އެމެރިކާއިން އަނެއްކާ ވެސް ރާއްޖެއަށް ވެކްސިން ހަދިޔާކޮށްފި، މިފަހަރު 100،620 ޑޯޒް

އެމެރިކާއިން ރާއްޖެ އަށް ހަދިޔާ ކުރި އިތުރު 100،000 އަށްވުރެ ގިނަ ކޮވިޑް ވެކްސިން ޝިޕްމަންޓް

އެމެރިކާއިން ރާއްޖެ އަށް އިތުރު 100،000 އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފިއެވެ.

މިއާއެކު މިހާތަނަށް އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ އަދަދު 439،920 އަށް މިވަނީ އަރާފައެވެ.

މިފަހަރު ވެސް ވެކްސިން ހަދިޔާކުރީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް އދ. އިން ގާއިމްކޮށްފައިވާ 'ކޮވެކްސް' ފެސިލިޓީ މެދުވެރިކޮށެވެ.

ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައިވާ މިޝަންގެ ޗާޖް ޑި އެފެއާޒް އެންޑްރިއާ އެޕެލް ވިދާޅުވީ އެމެރިކާ އިން ދަނީ އެ ގައުމުގެ ސައިންސްވެރިންނާއި އުފެއްދުންތެރިކަމުގެ ފަންނުވެެރިންގެ އެހީގައި ދުނިޔެއަށް ވެކްސިން ދިނުމަށް އެހީތެރިވަމުން ކަމަށެވެ.

އެމެރިކާއިން ރާއްޖެ އަށް ހަދިޔާ ކުރި އިތުރު 100،000 އަށްވުރެ ގިނަ ކޮވިޑް ވެކްސިން ޝިޕްމަންޓް

"ވެކްސިން ހަދިޔާކުރުން ހިމެނޭ ގޮތަށް ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުން ދައްކުވައިދެނީ އެމެރިކާގެ ރައްޔިތުންގެ ހަގީގީ ދީލަތިކަން،" އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ އާލަމީ ވަބާ ރާއްޖޭގައި ފެތުރުނު ފަހުން ޔޫއެސް އެއިޑުން ވަނީ ހަތް މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެހީގެ އިތުރުން 60 ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެމެރިކާއިން ރާއްޖެ އަށް ހަދިޔާ ކުރި އިތުރު 100،000 އަށްވުރެ ގިނަ ކޮވިޑް ވެކްސިން ޝިޕްމަންޓް

ދުނިޔޭގެ އެކި ގައުމުތަކަށް އެމެރިކާއިން 1.2 ބިލިއަނަށްވުރެ ގިނަ ވެކްސިން ދިނުމަށް ވައުދުވެފައިވެއެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އެގައުމުން ވަނީ 115 ޤައުމަކަށް 533 މިލިއަނަށްވުރެ ގިނަ ވެކްސިން ފޯރުކޮށްދީފައެވެ. އަދި "ކޮވެކްސް" އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމަކީ ވެސް އެމެރިކާއެވެ.

އެޗްޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 398،682 މީހުން މިހާތަނަށް ވަނީ ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 88.05 ޕަސެންޓެވެ.

ދެ ވަނަ ޑޯޒް ޖަހާފައި ވަނީ 384،183 މީހުންނެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 84.85 ޕަސެންޓެވެ.

މިހާތަނަށް ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 160،911 މީހުންނެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 35.54 ޕަސެންޓް މީހުންނެވެ.

comment ކޮމެންޓް