ސިއްހަތުގެ އިތުރުން ތިމާވެއްޓަށް ވެސް ދުންފަތުގެ އަސަރު ކުރޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު --- ފޮޓޯ/ ރައީސް އޮފިސް

ދުންފަތުގެ ސަބަބުން ހަމަ އެކަނި އަސަރު ކުރަނީ ސިއްހަތަށް ނޫން ކަމަށާއި އޭގެ ސަބަބުން ތިމާވެށި ވެސް ތަޣައްޔަރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި ހިޠާބުގައި އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ ބާވަތްތައް އުފެއްދުމުގައި ހޭދަވާ ކޮންމެ މަރުހަލާއަކީ، ދުނިޔޭގެ ތިމާވެށި ހަލާކުކުރާ އަދި ޖައްވު ތަޣައްޔަރުކުރާ މަރުހަލާއެއްކަމަށެވެ. އަދި ދުންފަތުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ސިނާއީ މަރުހަލާތަކުގައި، ތިމާވެއްޓަށް ލިބޭ ބޮޑެތި ގެއްލުންތަކަކީ ނުސީދާ ގޮތުން އިންސާނާގެ ފުރާނައަށް އެތައް ނުރައްކާތަކެއް ކުރިމަތިކުރުވާ ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ވަނީ ސިނގިރޭޓް އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 600 މިލިއަން ގަސް ކަނޑާކަމާއި ސިނގިރޭޓް އުފައްދާ ކާރުޚާނާތައް ހިންގުމުގެ ތެރޭގައި، އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރާކަމާއި ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވްރެޖް ގޮތެއްގައި، 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ސިނގިރޭޓް ބުއިމަށް ފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އެކި ތަންތަނަށް އުކައިލުމުން، އެވްރެޖްކޮށް އަހަރަކު 766 ޓަނުގެ ވިހަ ކުނި އުފެދޭކަމާއި އޭގެ ސަބަބުން އެތައް ބައިވަރު ވިހަ ކެމިކަލްތައް، ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އަންނަން އޮތް ޖީލުތަކަށްޓަކައި ދުނިޔޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު ޖެހިފައިވާކަމަށާއި މިހާރަށްވުރެ ބޮޑަށް މިކަމަށް ސަމާލުވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ހިޠާބުގައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވާން މަސައްކަތްކުރާ މީހުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މި އަހަރު ހިންގާ ހަރަކާތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދަނީ، އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.

comment ކޮމެންޓް