މިފްކޯގެ ޕްރޮމޯޝަން ނިމުމާއެކު، މަސްދަޅުގެ އަގު މައްޗަށް

މިފްކޯ ފަސްމީރު މަސްދަޅު --- ސަން ފައިލް ފޮޓޯ

މިފްކޯގެ "ފަސްމީރު އެންމެ މީރު" ރޯދަ ޕްރޮމޯޝަން ނިމުމާއެކު އެ ކުންފުނިން ވިއްކާ މަސްދަޅުގެ އަގު މައްޗަށް ހިނގައްޖެއެވެ.

އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ އެ ޕްރޮމޯޝަން ނިމުމުން، މިއަދުން ފެށިގެން އެ ކުންފުނިން ވިއްކަމުން އަންނަ މަސްދަޅު ކޭހަކުން 150 ރުފިޔާ ވަނީ ބޮޑުވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއެކު، މަސްވެރިންގެ އަތުން މަސްގަންނަ އަގުން، ކިލޯއަކަށް ރުފިޔާއެއް މިފްކޯއިން ވަނީ މިދިޔަ މާޗުމަހު ބޮޑުކޮށްފައެވެ. އެއާއެކު، އެ ކުންފުނިން ވިއްކާ މަސްދަޅުގެ އަގު ވެސް ބޮޑުވާނެކަން މިފްކޯއިން އޭރު އިއުލާނުކުރިއެވެ.

އެހެންނަމަވެސް، އޭރު ރޯދަމަސް ގާތް ވެފައިވާތީ، ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން މަސްދަޅުގެ އަގު ހިފެހެއްޓިފައި ހުންނާނެ ކަމަށް މިފްކޯއިން ބުންޏެވެ.

އެ ކުންފުނިން މިއަދު ބުނީ ދުނިޔޭގެ ބާޒާރުގައި ދަޅަށް އަޅާ ތެލުގެ އަގު ދެގުނައަށް އުފުލިފައިވާ ކަމަށެވެ. އަދި ދަޅު އުފެއްދުމަށް ބޭނުންކުރާ ޓިން ފްރީލްސްއާއި، ދަޅުގެ އަގުގެ ބޮޑު ބައެއް ހިއްސާކުރާ ޑީސަލްގެ އަގު ވެސް މައްޗަށް ގޮސްފައިވާ ކަމަށެވެ.

މިފްކޯއިން ބުނީ އެ ތަކެތީގެ އަގަށް އައި ބަދަލާއެކު، އަލަށް ކަނޑައެޅުނު އަގުތަކަކީ މިވަގުތު ދަޅު މަސް ވިއްކެން ހުރި އެންމެ ރަނގަޅު އަގު ކަމަށެެވެ.

comment ކޮމެންޓް