ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ޓޫރިޒަމް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަން: މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވާހަކަދައްކަވަނީ--- ފޮޓޯ/ މަޖިލިސް

ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުން އެ މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނެ ކަމަށެވެ.

ހަމައެއާއެކު، ފައިސާ ނުލިބިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ކުލި ނުދައްކާ 18 ރަށަކަށް ނޯޓިސް ދީފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ފިޔަވަޅު އެޅިނަމަވެސް ރިސޯޓްތަކުގެ ލައިސަންސް ބާތިލު ކުރުމަށް ނުވިސްނާ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ލައިސަންސުތައް ބާތިލު ކުރަން ފަށައިފިނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ މުޅި އިގްތިސާދަށް ކުރާނެ ކަމަށެވެ. ވުމާއެކު ލައިސަންސު ބާތިލު ނުކޮށް ކުލި ނުދައްކާ މައްސަލަ ހައްލު ކުރަން ވިސްނާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދަށް ވިސްނާއިރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ އެ ތަންތަނާ މަޝްވަރާކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 17 މިލިއަން ރުފިޔާ ނުލިބިވާކަން މީރާގެ 2020ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވެއެވެ.

މި އަދަދު 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް 264 ޕަސެންޓު އިތުރުވެފައިވާއިރު، 2020 ވަނަ އަހަރުގެ ނިޔަލަށް މީރާއަށް ނުލިބި 21.66 ބިލިއަން ރުފިޔާ ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީރާއަށް ނުލިބިވާ ފައިސާގެ 78 ޕަސެންޓަކީ ރިސޯޓުތަކުގެ ކުއްޔާއި އެއާ ގުޅޭ އެކި ޖޫރިމަނާތަކެވެ. މި ދާއިރާގައި މީރާއަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 16.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/165120

މިދިޔަ ހަފުތާގައި މީރާއިން ވަނީ ބިމު ކުލި ނުދައްކާ 12 ރިސޯޓެއްގެ ނަން ހާމަކޮށްފައެވެ.

comment ކޮމެންޓް