''ފިނި ފެހި ސިޓީ''ގެ ދަށުން ކުޅުދުއްފުށީގައި 900 ގަސް އިންދައިފި

ކުޅުދުއްފުށި ސިޓީގައި ގަސްއިންދުން ކުރިއަށްދަނީ --- ފޮޓޯ/ ރިޟްވާން

''ފިނި ފެހި ސިޓީ'' ޝިޔާރުގެ ދަށުން ހދ. ކުޅުދުއްފުށީގައި 900 ގަސް އިންދައިފިއެވެ.

ކުޅުދުއްފުށި ސިޓީގެ ކައުންސިލްގެ މެންބަރު ރިޟްވާން މުޙައްމަދު ''ސަން'' އަށް ވިދާޅުވީ މި ޕްރޮގްރާމަކީ ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ.

އަދި މި ޕްރޮގުރާމްގެ ދަށުން ޖުމްލަ 900 ގަސް ރަށުގެ އެކި ހިސާބުތަކުގައި އިންދާނެއެވެ. މި ޕްރޮގުރާމް ފެށީ މިއަދު ހެނދުނެވެ.

"މި މަސައްކަތަކީ ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރިއަށްގެންދެވޭ މަސައްކަތެއް. އެގޮތުން ރަށުގެ ބަންޑާރަ މަގުގައި މި އިންދީ 200 ރަން ނިކަ ގަސް. ދެބަނދަރު ދޭތެރޭގައި އަޅުގަނޑުމެން މި އިންދީ 500 މަގޫ ގަސް. އޭގެއިތުރުން އަމީނީމަގުގައި 140 ހިރުދު އަދި ކިނބި 30 ގަހަކާއި މޫނިގަސް 30 ގަސް އިންދިން،'' ރިޟްވާން ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި ގަސްއިންދުން ކުރިއަށްދަނީ --- ފޮޓޯ/ ރިޟްވާން

ރިޟްވާން ފާހަގަކުރެއްވި ގޮތުގައި ރަށުގެ ބަންޑާރަމަގުގައި ގަސްއިންދުމަށްފަހު ބެލެހެއްޓުމުގެ ކަންކަން އެރަށު ޖަލާލުއްދީން ސުކޫލްގެ އިކޯ ކްލަބާ ހަވާލުކުރަން ވަނީ ނިންމާފައެވެ.

މި ޕްރޮގުރާމަކީ ކޮންމެ އަހަރަކުވެސް ކައުންސިލްގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މިޕްރޮގްރާމްގައި ޖުމްލަ 580 މީހުން ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް