ބެނާ ނަގަން ފުލުހުން އަމުރު ހޯދި ސަބަބުތައް ހައިކޯޓަށް ސާފެއް ނުވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަވަނީ--- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅުގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް އެ ގެއަށް ވަނުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލް ކުރީ، އެ ބެނާ ނަގަން ފުލުހުން ބޭނުންވި ސަބަބުތައް ސާފު ނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ބެނާ ނެގުމަށް ފުލުހުން ކޯޓު އަމުރު ހޯދީ މައިގަނޑު ހަ ސަބަބަކާ ހެދި ކަމަށެވެ.

"ހައިކޯޓުގެ މި ގަޒިއްޔާގެ ނިންމުމަށް ބެލުމުން އަޅުގަނޑަށް އެނގޭ އެއްކަމަކީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދި ފުލުހުން އެދިފައިވާ ސަބަބުތައް ހައިކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތްކަން. ކްރިމިނަލް ކޯޓުގައި އަމަލުކުރަން ފުލުހުން އެދިފައިވަނީ އެންމެ ސަބަބެއްގެ މައްޗަކަށް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން އެ ބެނާ ނެގީ ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެއްސަށް ވަނުމަށްފަހުގައެވެ.

ދޫވެއްސަށް ވަނުމަށް، ފުލުހުންގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ, އާންމު މަސްލަހަތަށް ގެއްލުންވާފަދަ އަމަލެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ އަމަލެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ, ބޭނާ ހަރުކުރުމަކީ ކުށެއް ކަމަށް ބުނި ނަމަވެސް އެ ބެނާ ނެގުމަށް ޔާމީނަށް ފުލުހުން ކުރިން އެންގި ސަބަބު އެނގެން ނެތް ކަމަށެވެ. އަދި ކޯޓު އަމުރުގައި, ހެކިތަކެއް ހޯދުމަށް ފުލުހުން އެދިފައި ހުރި ނަމަވެސް ދޫވެހިން ހަމައެކަނި ގެންގޮސްފައިވަނީ ބެނާކަން އެނގެން އޮތް ކަމަށް އެ އަމުރުގައިވެއެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުޙައްމަދު ނިޔާޒާއި ފަނޑިޔާރު ޙުސައިން ޝަހީދެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމަށް ހުކުމް ކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް