ރެއާލްއާއެކު ފަސްވަނަ ޗެމްޕިއަންސް ލީގު ތަށި އުފުލާލުމަށްފަހު މާސެލޯ އެ ޓީމު ދޫކޮށްލާނެކަން އިއުލާނުކޮށްފި

މާސެލޯ ރެއާލްއާކު ފަސްވަމަ ޗެމްޕިއަންސްލީގު އުފުލާލުމަށްފަހު އުފާ ފާޅުކުރަނީ----

ސްޕެއިންގެ ގަދަ ބާރު ރެއާލްމެޑްރިޑާއެކު ފަސްވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލުމަށްފަހު އެ ޓީމު ދޫކޮށްލާނެކަމަށް މާސެލޯ ވިއެރާ އިއުލާންކޮށްފިއެވެ.

ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗު ކާމިޔާބުކޮށް 14 ވަނަ ފަހަރަށް އެ ޓީމު ތަށި އުފުލާލުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާތަކާ ބައްދަލުކޮށް މާސެލޯ ބުނީ މިރޭގެ މެޗަކީ އޭނާ ރެއާލްގެ އެންމެ ފަހު މެޗުކަމަށެވެ.

"އެކަމަކު އަޅުގަނޑު ވަރަށް އުފާވޭ. އެއީ ހިތާމައިގެ ދުވަހެއް ނޫން، އަހަރެން ޓީމު ދޫކޮށްލާނީ ވަރަށް އުފާވެރިކަމާ އެކު. ސަޕޯޓަރުންނަށާއި ސެންޓިއާގޯ ބާނަބޭއުގައި އަހަރެން ހޭދަކުރި ޖާދޫގެ ރޭތަކަށް ޝުކުރުވެރިވަން،" މާސެލޯ ބުންޏެވެ.

އުމުރުން 34 އަހަރުގެ މާސެލޯ އެ ޓީމާ ގުޅުނީ 2007 ވަނަ އަހަރުގައެވެ. އަދި މިއަހަރު އޭނާ ޓީމު ދޫކޮށްލާއިރު އޭނާ ވަނީ އެ ޓީމާއެކު 25 ތައްޓެއް އުފުލާލައިފިއެވެ. މިދިޔަ އަހަރު ސާޖިއޯ ރާމޯސް ރެއާލް ދޫކޮށްލުމާއެކު އެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެން ފެށީ ވެސް މާސެލޯއެވެ.

ރެއާލްއާއެކު މާސެލޯ ހޭދަކުރި 16 ސީޒަނުގައި އޭނާ ވަނީ 386 މެޗު އެ ޓީމަށް ކުޅެދީ 26 ގޯލު ޖަހައިދީފައެވެ.

އޭނާ ރެއާލް ދޫކޮށްލާނެކަން އިއުލާނު ކުރި ނަމަވެސް ދެން އޭނާ ބަދަލުވާނީ ކޮން ޓީމަކަށް ކަމެއް އަދި އޭނާ ބުނެފައްނުވެއެވެ. އޭނާ ބުނީ ކުރިމަގާ ބެހޭގިތުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.

"މިވަގުތު އަހަރެން އާއިލާ އާއި ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަން ވިސްނުންހުރީ، ދެން މިވަގުތަށް ބޭނުންވަނީ އަރާމުކޮށްލަން. ވަރަށް އަވަހަށް އެނގޭނެ ކުރިމަގާ ބެހޭގޮތުން ނިންމާ ގޮތެއް،" މާސެލޯ ބުންޏެވެ.

comment ކޮމެންޓް