"ހިމޭންކަމާއެކު އަމިއްލަ ނަފުސަށް ގެއްލުން ނުދޭށެވެ. ހިތަށް ބާރުވާފަދަ ގޮތަކަށް ނޫޅޭށެވެ. ﷲއަށް ހިތުގެ ހުރިހާ ޝަކުވާތައް އޮއްސާލާށެވެ. ހުރިހާ އިހުސާސްތަކާއި ހިތުގައިވާ ހާ އެއްޗެއް ހިއްސާކުރާށެވެ. ﷲ ސުބުހާނަހޫ ވަތައާލާ ހުރިހާ އެއްޗެއް އައްސަވާ ވޮޑިގެންވެއެވެ. އެކަނިވެރިވާ ހިނދުވެސް ތިބާއާއެކު ވާ ހަމައެކަނި ފަރާތަކީ އެއީއެވެ."

***

"އެރެންޖް މެރިޖްގައި އޮންނަ ގޮތް އެރިކް މަށަށް ކިޔާދިން. ސީދާ ގާލް ބަލަން އެގެއަށް ދާން ބޭނުމީ. މެރީކުރުމުގެ ކުރިން މޫނު ފެންނާނެކަމަށް އެރިކް ބުނީ...." އަސްލަން އަނގަޔަށް ގޮތެއް ހެދިއެވެ.

"ދަރިފުޅު ، ސިއާރާ........" ޒެފްރީން އެއްޗެކޭ ބުނަން އުޅުނެވެ.

"ސިއާރާއަކީ ޕާސްޓް. އަޅުގަނޑު ބޭނުމީ މޫވްއޮން ކުރަން.."އަސްލަން އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ.

"މަންމަގެ ހިތްވަރުގަދަ ދަރިފުޅު. ތިހެން ވާން ޖެހޭނީ. އެހެންނޫނަސް ސިއާރާއަށްވުރެ އަލާނާ ހުރިހާގޮތަކުން ޕާފެކްޓް. އަދި އަސްލަންއާއި އަލާނާގެ ނަން ކިހާ ގުޅޭ.والله. ދަރިފުޅާއި އަލާނާ ނިކަން ގުޅޭ....." ޒެފްރީނާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ." އަސްލަން ފެނުމުން އަލާނާގެ އެ ފިކުރުވެސް ބަދަލުވާނެ. ސީރިޔާގައި އެޅި ފައި އަޅާނީ ޔޫކޭގައި ކަން މަންމަ ޔަގީންކަމާއެކު ބުނެފާނަން...."

"މަންމަ މުސްލިމްވީތަ؟"

"މަންމަ މިހޯދަނީ ޕީސް....އަދި އެއެއް ނުލިބޭ. ކޮބާ ޚައި."

"ރާއްޖެ ދާއިރު ޚައި ގޮވައިގެން ދާންކަމަށް ނިންމައިގެން މިހިރީ. ސަޕްރައިޒެއް ދޭންވެގެން އަދި ނުބުނަން. ވަރަށް އެކްސައިޓްވާނެ..." އަސްލަން ހީލިއެވެ." އަވަހަށް ޓިކެޓް ބުކްކުރުވަން ވީ. ބްރިޓިޝް އެއާވޭއިސް ތަ ނޫނީ އެމިރޭޓްސްތައް ރަގަޅުވާނީ؟ އެންމެގިނައިން ޓްރެވެލް ކުރަނީ މަންމަވިއްޔަ."

"މަންމަގެ ފެވެރިޓަކީ ޓާކިޝް އެއާލައިން...." ޒެފްރީނާ ހިނިގަނޑެއް ޖަހައިލިއެވެ.

"އެހެންވިއްޔާ މިފަހަރު ތި އެއާލައިން ތަޖުރިބާކޮށްލަންވާނެ...."

"މަންމަގެ ހިތުގައި ތުރުކީއަށް ލޯބިޖެހިއްޖެ. އެތަނުގެ ތާރީޚާއި ސަގާފަތާއި، މިސްކިތްތައް ފެނި އާޝޯޚުވާވަރުވޭ. އެހެން ދުނިޔެއަކަށް ދެވޭފަދަ އިހުސާސެއް ކުރެވޭ.ކެލިގްރާފީ އަދި އާސާރީ ތަންތަން ބަލާބަލާ ފޫހިވުމެއްނެތް. ނުވީތާކަށް ފިލްމުތައްވެސް ބަލަން މަންމަ ދެވިހިފައިފި ހެހެ. ޚާއްސަކޮށް އެހެރަ ތާރީޚީ އިސްލާމިކް އެއްޗެހި ބަލަންފެށުމުން ރަގަޅު އަސަރުތައް ކުރުވާ. ދަރިފުޅު މިކޮޅަށް އަންނަމުން ތުރުކީގައި ޗުއްޓީއެއް ހަދާލާފައި އަންނަންވީނު. ޔޫ ވިލް ލަވްއިޓް.އިސްތަންބޫލާއި ކަޕަޑޯޝާއަށް ކޮންމެހެންވެސް ވިޒިޓްކޮށްލަންޖެހޭނެ............" ޒެފްރީނާ ގެ އަޑުގައި ފޯރިއާއި ޖޯޝް އެކުލެވުނެވެ.

"ކާޑޭޝިއަން އޭތަ މަންމާ؟"

"ހަހަ ދަރިފުޅު.ކަޕަޑޯޝާ." ޒެފްރީން ހޭންފެށިއެވެ. މަންމަގެ މޫނުމަތިން އެ ފެންނަ އުޖާލާކަމާއި އުފާވެރިކަން އަސްލަންއަށް ފެނުނީ އާކަމެއްގެ ގޮތުގައެވެ. އެހެން އެވީ ތިމާދެކެ ލޯބިނުވާ މީހަކާއި ކައިވެނިކޮށްގެން ހަޔާތުގެ އެތައް އަހަރެއް ބޭކާރުކުރުމުން ހެއްޔެވެ؟ މަންމަގެ މޫނުމަތިން އުފާވެރިކަން ނުފެނުނު ސަބަބަކީ އެއީހެއްޔެވެ؟ ބައްޕަ ލޯބިވީ އެހެން މީހެއްދެކެއެވެ. މަންމަގެ މޫނުމަތިން އަބަދު އެފެނުނު މާޔޫސްކަމަކީ އެއީއެވެ. މިއަދު މަންމަ މިނިވަންވުމުން ހަގީގީ އުފާވެރިކަމާއި މިނިވަންކަން ހޯދުނީއެވެ.

އަސްލަން ބޭރަށް ބަލައިލިއިރު ވާރެއާއެކު ސްނޯ ވެހި ބިންގަނޑު ތެންމައިލަނީއެވެ. ނުބައިގޮތަކަށް ހީކަރުވައިގަނެ ކަށިގަނޑުގެ ތެރެއަށް ފިނިވަނެވެ. އޭނަ ލޯބިވާ ކޮންމެ މީހެއްގެ ޚިޔާލާއި ފިކުރު ތަފާތުކަމާއިމެދު ވިސްނަމުންގޮސް ސިކުނޑި ހުއްޓުނީ ސިއާރާއާއި ހަމައިންނެވެ. ކޮންމެ ފަހަރަކުވެސް އެ ހަނދާންތަކުން ހިތުގެ ރިހުން އިތުރުކުރުވާ މެޔަށް ބާރުކުރުވައެވެ. ހިތުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކަށްވާން މަސައްކަތްކުރާއިރު އަމިއްލަ ހިތުގެ ހާލަތާއިމެދު ހަމްދަރުދީވިއެވެ.

***

އަސްލަން ފެންވަރާލައިގެން ނުކުމެ ލޯގަނޑު ކައިރީގައި ހުއްޓުނެވެ. މޭމަތީގައިވާ ޓެޓޫގައި އަތް ބީއްސައިލިއެވެ. ހިތާއި ދިމާލުން އިން ސިއާރާގެ ތަސްވީރު އޭނައަށް ކަޅިޖަހާނުލާ އެއިނީ ބަލަހައްޓައިގެންނެވެ. އެ ޓެޓޫގެ ސަބަބުން ގިޔާމަތާއި ހަމަޔަށް އޭނަގެ ހިތުން ސިއާރާ ފިލުވައިނުލެވޭނެކަން އެނގެއެވެ. ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އޭނައަށް ބަލަމުންދާ އެ އަންހެންކުއްޖާ އެގޮތަށް އޭނަގެ ހިތަށް ވެރިވެގަންނާނެކަން އޭނަ ހީކޮށްފައެއްނެތެވެ. ލޯތްބޭ އެކިޔާ އިހުސާސް ތަޖުރިބާ ކުރެވުނުއިރު ލޯބި އޭނައާއި ވަކިވެެގެންގޮސްފިއެވެ.

އަސްލަންގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނަ އަމިއްލައަށްވެސް ހައިރާންކުރުވިއެވެ.

"ދުވަހަކު ހިތަށް ނާރާ މިހެން ވާނެއޭ. މައި ހާޓް އިޒް ބްލީޑިން................ފޯ ޔޫ. ދުވަހަކު ހީނުކުރަން މިފަދަ ދުވަހެއް ދެކެން ޖެހިދާނެއޭ. އެކަމަކު....އަހަންނަށް ލޯބިވެވިއްޖެ.. މިއީ ލޯބި ނޫންކަމަށް ވަންޏާ މިއަށް ދޭނެ ނަމެއް ނޭގޭ......"

އަސްލަން ވިސްނަމުން ދިޔައީ އަތުން ބީވެގެން ދިޔަ އުފާ އަނބުރާ ލިބިގަންނާނެގޮތެކެވެ.

***

އަސްލަން މުދައްރިސް ކައިރީގައި އިންއިރު ކައިރީގައި ދެން ތިބީ ޅަފުރާގެ ފިރިހެންކުދިންނެވެ. އަރަބިބަހާއި ދީން ދަސްކުރަންވެގެން އަސްލަން މިސްކިތަށް އަންނާންފެށުމުން ހާރިސް އަށް ހައިރާންކަމެއް ލިބުނަސް ސުވާލެއްނުކުރެއެވެ. އޭނަ ގައިގާ އަޅައިގަތަސް ފެންނަކަމަށް ނަހަދާތީ އަސްލަންވެސް ހުންނަނީ ނުފެންނަކަމަށް ހަދައިގެންނެވެ. އަސްލަންގެ ނިޔަތާއިމެދު ޝައްކުކުރަނީބާވައޭ ހިތަށް އެރިއެވެ.

"އެލިފް.... ބީ....ސީ ސިއެރާ.........." އަސްލަން އަރަބި އަކުރެއް ކިޔާފައި އޮޅިގެން އިނގިރޭސިން ފެށިއެވެ. "ސީ" އަކުރުންވެސް ވެސް ހަނދާނަށް ގެނުވީ ސިއާރާއެވެ. އެނަން ކިޔުނީވެސް ބޭއިޚުތިޔާރުގައެވެ. އުސްތާޒުވެސް ހައިރާންކަމުގެ ނަޒަރަކުން ބަލާލައިފިއެވެ.

"ސޮރީ އުސްތާޒު..ލޮސްޓް އިން ތޯޓްސް.." އަސްލަން ކުޑަކޮށް ބޯ ހޫރައިލުމަށްފަހު އަކުރުތައް ރަގަޅަށް ކިޔަންފެށިއެވެ." އެލިފް. ބާ. ތާ..."

އަސްލަން މިސްކިތުން ނިކުތްއިރު ޚައިރާވެސް އަންހެނުންގެ ބައިން ނިކުމެގެން އައީއެވެ. ނިގާބު އަޅައިގެން ހުރި ކުއްޖެއް އަތުގައި ހިފުމުން ސިހިފައި ސިއާރާ ހެއްޔޭ އެހުމުން ޚައިރާ ހީހީ އަވަދިވާވަރުވިއެވެ.

"ނިގާބު އެޅި ކޮންމެ އަންހެންކުއްޖެއް ފެންނަނީ ހަމަ ސިއާރާގެ ސިފައިގާތަ؟ އިޓްސް މީ......."ޚައިރާ މޫނު ފޮތިކޮޅު ހިއްލާލާފައި ދޫނެރެލިއެވެ. އެ ދޮން ދޮން މޫނަށް މަޑު ރަތްކުލައެއްވެރިވެފައިވާއިރު ލޯ ވިދައެވެ." އެނގޭތަ؟ މިއަދު ވަރަށް ކޮމްޕްރިހެންސިވް ދުޢާއެއް ދަސްވެއްޖެ."اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً ޔާﷲ.....ހަމަ ކަށަވަރުން މި އަޅާ އިބަ ﷲގެ ފަރާތުން ފައިދާ ކުރުވަނިވި އިލްމަކާއި ހަލާލުވެގެންވާ ރިޒުގަކާއި ގަބޫލުކުރެވިގެންވާ އަމަލެއް ދެއްވުމަށް އެދި ދަންނަވަމެވެ." ހާރިސްގެ ލެކްޗާ އިވުނީމަ އިންސްޕަޔާވެގެންގޮސް ބުނާކަށްވެސް ނޭގޭ. އަދި މި ދުއާ.....ސުބުހާނަﷲ. ކިހާ ފުން މާނައެއް މީގައި މިވަނީ......."

"ހާރިސް ބުނިގޮތުން މިސާލަކަށް އެމީހާ ކުރާ ކޮންމެ އަމަލެއް ކޮންމެ މަސައްކަތެއްވެސް ގަބޫލުކުރެއްވުމަށް އެދި މި ދެންނެވެނީ. މިސާލަކަށް ރާ ވިއްކާ މީހަކު އެކުރާ މަސައްކަތް ގަބޫލުކުކުރައްވާނެތަ؟ ބަރަކާތް ލައްވާނެތަ؟ އެގޮތަށް ހަރާމް ކަންތައްތައް ހިމެނޭ އެއްވެސް ކަމެއް މީހުންގެ ރުހުން ހޯދަންވެސް ކުރާކަށް ނުވާނެ..އަދި މޭޒުމައްޗަށް ހަލާލު ކާނާ ނޫން އެހެން އެއްޗެއް އަރުވައިގެންނުވާނެ. ލާ ހެދުމާއި ގެންގުޅޭ ސާމާނުވެސް އަދި ހިޔާވަހިކަންވެސް ރިބާކަހަލަ ކަންތައް ނުހިމަނާ ހޯދަން ޖެހެނީ. ބައިވަރު ލެސަންސްތައް ލާންވެއްޖެ......................"

އަސްލަންގެ ހިތުގައި ކިތަންމެ ވަރަށް ހަސަދަވެރިކަން ވީ ނަމަވެސް އޭނަ އެކަން ފޮރުވަން މަސައްކަތްކުރެއެވެ.

"ކޮބާ ފްރެންޑް ސިއާރާ؟ އޭނަ ހުރިތަނެއް އެނގިއްޖެތަ؟ މެސެޖެއްވެސް ނުކުރޭ ދޯ. އެޓްލީސްޓް މެރީ ކުރީ ކާކާއިކަން ހޯދަބަލަ...." އަސްލަން ކާރުގެ ދޮރު ހުޅުވައިލިއެވެ. ޚައިރާ ކުރީ ސީޓުގައި އިށީދެ މޯޅިއަކަށް ދެމިލިއެވެ.

"އަދި ޚަބަރެއްނުވޭ...."

"ޑޭމް...ޑޯންޓް ޓެސްޓް މައި ޕޭޝަންސް..." އަސްލަންއަށް ހުންގާނުގައި ހިފެހެއްޓުނީ ތަންކޮޅެއް ބާރަށެވެ. ނަމަވެސް އެ ޖުމްލަ ވީ ހިތުގައެވެ.

"ޚައި. ހިނގާބަލަ މިރަށުން ބޭރަށް ދާން. އެކީގައި ޗުއްޓީއެއް ހަދާ މަޖާކޮށްލަން..."

"ކޮންތަނަކަށް؟"

"ގްރީސްވެސް ރަގަޅުވާނެއްނު..."

"މިހާރު ތަނަކަށް ދާހިތެއްނެތް. ބޮޑަށް ބޭނުމީ ކްލާސްތަކަށްގޮސް ދީން އުގެނުން. ދީނީ ކަންތައްތަކަށް ސަމާލުކަން ދީ އަވަހަށް ދަސްކުރަން ބޭނުން. ދުނިޔެއަކީ ކުޑަދުވަސްކޮޅެއްގެ މަންޒިލެއް. އޯލްރެޑީ ބޭކާރުކޮށް އެތައް އަހަރެއްވޭތުވެއްޖެ. މުސްލިމަކަށްވުމުން ހުރިހާ ފާފަތައް ފުއްސަވާނެ އެކަމަކު ވީހާވެސް ގިނަ އަޅުކަމެއްކުރަން ބޭނުންވޭ އެހެންވެ. ގްރީސްއަށް އެއް ޒަމާނެއްގައި ދާ ހިތްވި. ނޮޓް އެނީ މޯ..."

ޚައިރާގެ ވާހަކަތަކުން އަސްލަން އަޖައިބުވިއެވެ. ހާރިސް އަންހެންކުދިންގެ ސިކުނޑި ދޮންނަން ހާދަ މޮޅެވެ. ހުނަރުގެ ބޭނުން ފުރިހަމަގޮތުގައި ހިފައިގެން ސިއާރާއާއި ޚައިރާގެ އިތުރުން އޭނަގެ މަންމަވެސް ވާ ވައްދާލައިފިއެވެ.

***

މާކް އަސްލަންގެ މޫނުގައި ދެއަތުން ހިފެހެއްޓިގޮތުން މޫނު އަނބުރައެއްވެސް ނުލެވުނެވެ. އޭނަގެ ހިތް ތެޅިގަތަސް މޫނުމަތިން އެކަމެއް ނުދެއްކިއެވެ." ދަރިފުޅު މިއީ ކޮންކަމެއް؟ ކީއްވެ ޝޭވް ނުކުރަނީ؟ އަބަދު ކްލީންޝޭވް ކުރާ ކުއްޖެއް ތިހެން ހުރީމަ ބައްޕައަށް އެހާ ކްލީންކޮށެއް ނޫން ފެންނަނީ..މިހާ ޕާފެކްޓް މޫނެއް ފޮރުވަން ބޭކާރު ތުނބުޅިއެއް ބަހައްޓާކަށް ނުޖެހޭ........"

"ޑޭޑް. އަޅުގަނޑު މިއުޅެނީ ރާއްޖެ ދާން..."

"ކީއްކުރަން؟"ކުއްލިއަކަށް މާކް ބުމަ ކައިރިކޮށްލައިފިއެވެ.

"ވިޒިޓިން. އަދި..."އަސްލަން ކަރުކެހިލިއެވެ." އަޅުގަނޑު ވިސްނަނީ މަންމަގެ އުފަން ރަށުން މީހަކާއި އިންނަން. އަޅުގަނޑަށް ކަމުދާކުއްޖެއް ފެނިއްޖެއްޔާ......"

"އަސްލަން. ތިއީ ކިހިނެއްވާނެ ކަމެއް؟ މުސްލިމަކާއި ކްރިސްޓިއަނަކަށް ކައިވެނިކުރެވޭތަ؟"

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު