ކަޔާން ގަބީލާގެ މީހުން ކަރު ދިގު ކުރަން ބޭނުންވަނީ ކީއްވެ؟

ކަރު ދިހުކުރުމަށްޓަކައި ދަގަނޑު ފަށެއް އަޅާފައިވާ އަންހެނެއް -- ފޮޓޯ: ޕިކްސާބޭ

ކޮންމެ ގައުމެއްގައިވެސް އެބައެއްގެ އަމިއްލަ ސަގާފަތަކާއި ތަރިކައެއް އޮވެއެވެ. ގައުމެއްގެ ސަގާފަތަކީ އެ ގައުމުގެ މީހުން ރަމްޒުކޮށްދޭ އެއްޗެކެވެ. އެގޮތުން ކަޔާންގެ މީހުންނަކީވެސް ވަރަށް ތަފާތު ސަގާފަތެއް ގެންގުޅޭ ބަޔެކެވެ.

ޕަޑައޮންގް ނުވަތަ ކަޔާން ގަބީލާއަށް ޒިޔާރަތްކުރާ ކޮންމެ މީހެއްގެ ލޮލުގައި ވެސް އެންމެ ފުރަތަމަ އަޅައިގަންނާނީ އެ ގަބީލާގެ އަންހެނުން ކަރު ދިގު ކުރުމަށްޓަކައި އެމީހުންގެ ކަރުގައި އޮޅާފައި އޮންނަ ދަގަނޑުފަށެވެ. ގިނަ ބަޔަކު އެ ގަބިލާގެ އަންހެނުންނަށް "ޖިރާފް ވިމެން"ގެ ނަމުންވެސް ގޮވައެވެ.

ކާޔާން ގަބީލާގެ މީހުންނަކީ މިޔަންމާއަށް ނިސްބަތްވާ ބަޔެއް ނަމަވެސް އެ މީހުން މިހާރު ދިރިއުޅެމުން ދަނީ ތައިލެންޑުގައެވެ.

އެމީހުންގެ ދިރިއުޅުން ތައިލެންޑަށް ބަދަލުކުރީ 1962 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ވެރިކަން އަތުލައި، ކަޔާން ގަބީލާގެ މީހުންގެ އާދަކާދައިގެ ސަބަބުން އެމީހުންނާ މެދު ތަފާތުކުރުންތަކެއް ގެންގުޅެން ފެށުމުންނެވެ.

ކަޔާންގެ އަންހެނުން ކަރު ދިގު ކުރަން މަސައްކަތް ކުރުމުގެ ސަގާފަތުގެ ފަހަތުގައި ވަަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. އެގޮތުން އެކަން އެންމެ ފުރަތަމަ ފެށުނީ އެމީހުން ފުރަތަމަ ދިރިއުޅުނު ސަރަހައްދުގައި މިނިކާވަގު ދިރިއުޅޭތީ، މިނިކާވަގުގެ ހަމަލާއިން އަންހެނުންގެ ކަރު ސަލާމަތް ކުރަން ކަމަށް ބައެއް މީހުން ބުނެއެވެ.

އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ކަޔާންގެ އަންހެނުން އެމީހުންގެ ކަރުގައި އެ ދަގަނޑު ފަށް އަޅަނީ އަމިއްލަ މީހާ ހުތުރު މީހެއްގެ ގޮތުގައި ދެއްކުމެވެ. މިކަމުގެ ސަބަބަކީ އަވަށްޓެރި ގަބީލާތަކުގެ މީހުން ކަޔާންގެ އަންހެނުން ރަހީނު ކުރާތީ، އެކަމުން ސަލާމަތްވުމަށްޓަކައެވެ.

މީގެ އިތުރުން ކަޔާންގެ އަންހެނުން އަޅާ ދަގަނޑު ފަށަކީ މުއްސަނދިކަމާއި މުޖުތަމައުން އެމީހުން ބަލައިގަންނަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެމީހުން ދެކެއެވެ. އެ ގަބީލާގެ ކުޑަ އަންހެން ކުދިންވެސް މި ދަގަނޑު ފަށް އަޅަންޖެހެއެވެ. އަދި އެ ކުދިން ބޮޑުވާވަރަކަށް އެކުދިންގެ ކަރުގައި އަޅަން ޖެހޭ ފަށް ދިގު ވަމުންދާނެއެވެ.

އެ ދަގަނޑު ފަށުގެ ސަބަބުން ކަރުދިގުވޭތޯ އެއީ ގިނަ މީހުން ހިތުގައި އުފެދޭ ސުވާލެކެވެ. ހަގީގަތަކީ، އޭގެ ސަބަބުން މީހާގެ ކަރު ދިގު ނުވާ ކަމެވެ. ނަމަވެސް އެ ފަށުގެ ސަބަބުން ކޮނޑުކަށިގަނޑާއި މޭކަށިގަނޑު ތިރިއަށް ދެއެވެ. އެހެންކަމުން ކަރުދިގުވާކަމަށް ދައްކައެވެ.

އެކަމުގެ ސަބަބުން ކޮނޑުކަށިގަނޑާއި މޭކަށިގަނޑަށް ގެއްލުން ލިބި، ސިއްހީ މައްސަލަތަކަށް ވެސް މަގުފަހިވެއެވެ.

comment ކޮމެންޓް