އިންޑިއާ އައުޓް ބެނާ ތިން ދުވަސް ތެރޭ ހަވާލުނުކޮށްފިނަމަ ޝަރީއަތަށް ދާނަން: ޝިޔާމް

ހ. ދޫވެހީގައި ހަރުކޮށްފައި ހުރި 'އިންޑިއާ އައުޓް' ބެނާ ފުލުހުން ވަނީ ނަގާފަ -- ސަން ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅުގައި ހަރުކޮށްފައި ހުއްޓާ ފުލުހުން ނަގާފައިވާ "އިންޑިއާ އައުޓް" ބެނާ ތިން ދުވަސް ތެރޭގައި ޕީޕީއެމްއަށް ހަވާލު ނުކޮށްފިނަމަ ކޯޓަށް ދާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ގެކޮޅުގައި "އިންޑިއާ އައުޓް" ޖަހާފައި ހުރި ބޮޑު ބެނާއެއް ނަގާފައި ހުރުމުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ބެނާ ނަގައިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގައެވެ.

ނަމަވެސް އިއްޔެ ހައިކޯޓުން ވަނީ އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން އެ ބެނާ އަނބުރާ ހޯދުމަށް ޕީޕީއެމް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޝިޔާމް ވިދާޅުވީ އެ ބެނާއަކީ ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ހަދާފައިހުރި ބެނާއެއްކަމަށެވެ. އެހެން ނަމަވެސް އެ ބެނާތައް ނައްތާލައިފައިވާކަމަށް ޝައްކު ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ގޮތެއް ވިޔަސް އެ ނައްތާލިވިގެން ނުވާނެ. އެއީ ސިޔާސީ ޕާޓީއެއްގެ ހަރު މުދާ. އެ ނައްތާލައިފައިވާނަަމަ އަޅުގަނޑުމެން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރަން،" ޝިޔާމު ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއަށް އެ ބެނާ ބަލައި ދިޔުމުން ދެތިން ދުވަސް ތެރޭގައި އެ ބެނާ ދޭނެކަމަށް ބުނި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އާންމު އުސޫލުން އެފަދަ ކަންކަމުގައި ފުލުހުން ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ތިން ދުވަސް ތެރޭ ދީ ހަމަޖައްސަން ޖެހޭ. އެހެންކަމުން އަޅުގަނޑުމެން މަޑުކޮށްލާނަން ތިން ދުވަސް ވަންދެން. ތިން ދުވަސް ތެރޭ ނުލިބިއްޖެއްޔާ އަޅުގަނޑުމެން ދާނަން ކޯޓާ ހިސާބަށް ވެސް،" ޝިޔާމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ހައިކޯޓުގެ ހުކުމުން ވެސް އެ ބެނާ އަކީ ބޭނުންކުރެވޭނެ އެއްޗެއްކަން ވަރަށް ސާފުކޮށް އެނގެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ވަނީ, އާންމު މަސްލަހަތަށް ގެއްލުންވާފަދަ އަމަލެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ އަމަލެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ, ބޭނާ ހަރުކުރުމަކީ ކުށެއް ކަމަށް ބުނި ނަމަވެސް އެ ބެނާ ނެގުމަށް ޔާމީނަށް ފުލުހުން ކުރިން އެންގި ސަބަބު އެނގެން ނެތް ކަމަށެވެ. އަދި ކޯޓު އަމުރުގައި, ހެކިތަކެއް ހޯދުމަށް ފުލުހުން އެދިފައި ހުރި ނަމަވެސް ދޫވެހިގެއިން ހަމައެކަނި ގެންގޮސްފައިވަނީ ބެނާކަން އެނގެން އޮންނަ ކަމަށް އެ އަމުރުގައިވެއެވެ.

ބަލައި ފާސްކުރުމުގެ އަމުރެއް ނެރެދޭއިރު، އެ އަމުރު ނެރޭ ސަބަބުން ސާފުކޮށް އެނގެން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. ނަމަވެސް އެ އަމުރަށް ވާސިލްވި ގޮތް ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްއިން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ބޮޑު ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، ހިންގާ ކެމްޕޭނެކެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ.

"އިންޑިއާ އައުޓް" ހުއްޓުވުމަށް ރައީސް ނެރުއްވި އެ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު އެ ގަރާރުން ހަނިވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް