ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ސްޕީޑް މަޑުޖައްސާލަން ޖެހޭ: ނަޝީދު

ރައްޔިތުން މަޖިލީހުގް ރައީސް މުޙައްމަދު ނަޗީދު--ފޮޓޯ/މަޖިލިސް

މިވަގުތު ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ސްޕީޑް މަޑުޖައްސާލަން ޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަ ހޯދުމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާ މަޖިލިސް މެންބަރުން ވަނީ ސުވާލުކުރައްވާފައެވެ.

މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް ނަޝީދު ވަނީ މި ސަރުކާރުން ދަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުންކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ސްޕީޑް މި ވަގުތަށް މަޑުޖައްސާލުމަކީ މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިއްޒަތްތެރި ވަޒީރުގެ ވުޒާރާއިންވެސް އަދި ސަރުކާރުގެ އެހެން ވުޒާރާތަކުންވެސް ވައުދުތައް ފުއްދަމުންދާކަމީ އަޅުގަނޑު ހިތުގެ އަޑިން ޝައްކު އުފެދޭ ކަމެއް ނޫން. ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން. ސަރުކާރުން ވައުދުތައް ފުއްދުމުގެ ސްޕީޑް މަޑުޖައްސާލުމަކީ މިވަގުތު ރާއްޖޭގެ މާލިއްޔަތަށް އެންމެ ރަނގަޅުގޮތް،'' ނަޝީދު ވިދާޅުވިއެވެ.

އެމަަނިކުފާނު އެހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ ކަންކަމަށް އަންނަ ބަދަލުތަކާއި މުޅި އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ހާއްސަކޮށް ދުނިޔޭގެ ތެލުގެ އަގު ބޮޑު ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަވައްޓެރި ސްރީލަންކާ ދަރަނިވެރިފައިވާކަން ފާހަގަކުރައްވާ މި ވަގުތު ރާއްޖޭގެ ކޮންމެ ކަމެއްވެސް ކުރިއަށްގެންދަން ވާނީ ވަރަށް ވިސްނުންތެރި ކަމާއެކުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަވައްޓެރި ގައުމެއް އެއުޅެނީ ދަރަނީގެ ދަތީގަ ވަރަށް ބޮޑަށް. މީ އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު ތިބެންވީ ވަގުތެއް،'' ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭކަމުގެ ވާހަކައަކީ މެންބަރުންނަށާއި މިނިސްޓަރުންނަށް ދައްކަން ފަސޭހަ ވާނެ ވާހަކައެއްނޫން ނަމަވެސް އެއީ މިވަގުތު ކޮންމެހެން ރައްޔިތުންނަށް އެނގެން ޖެހޭ ވާހަކައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މަޖިލީހަށް އެއްމެ ގިނައިން ހާޒިރުކުރެވޭ އެއް މިނިސްޓަރަކަށް މިނިސްޓަރު އަސްލަމް ވާނެއެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހުގެ ޖަލްސާއަށް ވެސް މިނިސްޓަރު އަސްލަމްވަނީ ހާޒިރުކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި މިވަގުތު ތެލުގެ އަގު އުފުލިފައި ވަނީ ރަޝިއާއިން އުފައްދާ ތެޔޮ ގަތުން މަދުކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ނިންމުމުންނެވެ. އެ ނިންމުން އިއުލާން ކުރުމާއެކު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އިއްޔެ 123 ޑޮލަރަށް އެރިއެވެ. އެއީ މިދިޔަ ދެ މަސް ތެރޭގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އެހާވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް