ކުރިއަށް އޮތް 20 އަހަރު ތެރޭގައި، އޮސްޓްރޭލިއާގައި ދިރިއުޅޭ 60އަށް ވުރެ ގިނަ ޖަނަވާރު ނެތިގެންދާނެކަމަށް އެގައުމުގެ ދިރާސާވެރިން ލަފާކޮށްފިއެވެ.
އޮސްޓްރޭލިއާގެ ޗާލްސް ޑާވިން ޔުނިވާސިޓީ (ސީޑީޔޫ)ގެ ޓީމަކުން ޝާއިއުކުރި ދިރާސާއެއްގައިވާ ގޮތުން އެގައުމުގެ 63 ޖަނަވާރު 2024ވަނަ އަހަރުގެ ކުރިން ނެތިގެންދާނެއެވެ.
ނަމަވެސް އެ ޓީމުން ހޯދިހޯދުންތަކުން ދައްކާގޮތުގައި ޖަނަވާރު ސަލާމަތް ކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފި ނަމަ ގާތްގަނޑަކަށް 47 ބާވަތުގެ ދިރުންތައް ސަލާމަތްކުރެވޭނެއެވެ. އޭގެ ތެރޭގައި 21 ބާވަތެއްގެ މަހާއި ބާރަ ބާވަތެއްގެ ދޫންޏާއި ހަ ބާވަތެއްގެ މަންމަލި ޖަނަވާރާއި ހަތަރު ބާވަތެއްގެ ބޮކާއި ހަތަރު ރެޕްޓައިލްސް ހިިމެނެއެވެ.
މި 47 ބާވަތުގެ ދިރުންތައް ވެސް ދިރިއުޅޭ މާހައުލަކީ ގުދުރަތީ ގޮތުން ރައްކާތެރި ކުރަން ޖެހޭ މާހައުލުތައް ކަމަށާއި، އެ މާހައުލުތައް ހިމާޔަތްކުރަން މަސައްކަތް ކޮށްފިނަމަ އެތަންތަނުގައި އުޅޭ ޖަނަވާރު ވެސް ސަލާމަތް ކުރެވޭނެ ކަމަށް ބައޮލޮޖިސްޓެއް ކަމަށްވާ ސްޓީވަން ގަނެޓާ ބުނެފައިވެއެވެ.
ނަމަވެސް މި ފަހަކަށް އައިސް ނުފެންނަ ބައެއް ބާވާތްތަކުގެ ޖަނަވާރު ހިމާޔަތް ކުރަން ވަރަށް އުނދަގޫ ވާނެކަމަށް ދިރާސާވެރިން ބުނެއެވެ.
"އެއްވެސް ދިރުމެއް ނުފެނިއްޖެނަމަ އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އެހެންނަމެސް ހިތްވަރު އެލުވާލުމުގެ ކުރިން އެ ދިރުންތަން ނެތްކަން ޔަގީންކުރަންޖެހޭ،" ގަނެޓާ ބުންޏެވެ.
ދުނިޔޭގެ ފެންވަރުގައި، 21 ޕަސެންޓް ރެޕްޓައިލްސް ނެތި ދިޔުމުގެ ނުރައްކާ މިހާރު އޮތްކަމަށް ދިރާސާތަކުން ދައްކައެވެ. ރެޕްޓައިލްސް ގެތެރޭގައި ރާމާމަކުނާއި ހަރުފަ ފަދަ ޖަނަވާރު ހިމެނެއެެވެ.