ،" ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ސަރުކާރުން ކުރާ ކަންކަމުގެ މައްޗަށް ވެސް އަލި އަޅުއްވާލައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކުނީގެ ބާވަތްތައް ވަކި ކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ ޕްލާސްޓިކާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެމަގުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެ ޖަލްސާގައި ފުވައްމުލައް ސިޓީ ބަޔޮސްފިޔާ ރިޒާވް ލޯގޯ އިފްތިތާޙުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް"ގެ ޕްރޮޖެކްޓް ޑޮކިއުމަންޓްގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.

މީގެ އިތުރުން "އޮންލީ ވަން އާތު" ވާހަކަ ފޮތް މުބާރާތުގެ އެއްވަނައަށް ދިޔަ ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް ފައިސަލް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

comment ކޮމެންޓް