ޖަޕާނުން ރާއްޖެއަށް 78.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައިފި

ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާ ކުރިއެރުވުމަށް ޖަޕާނުން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި 78.6 މިލިއަން ރުފިޔާގެ އެހީ ދޭން ނިންމައި، އެއްބަސްވުމެެއްގައި ސޮއިކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރައްސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޓެކެއުޗީ މެޑޮރީއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަލާމަތަށާއި ގާނޫނުތައް ތަންފީޒުކުރުމަށް އޮޕަރޭޝަނަލް ކެޕޭސިޓީތައް ހަރުދަނާ ކުރަން ވަނީ ހަމަނެޖިފައެވެ. އަދި މެރިޓައިމް ޑޮމައިންގެ ތެރޭގައި ހިނގާ ކުށްތައް ތަހުގީގު ކުރުމާއި ކުށްވެރިން ބަންދުކުރުމާއި ޑްރަގް ޓްރެފިކިންގެ މައްސަލަތައް މަދުކުރުމަކީ ވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން، އެ އެހީގެ ދަށުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ހިނގާ ހާދިސާތައް މަދުކޮށް އަދި ޓްރެފިކް އޮޕަރޭޝަންސްތަކާއި ތަހުގީގުތައް ހިންގުމުގެ ކެޕޭސިޓީ ހަރުދަނާ ކުރަން ވަނީ ހަމަޖެހިފައެވެ.

މި ހިލޭ އެހީގެ ދަށުން ރާއްޖެއަށް ލޭޒާ ސްޕީޑް ގަން އާއި އޮޕަރޭޝަނަލް ވެސެލް އާއި ފަސިންޖަރު ކްރާފްޓާއި ރަބަރު އިންފްލެޓެބަލް ދޯނިފަހަރާއި ޑައިވިން ސާމާނާއި މެޓަލް ޑިޓެކްޓަރުތަކުގެ އިތުރުން ފުލުހުންގެ ކުދި ކާރުތައް ލިބޭނެއެވެ.

އެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވީ، ސޮއި ކުރި އެއްބަސްވުމާ އެކު އުންމީދުތައް އާ ވެއްޖެކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ރައްކާތެރިކަން އުތުރަށް ވަރުގަދަ ވާނެކަން ޔަގީން. ލިބޭ އިތުރު ވެހިކަލްތަކާއެކު ކުރެވޭ މަސައްކަތްތައް ވެސް އިތުރުވާނެ،" ސީޕީ ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޓެކެއުޗީ ވިދާޅުވީ، ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސޮއި ކުރި އެއްބަސްވުމާ މެދު އުފާ ކުރައްވާކަމަށެވެ.

"ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިގެންދާ ކަމެއް. އެއްބަސްވުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ. އުފާވޭ،" ސަފީރު ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޓެކެއުޗީ މެޑޮރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިކޮނޮމިކް އަދި ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ޖަޕާނު ސަރުކާރުން ވަނީ ރާއްޖެއަށް ވެހިކަލްތަކާއި އެއަށް ބޭނުންވާ ސާމާނު ހަދިޔާ ކޮށްފައެވެ. އެއީ 34.1 މިލިއަން ރުފިޔާއާ ގާތްކުރާ މިންވަރެއްގެ އެހީއެކެވެ.

comment ކޮމެންޓް