ރަނގަޅު އާއިލާއަކަށް އެދޭނަމަ ރަނގަޅު ބައިވެރިޔަކު ޚިޔާރު ކުރަން ޖެހޭ: ޚުޠުބާ

ރަނގަޅު އާއިލާއަކަށް އެދޭނަމަ ރަނގަޅު ބައިވެރިޔަކު ޚިޔާރު ކުރަން ޖެހޭނެކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، 'ހަރުދަނާ އާއިލާއެއް ބިނާކުރުން' މި މައުޟޫއަށް ޚާއްޞަކޮށްފިއެވެ.

ޚުޠުބާގައި ބުނީ، އިންސާނީ މިޖުތަމައެއް އުފެެދެނީ ކުދިކުދި އާއިލާތަކުން ކަމަށެވެ. އެހެންކަމުން ކުދިކުދި އާއިލާތައް ހަރުދަނާ ކުރެވިގެން މެނުއީ މުޖުތަމައު ހަރުދަނާ ނުކުރެވޭނެ ކަމަށް ބުންޏެވެ.

މުޖުތަމައުގެ އަހުލާގީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑެތިވަމުން އަންނަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ނުދެވުން ކަމަށް ޚުޠުބާގައި ބުންޏެވެ.

"ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަން ކަށަވަރު. އޭގެ ފަހުގައި، އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަން ވެގެން ދަނީ، އެ ކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިއްޔަތެއްގެ ސަބަބުން،" ޚުޠުބާގައި ބުންޏެވެ.

މުޖުތަމައު ބިނާވަނީ އާއިލާތަކުން ކަމަށް ވުމާއެކު، އާއިލާގެ ބިންގާ އެޅުމުގައި ސަމާލުވުމަށް ޚުޠުބާގައި ގޮވާލިއެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ޒަވާޖީ ހަޔާތެއް ފެށުމުގައި، ދީންވެރި، ރަނގަޅު ބައިވެރިޔަކު އިޚުތިޔާރު ކުރުން ކަމަށް ޚުޠުބާގައި ބުންޏެވެ.

ތިމާގެ ދަރިއާ ކައިވެނި ކުރުމަށް ދީންވެރި، ޚުލްޣުހެޔޮ މީހަކު އަތިވެއްޖެ ނަމަ، އެކަން ކޮށްދިނުމަށް އިސްލާމްދީން ބާރުއަޅާ ކަމަށް ޚުޠުބާގައި ބުންޏެވެ.

އެފަދަ މީހަކު ހޯދުމަށްޓަކައި، އެމީހެއްގެ އާއިލާ އުޅުން ބަލައިފިނަމަ ގިނަ ފަހަރު އެ މީހާގެ ގޮތް އެނގޭނެ ކަމަށާއި، ތިމާ ނުދަންނަ އައި އެ މީހެއްގެ އާއިލާވެސް ނޭނގޭ މީހަކާ ކައިވެނި ކޮށްފިނަމަ ހިތި ތަޖުރިބާ ކުރަން ޖެހޭނެ ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، ކައިވެނި ކުރުމަށް ބައިވެރިއަކު އިޚުތިޔާރު ކުރާއިރު ފަރުވާ ކުޑަކޮށްލެވުނުން، އާއިލާއެއް ބިނާކުރާއިރު އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އޭގެ ސަބަބުން އާއިލީ ގުޅުން ހީނަރުވެ، ކައިވެނިތައް ތޫޅި، ދަރިންނަށް އެކަމުގެ އޭދެވޭ އަސަރު ކުރާކަމަށް ޚުޠުބާގައި ބުންޏެވެ.

އެހެންކަމުން، އާއިލާއެއްގައި ދެމަފިރިންގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ، އެ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުން ކަމަށް ޚުޠުބާގައި ބުންޏެވެ.

comment ކޮމެންޓް