އަންނަ ޗެމްޕިއަންސް ލީގު ފައިނަލަށް ގަދަކޮށް އަންނާނަން، ފޭނުން އިސްތަންބޫލްގެ ހޮޓާތައް ރިޒާވްކުރޭ: ކްލޮޕް

ޖާގެން ކްލޮޕް---

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ގަދަކޮށް އެނބުރި އަންނާނެކަމަށް ލިވަޕޫލުގެ ކޯޗު ޖާގެން ކްލޮޕް ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައީ ރެއާލް މެޑްރިޑް އަތުން 0-1ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްލޮޕް ބުނީ އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުކަމަށެވެ.

"ޓީމުން ވަރަށް ހިތްވަރުކުރި. ރެއާލުން ގޯލު ޖެހުމާއެކު ވެސް ހިތްވަރު އެލުވާ ނުލާ ކުޅެން ބޭނުންވެގެން ކުޅުނު،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ އެ ޓީމު ފައިނަލުގައި ދެއްކި ކުޅުމުން ބަލިވުމުން އެހާ ބޮޑަށް މާޔޫސް ނުވާކަމަށެވެ. އެ ފައިނަލަކީ ވެސް ކާމިޔާބީއެއްގެ ގޮތަށް ސިފަކުރާކަމަށް ވެސް ކްލޮޕް ބުންޏެވެ.

އޭނާގެ ޓީމުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް އަދި އެނބުރި އަންނާނެކަމަށާއި އެ ޓީމުން އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރާނެކަމަށް ވެސް ކްލޮޕް ބުންޏެވެ.

އޭނާ ބުނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުން އެ ޓީމު ފެންނާނެކަމަށެވެ. އެ ޓީމުގެ ސަޕޯޓަރުން ސަޕޯޓުކުރުމަށް ތައްޔާރުވެގެން ތިބުމަށް ކްލޮޕް އެދުނެވެ.

"ޓީމުގެ ވާދަވެރިކަން މިހާރު އަދި މިވަނީ މާބޮޑަށް އިތުރުވެފައި. އަހަރުމެން އަދި އަންނާނަން. ކޮންތާކު ދެން އަންނަ އަހަރުގެ ފައިނަލް ކުޅެނީ؟ އިސްތަންބޫލްގަ ދޯ؟ ހޮޓާތައް ބުކްކޮށްގެން ތިބޭ،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ މި ސީޒަނަކީ އެ ޓީމަށް ކާމިޔާބު ސީޒަނެއް ކަމަށެވެ. ކަރަބޯ ކަޕުގެ އިތުރުން އެފްއޭ ކަޕް މި ސީޒަނުގައި ހޯދައިފައިވުމުން އެ ޓީމުން އަނބުރާ ގައުމަށް ގޮސް އުފާ ފާޅުކުރާނެކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ކްލޮޕް ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން ޗެމްޕިއަންސް ލީގު ގެއްލުމުން މި ސީޒަނަކީ ކާމިޔާބު ސީޒަނެއް ނޫންކަމަށް ދެކި މާޔޫސްވެފައިވާކަމަށެވެ. ނަމަވެސް އެކަމުން އަރައިގަތުމަށް އެ ކުޅުންތެރިންނަށް ދެތިން ދުވަސް އަދި ބޭނުންވާނެކަމަށް ވެސް އޭނާ ބުންޏެވެ.

ލިވަޕޫލުން މި ސީޒަނުގައި ކަރަބޯ ކަޕްގެ އިތުރުން އެފްއޭ ކަޕް ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެއް ޕޮއިންޓުގެ ތަފާތަކުން އެ ޓީމަށް ޕްރިމިއާ ލީގު ގެއްލި ފައިނަލުގައި ރެއާލް އަތުން ބަލިވުމުން އެ ޓީމަށް ޗެމްޕިއަންސް ލީގު ވެސް ވަނީ ގެއްލިފައެވެ.

comment ކޮމެންޓް