42 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލަ 241 ކޮމިޓީއަށް

ސާޅިސް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރިި ދެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާގޮތް އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލާގައި ޕީޖީ އޮފީހުން ފުލުހުންނަށް ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރަން ތިބޭ މީހުންގެ އިޚުލާސްތެރި ކަމެއް ނެތް ނަމަ ޑްރަގުގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު، މ. ލަވްނެސްޓް ގޭގައި ވަޅުލާފައި ހުރި، 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ދަފްތަރު ނަންބަރު ރސ 3840، އުމުރުން 39 އަހަރުގެ އަޙްމަދު ޙުސައިންއާއި ކ. މާލެ، މ. ނޫރުއް، އުމުރުން 46 އަހަރުގެ ޢަބްދުﷲ ނަޝީދެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީއު ވިދާޅުވީ މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިމެ، އެގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ.

އެހެންކަމުން ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައި ފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ، މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައި ވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޝަފީއު ވިދާޅުވިއެވެ.

މާފަންނުގައި ހުރި ގެއަކުން މަސްތުވާތަކެތި ފެނިފައި ވަނީ ތަޅުމުގެ ދަށުގައި ވަޅުލާފައި ހުއްޓާ -- ފޮޓޯ/ ޕޮލިސް

މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ވެސް ޕީޖީން އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ‎މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަން ފާހަގަކުރެވޭ ކަމަށެވެ.

ޕީޖީ އިން ފުލުހުންނަށް ކޮށްފައިވާ ތުހުމަތުތަކާ ބެހޭގޮތުން މެންބަރު އުޝާމް މިއަދު "ސަން" އަށް ވިދާޅުވީ މިކަން ހިނގި ގޮތުގެ ހަގީގަތް ހޯދުން މުހިންމު ކަމަށެވެ. މި މައްސަލަ 241 ކޮމިޓީ އަށް ލާން ނިންމި ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

"241ސކޮމިޓީ އިން މި މައްސަލަ ބެލޭނެ. އިތުރަށް ދިރާސާ ވެސް ކުރާނަން. ޕީޖީ އިން ފުލުހުންނަށް ކުރާ ތުހުމަތު ތަކަށް ފުލުހުންގެ ބަސް ވެސް އެބަ ބޭނުންވޭ. ސުވާލު އުފެދޭ ބައިވަރު ކަންކަން އެބަހުރި. މި ހުރިހާ ކަމެއްވެސް ބެލެން ޖެހޭ،" މެންބަރު ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތައް ނުބަލައި ދޫކޮށްލައިފި ނަމަ ދުވަހަކުވެސް ކުއްވެރިންނަށް ހައްގު އަދަބު ނުދެވޭނެ ކަމަށެވެ. އަދި ރަނގަޅު މުޖުތަމައެއް ބޭނުންނަމަ މި މައްސަލަތައް އިންސާފުވެރި ކޮށް ބެލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް