އަބުރު ގެއްލުމުގެ ބަދަލެއްގެ ގޮތުން 10 މިލިއަން ޑޮލަރު ލިބި ޑެޕްއަށް ބޮޑު ކާމިޔާބީއެއް

ޖޮނީ ޑެޕް އާއި އެންބާ ހާޑް -- ފޮޓޯ / ޝަޓާސްޓޮކް

"ދަ ޕައިރެޓްސް އޮފް ދަ ކެރީބިއަން" ފަދަ މަޝްހޫރު ފިލްމުތައް ކުޅެފައިވާ ޖޮނީ ޑެޕް ގެވެށި އަނިޔާކުރިކަމަށް ބުނެ އޭނާގެ ކުރީގެ އަނބިމީހާ އޭމްބާ ހާޑްް ލިޔުނު ލިޔުމެއްގައި ޑެޕްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލަ އޭނާއަށް ކާމިޔާބުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ދިޔަ އެ މައްސަލައިގެ އަޑުއެހުންތަކަށް ފަހު ޖޫރީން ޑެޕްއާއި ހާޑް، އެކަކު އަނެކަކުގެ އަބުރު ކަތިލާފައިވާކަމަށެވެ. އެގޮތުން ޑެޕްގެ އަބުރު ގެއްލޭގޮތަށް ހާޑް ތިން ފަހަރަކު ވާހަކަ ދައްކާފައިވާކަމަށެވެ. އަދި ހާޑްގެ އަބުރު ގެއްލޭ ގޮތަށް ޑެޕްގެ ފަރާތުން އެއް ބަޔާން ނެރެފައިވާ ކަމަށް ވެސް ޖޫރީގެ ނިންމުމުގައިވެއެވެ.

މި ދައުވާގައި ޑެޕްއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު އެ މައްސަލާގައި ޑެޕްއަށް ލިބުނު ގެއްލުމުގެ ބަދަލުގައި އޭނާއަށް 10 މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ޖޫރީން ވަނީ ނިންމާފައެވެ. އަދި ހާޑްގެ އަބުރު ގެއްލޭ ގޮތަށް ޑެޕް ވެސް ބަޔާނެއް ނެރެފައިވާތީ ޖޫރީން ވަނީ ހާޑްއަށް ދެ މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ނިންމާފައެވެ.

އެ މައްސަލައިގެ ފަހު އަޑުއެހުމަށް ޑެޕް ހާޒިރު ނުވި ނަމަވެސް ހާޑް ވަނީ އެ އަޑުއެހުމުގައި ބައިވެރިވެފައެވެ. އެ މައްސަލައިގައި ޖޫރީއިން ނިންމި ގޮތް އަޑު އިއްވިއިރު ހާޑް އިނީ އިސްޖަހައިލައިގެންނެވެ.

ހާޑްގެ ތަރުޖަމާނަކު ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެމުން ބުނީ އެ މައްސަލަ އިސްތިނާފު ކުރާނެ ކަމަށެވެ.

ޑެޕްއާއި ހާޑް އެންމެ ފުރަތަމަ ބައްދަލުވީ 2009 ވަނަ އަހަރު، އެ ދެ މީހުން ލީޑް ރޯލުން ފެނިގެން ދިޔަ "ރަމް ޑައިރީ" ފިލްމުގެ ސެޓުގައެވެ. އޭގެ ފަހުން އެ ދެ މީހުން ކައިވެނި ކުރީ 2015ގައެވެ. ނަމަވެސް ޖެހިގެން އައި އަހަރު، ޑެޕް ޖިސްމާނީ އަނިޔާ ކުރި ކަމަށް ބުނެ ހާޑް ވަރިވާން ކޯޓަށް ފޯމު ހުށަހެޅިއެވެ. އެ ދެ މީހުން ވަރިވީ 2017 ވަނަ އަހަރެވެ.

comment ކޮމެންޓް