ރަޝިއާއާ ކުރިމަތިލެވޭވަރުގެ ބާރުގަދަ ހަތިޔާރު ޔުކްރެއިންއަށް ދޭން އެމެރިކާ ޖެހިލުންވެއްޖެ

ރަޝިއާއިން ޔުކްރެއިން ހަނގުރާމައިގާ ހޯދަމުންދާ ކުރިއެރުންތަކާ ގުޅިގެން ރަޝިއާއަށް ރައްދު ދެވޭފަދަ ބާރުގަދަ ހަތިޔާރު ފޯރުކޮށްދިނުމަށް ޔުކްރޭނުން އެދުނު އެދުމަށް އެމެރިކާ ދެކޮޅު ހަދައިފިއެވެ.

ޔުކްރެއިންގެ މިއެދުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ރަޝިޔާއަށް ހަމަލާދެވޭވަރުގެ ދުރުރާސްތާ ބާރުގަދަ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދެވެން ނެތްކަމުގައެވެ.

ނަމަވެސް ޔުކްރެއިންއަށް ވަދެގެންއުޅޭ ރަޝިއާ ސިފައިންނަށް ހަނގުރާމައިގެ މައިދާނުގައި ރައްދު ދެވޭފަދަ އާދައިގެ ކުރުރާސްތާގެ ހަތިޔާރު ކުރިންވެސް ފޯރުކޮށްދޭގޮތަށް ޔުކްރެއިންއަށް ފޯރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެކަމަށް ބައިޑެން ވިދާޅުވިއެވެ.

އެމެރިކާގެ ހަރުކަށި ފިކުރުގެ ލީޑަރުންގެ ކަންބޮޑުވުން

ބައިޑެންގެ މިނިންމެވުމާ ގުޅިގެން އެމެރިކާގެ ކޮންގްރެސްގެ ހަރުކަށި ވިސްނުމުގެ ބައެއް މެންބަރުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޔުކްރޭންގެ މައްސަލަ ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ބަދަލުގައި ރަޝިއާއަށް ސީދާގޮތެއްގައި ހަމަލާދީގެން ޔުކްރޭން ލައްވައި ހަނގުރާމައިގެ މައިދާނުގައި ބާރުގަދަ ރަޝިއާ ބަލިކުރުމުގެ ހަރުކަށި ވިސްނުން ގެންގުޅޭ ކޮންގްރެސްގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ މިއީ އެމެރިކާ ޔުކްރެއިންއަށް ޚިޔާނާތްތެރިވުން ކަމުގައެވެ.

އަދި ރަޝިއާގެ ޝިކާރައަކަށްވާން ޔުކްރެއިން ދޫކޮށްލުން ކަމަށާ މިކަން ގަބޫލުނުކުރެވޭނެ ކަމުގައެވެ. މިގޮތަށް އަމަލުކުރުމަކީ އެމެރިކާއިން ޑިމޮކްރަސީއަށްވެސް ޚިޔާނާތްތެރިވުންކަމަށް އެމެންބަރުން ވަނީ ސިފަކުރައްވާފައެވެ.

ހުޅަނގުގެ ފަލްސަފާގެ ޑިމޮކްރަސީއާއި ހުޅަނގުގެ ލާދީނީ މިންގަނޑުތަކަށް ފެތޭ އިންސާނީ ހައްގުތައް

ހުޅަނގުގެ ފަލްސަފާގެ ޑިމޮކްރަސީއާއި ހުޅަނގުގެ ލާދީނީ މިންގަނޑުތަކަށް ފެތޭ އިންސާނީ ހައްގުތައް ދުނިޔޭގެ ގައުމުތަކުގައި ފެތުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކަށް އެމެރިކާގެ ބާރާއި ނުފޫޒު ހިންގައި ބައިނަލްއަގްވާމީ މުޅި ނިޒާމަކީ އެމެރިކާ އެކަނި ޑިކްޓޭޓް ކުރާ ނިޒާމެއްކަމަށް ހެދުމަށް އެމެރިކާ ގެންގުޅޭ އިންޕީރިއަލް ސިޔާސަތުގެ ދަށުން އެމެރިކާ ކުރާކަމެކެވެ.

ޔުކްރޭންއަކީވެސް އެމެރިކާ ފިކުރުގެ ޑިމިކްރަސީ އޮންނަ ގައުމަކަށްވާތީ އެނިޒާމު ހިމާޔަތް ކުރަން އެމެރިކާ ބޭނުންވެއެވެ. ރަޝިއާއާއި ޗައިނާ ފަދަ ގައުމުތަކަކީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވިޔަސް ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާ ދުނިޔޭގައި ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމުގައި ބަސްބުނުމުގެ އެއްވެސް ފުރުސަތެއް އެހެން ގައުމަކަށް ދޭން އެމެރިކާ ބޭނުމެއް ނުވެއެވެ.

އެމެރިކާއަކީ ދުނިޔޭގެ ޑިކްޓޭޓަރު، ދުނިޔެއަށް ޑިކްޓޭޓް ކުރަންބޭނުންވަނީ އެމެރިކާ އެކަނި

އެމެރިކާ ޑިމޮކްރަސީއަށް ގޮވިނަމަވެސް ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ އުޅެން ބޭނުންވަނީ ޑިކްޓޭޓަރެއްގެ ގޮތުގައެވެ. މުޅި ދުނިޔެއަށް ޑިކްޓޭޓް ކުރަންބޭނުންވަނީ އެމެރިކާ އެކަންޏެވެ. ބައިނަލްއަގްވާމީ ނިޒާމުގައި ބަސްބުނުމުގެ އެއްވެސް ފުރުސަތެއް އެހެން ގައުމަކަށް ދޭން އެމެރިކާ ބޭނުމެއް ނުވެއެވެ.

ރަޝިއާ ސިފައިން ޔުކްރޭންގައި ކުރި ހޯދަނީ

ދުނިޔޭގައި އޮންނަންޖެހޭނެކަމަށް އެމެރިކާ ގަބޫލުކުރަނީ ހަމައެކަނި އެމެރިކާގެ ޑޮލަރަށް ބަރޯސާވާ ހަމައެކަނި އެމެރިކާއަށް ބިލިޔަނުން ފައިދާލިބޭ ސްވިފްޓް މާލީ ނިޒާމެވެ. މިނޫން ނިޒާމެއް އުފައްދަން އުޅޭ ކޮންމެ ފަރާތެއް ހަލާކުކޮށްލަން އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައެވެ. އެމެރިކާގެ ބަސްނާހާ ކޮންމެ ގައުމަކަށް އަދަބު ދީ ކިޔަމަން ކުރަން އެމެރިކާ ބޭނުންވެއެވެ. ނިއުކްލިޔާ ހަތިޔާރުވެސް އެމެރިކާއަށް ހުއްދައެވެ. އެހެންގައުމަކުން ހަތިޔާރު ހަދަން އުޅޭނަމަ ފިޔަވަޅު އަޅައެވެ. އީރާން މިކަމުގެ ހެއްކަކަށް ފުދެއެވެ.

ޔުކްރޭން ހަނގުރާމައިގާ ރަޝިއާއަށް ކާމިޔާބު ލިބިއްޖެނަމަ މިގޮތް ބަދަލުވެ އެމެރިކާގެ ބާރާއި ނުފޫޒަށް ލޮޅުން އަރާނެކަމުގެ ބިރު އެމެރިކާ އިހްސާސް ކުރެއެވެ.

ރަޝިއާ ބަދަލު ހިފާފާނެކަމުގެ ބިރުވެސް އެމެރިކާ އިހްސާސްކުރޭ

ނަމަވެސް ރަޝިއާއަށް ސީދާގޮތެއްގައި ހަމަލާ ދެވޭވަރުގެ ބަރުގަދަ ހަތިޔާރު ޔުކްރެއިންއަށް ދީފިނަމަ ރަޝިއާ ނޭޓޯގެ ކިބައިން ބަދަލުހިފާފާނެ ކަމުގެ ބިރު އެމެރިކާ އިހްސާސްކުރެއެވެ. ރަޝިއާއަކީ ދުނިޔޭގެ ދެވަނަ އަސްކަރީ ބާރެވެ. އަދި އެއްވަނަ ނިއުކްލިޔާ ބާރެވެ. ފަނާކުރަނިވި އެހެން ހަރިޔާރުތަކަށް ބެލިނަމަވެސް އެހަތިޔާރުތައް އެމެރިކާއަށްވުރެވެސް ގިނައީ ރަޝިއާ ގައެވެ.

ޔުކްރޭން ހަނގުރާމައިގެ މައިދާނަށް މިހާރުވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި

ޔުކްރޭން ހަނގުރާމައިގެ މައިދާނަށް މިހާރުވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެތެރޭގައި ރަޝިޔާއިން ޔުކްރެއިންއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަވުމާއި ރަޝިއާ ސިފައިން ޔުކްރޭންގެ އެތައް ސިޓީއަކާއި އެތައް ސަރަހައްދެއް ހިފުމާއެކު ޔުކްރެއިން ސިފައިން ފަހަތަށް ޖެހެންޖެހުމާއި އަމާންދިނުން ހިމެނެއެވެ.

މިއާއެކު ޔޫކްރެއިންގެ ސަރުކާރުންވަނީ ބާރުގަދަ ދުރުރާސްތާ ހަތިޔާރު ބޭނުންވާކަން އެމެރިކާއަށާއި ނޭޓޯއަށް އަންގާފައެވެ. އަދި އެފަދަ ހަތިޔާރު ފޯރުކޮށްދިނުމަށް އެދި ޔޫކްރެއިނުގެ ރައީސް ވްލަޑިމީރު ޒެލެންސްކީވަނީ އެމެރިކާއަށާއި ނޭޓޯގެ ގައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ.

ޒެލެންސްކީ ވަނީ ދުރުރާސްތާގެ މިސައިލާއި ރޮކެޓް އަދި ފައިޓާޖެޓް ފަދަ ބާރުގަދަ ހަތިޔާރު ހުޅަނގުން ނުލިބި ދެން ރަޝިއާއާ ކުރިމަތިލެވެން ނެތްކަމުގައެވެ. ޔުކްރޭންގެ ހަނގުރާމައިގާ ރަޝިއާއާ ކުރިމަތިލުމަށް ޔުކްރެއިން ސިފައިންނަށް އަސްކަރީ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަނީ އެމެރިކާއިންނެވެ.

އެމެރިކާ ވަނީ ފާއިތުވި ތިން މަސް ތެރޭގައި 50 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި އެނޫންވެސް އަސްކަރީ ސާމާނު ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ. އަދި ނޭޓޯގެ އެހެން ގައުމުތަކުން ވެސް ވަނީ ޔޫކްރެއިނަށް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ދީފައެވެ. ނަމަވެސް މިއީ އާދައިގެ ދިފާއީ ހަތިޔާރެވެ.

comment ކޮމެންޓް