އައްޑޫގައި ރަޖިސްޓްރީކުރެވިފައިވާ އުޅަނދުތަކުގެ ދަފްތަރެއް އެކުލަވައިލަނީ

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ކުރަން ފަށާފައި ވަނީ އިއްޔެއެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު ވިދާޅުވީ މި މަސައްކަތަކީ އުޅަނދުފަހަރު ރަޖިސްޓްރީ ކޮށްފައިވާ ޒޯންތަކުގެ ތެރެއިން އެރަށަކަށް ނިސްބަތްވާ އުޅަނދުފަހަރުގެ މައުލޫމާތު އެނގޭގޮތް ޑާޓާބޭސްއިން ވަކިކުރުމުގެ ބޭނުމުގައި ލޯކަލް ގަވާމެންޓް އޮތޯރިޓީގެ އެންގުމުގެ މަތިން ކުރާކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މި އެކުލަވާލަނީ އެއްގަމު އަދި ކަނޑުގެ އުޅަނދުތައްވެސް ހިމެނޭނެ ދަފްތަރެއް. އުޅަނދުތަކުގެ އަހަރީފީ ލިބިގަތުމަށް އެލްޖީއޭއަށް އަޅުގަނޑުމެން ގުޅީމަ ދެންނެވީ އަސްލު ދަފްތަރެއް އެކުލަވައިލަން. އެމައުލޫމާތުތައް އެނގޭނެގޮތަށް،" ޝުއާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އުޅަނދުފަހަރުގެ މައުލޫމާތު އެ އިދާރާއަށް ހާޒިރުނުވެ އޮންލައިންކޮށް ވެސް ދެވޭނެ ޕްލެޓްފޯމުތަކެއް ހަމަޖައްސާފައިވެއެވެ.

އުޅަނދުފަހަރުގެ މައުލޫމާތު ދެވިދާނެ ގޮތްތައް:

  • ގޫގަލް ފޯމު މެދުވެރިކޮށް
  • އުޅަނދު ފަހަރުގެ ރަޖިސްޓްރީ ނަމްބަރު ފެންނަގޮތަށް ފޮޓޯނަގައި ވައިބާ ކޮށްގެން
  • އުޅަނދު ފަހަރުގެ ރަޖިސްޓްރީގެ ކޮޕީއެއް ވައިބާކޮށްގެން

މި ފެށޭ ޖޫންމަހުގެ 10 ވަަނަ ދުވަހުގެ ކުރިން އުޅަނދު ފަހަރުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

comment ކޮމެންޓް