ޝަމީމް ޕީޖީކަމުން ވަކިކުރަން އެމްޑީޕީ މެންބަރުން ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅައިފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް މިއަދު ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވަން އެޖެންޑާ ކުރީ ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކި ކުރުމާ ގުޅޭ މައްސަލައިގައި ގޮތެއް ނިންމުމަށެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިއަދު ''ސަން''އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި އެހެން ކަމެއްގެ ގޮތުގައި ޝަމީމް ޕީޖީގެ މަގާމުން ވަކިކުރަން މެންބަރަކު ހުށަހެޅުއްވި ކަމަށެވެ.

ނަމަވެސް، އަސްލަމް ވިދާޅުވި ގޮތުގައި މިއަދު އެ ހުށަހެޅުމާ ގުޅިގެން ވޯޓެއް ނުނަގަން ނިންމައި، އެ ހުށަހެޅުން ވަކި ބައްދަލުވުމެއްގެ ގޮތުގައި ތާވަލުކޮށްގެން ގެންދިޔުމަށް ވަނީ ނިންމާފައެވެ.

"މައްސަލައިގެ ގޮތުން މައްސަލައަށް ބަލާފަ އަޅުގަނޑުމެން ނިންމީ މިއީ ވަކިން ހުށަހަޅައި އެޖެންޑާ ކޮށްގެން ގެންދަން ޖެހޭ ވަރުގެ ކަމެއް ކަމަށް،" އަސްލަމް ވިދާޅުވިއެވެ.

ޝަމީމް ޕީޖީ ގުރޫޕުން ވަކިކުރަން ހުށަހެޅުއްވީ ކޮން މެމްބަރެއް ކަމެއް އަސްލަމް ހާމަކުރައްވާފައެއް ނުވެއެވެ. އަދި ޝަމީމް ޕީޖީގެ މަގާމުން ވަކިކުރަން ބޭނުންވާ ސަބަބެއް ވެސް އަސްލަމް ހާމަކުރައްވާފައެއް ނުވެއެވެ.

comment ކޮމެންޓް