ފުލުހުންގެ ފްލެޓްތައް ނިންމަން ހަވާލުކޮށްފައިވާ ތާރީޚަކަށް ނުނިމޭނެ: މިނިސްޓްރީ

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ހައުސިންގް މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލު ކުރުން--- ފޮޓޯ/ މަޖިލިސް

ފުލުހުންނަށް ޚާއްޞަ ކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތައް ނިންމަން ހަވާލުކޮށްފައިވާ ތާރީޚަކަށް އެ ފްލެޓްތައް ނުނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހުޅުމާލޭގައި ފުލުހުންނާއި ސިފައިންނަށް ޚާއްޞަކޮށްގެން އަޅަން ފެށި ފްލެޓުތަކުގެ މަސައްކަތް ލަސްވާތީ އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ވަނީ މިއަދު ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ކުރަމުން އައި މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ހަވާލުވެފައިވާ ކަމަށާއި 250 މިލިއަން ރުފިޔާއަށް އެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަމީން ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމުގައި ވާގޮތުން އެ ކުންފުނިން އެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމަން ޖެހޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ މަސައްކަތް މީގެ ކުރިން އޮތީ 'މަސްހުނިގަނޑެއް'ހެން ކަމަށެވެ.

އަކްރަމް ވިދާޅުވީ އެ މަސައްކަތުގެ ތެރޭގައި ސަބް ކޮންޓްރެކްޓަރަކު ވެސް އެބައުޅޭ ކަމަށެވެ. އެ މީހުން ހަވާލުވެފައިވަނީ ނެޓްވޯކް މަސައްކަތް ފަދަ މަސައްކަތް ކުރުމަށް ކަމަށްވާއިރު އެ މަސައްކަތް ލަސްވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ވަމުންދާނަމަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްލެޓުތަކުގެ މަސައްކަތް ނުނިމިދާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މަސައްކަތް ނިންމުމަށް އިތުރު ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިނިސްޓްރީން އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ބާރު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންނަށް ޚާއްޞަ ކޮށްގެން އިމާރާތްކުރާ ފްލެޓުތައް އިމާރާތްކުރުމަށް ޕްލޮކޯ ކުންފުންޏާ ހަވާލުކުރީ 2012 ވަނަ އަހަރުގައެވެ.

comment ކޮމެންޓް