މުޒާހަރާ ކުރަމުންދާ ޒުވާނުން ސަރުކާރާ ގުޅެން ލަންކާގެ ބޮޑުވަޒީރު ދައުވަތު ދެއްވައިފި

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ -- ފޮޓޯ/ ރޮއިޓާސް

ސްރީލަންކާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ޓަކައި ގެންނަ ސިޔާސީ ބަދަލުތަކުގެ ދަށުން މުޒާހަރާ ކުރަމުންދާ ޒުވާނުންނަށް ސަރުކާރާ ގުޅުމުގެ ފުރުސަތު ދޭނެކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ އެގައުމުގެ ގާނޫނުއަސާސީއަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގެ ދަށުން ރައީސްގެ ބާރުތައް ކުޑަކޮށް، ޕާލަމެންޓްގެ ބާރުތައް އިތުރު ކުރާނެ ކަމަށެވެ.

މީގެ އިތުރުން، ވެރިކަން ފުޅާ ދާއިރާއެއްގައި ހިނގާނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ޒުވާނުންނާއި ތަޖުރިބާކާރުން ގުޅިގެން މަސައްކަތް ކުރުމުން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

"ޒުވާނުން މި ގޮވާލަނީ މިހާރު އޮތް ނިޒާމު ބަދަލު ކުރަން. އަދި މިހާރު ހުރި މައްސަލަތައް އެނގެން ވެސް އެ މީހުން ބޭނުންވޭ. އެހެންކަމުން އަޅުގަނޑު މި ހުށަހަޅަނީ ޕާލިމެންޓުގެ 15 ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއަކަށް ހަތަރު ޒުވާނުން އައްޔަން ކުރަން،" ވިކްރަމަސިންހަ ވިދާޅުވިއެވެ.

ވިކްރަމަސިންހަގެ އެ ހުށަހެޅުމާ ބެހޭ ގޮތުން ޒުވާނުންގެ ގްރޫޕްތަކުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ލަންކާގެ ޕާލިމެންޓު ކައިރީގައި ގިނަ އަދަދެއްގެ ޒުވާނުން ކޭމްޕު ޖަހައިގެން މުޒާހަރާ ކުރާތާ މިހާރު 50 ދުވަހަށް ވުރެ ގިނަވެއްޖެއެވެ.

މުޒާހަރައިގެ ބައިވެރިން ގޮވާލަނީ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އިސްތިއުފާ ދެއްވުމަށެވެ. އަދި މިހާރު އެގައުމަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާގެ ޒިންމާ ރާޖަޕަކްސަ އާއިލާއިން އުފުލަން ޖެހޭނެ ކަމަށް ވެސް އެމީހުން ބުނެއެވެ.

ސްރީލަންކާގައި ކައްކާ ގޭހާއި ތެލާއި ބޭސް ފަދަ ޒަރޫރީ މުދަލުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ވެރިރަށް ކޮލަމްބޯއާއި އެނޫންވެސް ބައެއް ހިސާބުތަކުގައި ކޮންމެ ދުވަހަކު ދަރިވަރުން ދަނީ މުޒާހަރާތައް ބާއްވަމުންނެވެ.

comment ކޮމެންޓް