ލ. ގަމުގައި 100 ހައުސިން ޔުނިޓް ގާއިމްކުރަނީ

ލ. ގަމުގައި 100 ހައުސިން ޔުނިޓު އެޅުމަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ

ލ. ގަމުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިން ޔުނިޓު އިމާރާތްކުރުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އާއި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރަތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.

ލ. ގަމުގައި 100 ހައުސިން ޔުނިޓު އެޅުމަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހައުސިން މިނިސްޓްރީ

އެއް އަހަރުގެ ތެރޭ ނިންމާގޮތަށް އެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ. އަދި އެ މަޝްރޫއަށް ޙަރަދުކުރަނީ ސަރުކާރުގެ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.

އެ މަޝްރޫގެ ދަށުން ބިނާކުރާ ހައުސިން ޔުނިޓުތަކުގައި 1000 އަކަފޫޓު ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓިންރޫމް، ކާގެ، ބަދިގެ، ލޯންޑަރީ އަދި ސްޓޯ ރޫމެކެވެ.

މީގެއިތުރުން ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ މީހުނަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކާ ޔުނިޓުތައް ވަށައިގެން އަލިކުރާނެއެވެ. އަދި ޕާކަކާއި ވެހިކަލް ޕާކުކުރާ ސަރަހައްދެއް ވެސް އެ ސަރަހައްދުގައި ގާއިމްކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް