"މާނައެއްނެތް ބޭކާރު ކަންތައްތަކުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި އަަގުހުރި ވަގުތުގެ ބޭނުން ރަގަޅުގޮތުގައި ހިފާށެވެ."

***

"ރޯޒްކްލިފްގެ ވެރިޔާ...." އަލްވާ އަޑުމަޑުކޮށްލިއެވެ. ސުފިޔާން ހުނުން މަތަކުރިއެވެ. މި ކުއްޖާގެ މޫނަށް ބެލިވަރަކަށް އޭނައަށް ހުނުން ހިފަހައްޓަން އުދަގޫވަމުން ދިޔައެވެ. މި ހެއްވާ މޭކަޕާއި ބޮޑު މާސިންގާ އައިނު ހަމަ ހީވަނީ ޖޯކެއްހެންނެވެ. އެކަމަކު ލޯތްބެވެ.

"އަލްވާ އައިނު އަޅަން ހޭނިފައިވާހެނެއް ހިޔެއްނުވޭ. ކީއްވެ އައިނު އަޅަނީ؟ އަލްވާގެ ލޯ ވަރަށް ރީތި...." ހަދިޔާތައް ޕެކްކުރުމުގައި އަވަދިނެތި އިނދެ ސުފިޔާން އާދައިގެ ގޮތަކަށް ބުނެލި ޖުމްލައިން އަލްވާގެ ހިތުގެ ހިނގުންވެސް ހުއްޓުނުފަދައެވެ.

އެއިވެންޓް ނިންމައިލީ މަޖާ ކުޅިވަރުތަކާއި އެންމެ މީރު ކާބޯތަކެތިންނެވެ. އީދު ފާހަގަކޮށް ނިމުމުން އަލްވާ ގެއަށް ގެންގޮސްދޭން ސުފިޔާން ހުށަހެޅިއެވެ. އެ ކާރަށް އެރުމާއެކު ކުއްލިއަކަށް ލަދުވެތިކަން އާވާ ވަށައިލިއެވެ. އޭނައަށް ވިސްނުނީ އޭނަ ދުވަހަކުވެސް އަދި ކާރަކަށް ނާރާކަމެވެ. އަދި އެވެސް ފިރިހެނަކާއެކުގައެވެ. އޭނަ ގަޔާވާން ފެށި މީހެއްވެސް މެއެވެ.

"މާބޮޑަށް ފިނިވީތަ؟" ސުފިޔާން އަލްވާގެ މޫނަށް ނަޒަރު ހުއްޓާލައިފިއެވެ. ހަގީގަތުގައިވެސް އެއާކޯން އެންމެ ގަދަޔަށް ފިނިކޮށްފައިވާތީ ކާރުގެ ތެރޭގެ ފިނި މިން ހުރީ ގަނޑުވާވަރަށެވެ. ނަމަވެސް އަޖައިބުވި ކަމަކީ އަލްވާއަށް ފިނީގެ އިހުސާސް ނުވުމެވެ. އޭގެ ބަދަލުގައި އޭނައަށް ހޫނުވީއެވެ. އަލްވާ އެއްކޮށްހެން މޫނު އަނބުރާލައިގެން އިނދެ ފަސްދެމުންދާ ގަސްތަކަށް ބަލަން އިނެވެ. ސުފިޔާން ހީލާފައިއޭސީ ކަނޑާލާފައި ބިއްލޫރިތައް ތިރިކޮށްލައިފިއެވެ. ކުއްލިއަކަށް ޖެހިލި ވައިރޯޅި އަލްވާގެ އިސްތަށިގަނޑު ވިހުރުވައިލުމާއެކު އަލްވާ ކުޑަދޮރުން ބޭރަށް ބޯ ނެރެމުން އަތްވެސް ދިއްކޮށްލައިފިއެވެ. އަލްވާގެ ތުންފަތް މައްޗަށް ވެރިވި ލުއި ހިނިތުންވުން ފުޅާވީ ސުފިޔާން ކާރުގެ ދުވެލި ބާރުކޮށްލުމުންނެވެ. ކުޑަކުއްޖެއްހެން ފޯރި އައިސްފާ ހަޅޭއްލަވައިގަނެވުނެވެ. އަދި ހީގަނެފައި ބަލައިލިއިރު ސުފިޔާންވެސް އިނީ ހިނިތުންވެލައިގެންނެވެ. އެކަމަކު އޭނަގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ މަގަށެވެ. ވަކި ހިސާބަކަށް ދުއްވައިލުމަށްފަހު ކާރުގެ ދުވެލި މަޑުކޮށްލިއެވެ. އަލްވާއަށް ފާހަގަވީ އާ މަގުތަކުން ދުއްވަމުން އައިކަމެވެ. ސުފިޔާން ދާންވީ މަންޒިލް ހަނދާންނެތުނީތޯ ހިތަށް އެރިއެވެ.

"ކާރު ދުއްވުން މަޖާކަމަކަށްވާހެން ހީވޭ. އަހަރެން މި ދުއްވަނީ ތަންކޮޅެއް ދުރުން. ހޯޕް ޔޫ ޑޯންޓް މައިންޑް...." ސުފިޔާންގެ ޖުމްލައިން އަލްވާ ހަމަޖެހިލާފައި ސީޓުގައި ލެނގިލިއިރު ހިތަށް ބަޔާން ނުކުރެވޭފަދަ އުފާވެރިކަމެއް ލިބިފައިވިއެވެ. އޭނަ އަވިއައިނު ނަގާފައި އުނގުމަތީގައި ބާއްވައިލަމުން ސިއްރު ނަޒަރަކުން ސުފިޔާންގެ މޫނަށް ބަލައިލިއެވެ. އެއް އަތް އަރާމުކޮށް ހުންގާނުމަތީގައި ބާއްވާފައިވާއިރު ހުހަށް އޮތް އަތް ކުޑަދޮރުގެ ދާލަމަތީގައި ބާއްވައިގެން އަތްމަތީ ބޯ ޖައްސާލައިގެންއިންއިރު އާއްމުކޮށް ރީތިކޮށް ފުނާ އަޅާފައި ހުންނަ އިސްތަށިގަނޑު ވަޔާއި ވިހުރުވަމުން ދިޔަސް ފަރުވާލެއްނެތް ފަދައެވެ. އެވަގުތުވެސް އަލްވާގެ ހިތް އެ ފުރިހަމަ ސިފަތަކަށް ތައުރީފުކުރިއެވެ. އަލްވާ މަޑުމަޑުން އެ މޫނުގެ ބައްޓަމުގެ ވަށައިގެން ދުރުދުރުން އަތް ހިންގާލާފައިވެސް ކުރެވުނުޅުނު މޮޔަކަން ރޭކާ ލުމާއެކު ލަދުން މަރުވާވަރުވިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ އޭނަ މޮޔަވަނީބާވައެވެ.

ސުފިޔާން ގެ މޫނުމަތިން ހިނިތުންވުން ފިލާ އެ ނަޒަރުގައިވީ މޮޅިވެރިކަމެވެ.

"ކުރީ ދުވަހު....ބުކްސްޓޯރގައި ފޮތެއް ކިޔަން އިނީމެއްނު. ޝަހްނާޒް އާދަމްގެ؟ އޭނަގެ ފޭންއެއްތަ؟" އަލްވާގެ ހިތުގައި މިހާ ބޮޑު ޝަައުގެއް އުފެދުނު ޒުވާނާގެ މައުލޫމާތު ދެނެގަންނަން އޭނަ ބޭނުންވިއެވެ.

"އެއީ އަހަރެންގެ މަންމަ.." ސުފިޔާން ކުޑަކޮށް އަލްވާގެ މޫނަށް ބަލައިލީ އަލްވާއަށް ލިބުނު ސިހުމާއި މޫނަށް ވެރިވި ކުލަވަރ ދެކެލުމަށެވެ. ކަންތައްވީ އޭނަ ހީކުރިގޮތަށެވެ. އަލްވާ އިނީ ހައިރާންކަމެއްގައެވެ."މަންމަ އޮތީ ކޯމާއެއްގައި. އެތައް ދުވަހެއްކުރިން މަންމަ އެކްސިޑެންޓެއްވީ....."

"އޯ......" ސުފިޔާންގެ ހިތް ހަމަޖައްސައިދޭން ލަފުޒުތަކެއް އަލްވާގެ ސިކުނޑިއަކަށް ނުވަނެވެ. ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އަލްވާ ސުވާލުކުރިއެވެ." ހައު އާ ޔޫ ޑުއިން؟"

ސުފިޔާން ބޯއަރިކޮށްލީ އެ ސުވާލުގެ ޖަވާބާއިމެދު އަމިއްލައަށް ވިސްނާފަދައަކުންނެވެ."އަހަންނަށް ޔަގީނެއްނޫން..ގޭގައި އުޅޭއިރު ވިއާޑް. އެކަމަކުވެސް އަނެއްހެން ފައިން ޔޫ ނޯ...މޫވްއޮން ކުރަން ދަސްވާނެ. ކިތަންމެ ދަތިއުދަގޫކަމަކާއި ދިމާވިޔަސް އިންސާނުން އެކަމަށް ހޭނޭނެ. އެއްކަމުން އަނެއް ކަމަށް ނޫނީ އެއް ހާލަތުން އަނެއް ހާލަތަށް އިންސާނާ އަބަދުމެ ދަތުރުކުރާނެ. ކޮންމެވެސް ކަމެއް އުދަގޫކުރަންޏާ އެކަމުން ދުރުހެލިވެ އެހެން ދިމާލަކަށް ސިކުނޑި ގެންދަން އެހެން ކަމަކަށް ފޯކަސްކުރެވޭނެ. ބައެއްފަހަރު އިޓްސް ހެލްޕްފުލް..."

"އުމުރާއި ބަލާއިރު ވަރަށް ބުއްދިވެރި..."އަލްވާ އަޖައިބުވިއެވެ. ސުފިޔާންވެސް ކުޑަކޮށް ހީލިއެވެ.

"އަޅުގަނޑު ބުކްސްޓޯރއިން ރެސިޕީފޮތް ގެނެސް ޝަހްނާޒްގެ ބްރައުނީޒް އީދަށް ހެދީ....އަހް...މިއޮތީ ހަދިޔާއެއް.....އަޅުގަނޑު....އެ....އެންމެނަށް ބަހާ ނިމިގެން ބާކީ އޮތް އެއްޗެއް. ކޮންމެހެން ސުފިޔާންއަށްޓަކާ ތައްޔާރުކުރީއެއް ނޫން ވިއްޔަ..." އަލްވާ އާގަނެގަނެފައި އެކަން ފޮރުވަން ނުތަނަވަސް ހިނިގަނޑެއް ޖަހައިލިއެވެ. ދޮގު ބުނަންޏާ އެގޮތަށް އާގަނެފައި ނޫނީ ވާހަކައެއް ނުދެއްކޭނެއެވެ.

ބާކީ އޮތް އެއްޗެއް ދޭންވީމަ ސުފިޔާންގެ މަތިން ހަނދާންކުރިކަމަށްޓަކާ އޭނަ އަލްވާއަށް ޝުކުރު އަދާކުރިއެވެ. އެ ހިނިތުންވުމަކީ އަލްވާއަށްޓަކާ ހުރިހާ އެއްޗެއްކަމުގައިވިއެވެ. ބްރައުނީޒް ތައްޔާރުކުރުމުގައި އޭނަ ހޭދަކުރި ކޮންމެ ވަގުތެއް ބޭކާރު އެއްޗަކަށްނުވެ ދިޔައީއެވެ. އެވަގުތު ސުފިޔާން ކާރު މަޑުކޮށްލުމުން ސުވާލުގެ ނަޒަރަކުން ބަލައިލެވުނެވެ. މެންދުރުގެ އަވި ކުޑަަދޮރު ފުރާނާލާފައި ސުފިޔާންގެ އިސްތަށިގަނޑަށް އަލި އަޅުވައިލުމުން ފެނުނީ ވިދާ ރަންކުލައިގައެވެ. އަދި އެ އަޅި ދެލޯ ފެނުނީ އެހާ ސިހުރުވެރިކޮށެވެ. ސުފިޔާންގެ ސީރިޔަސް ނަޒަރުން ކަންބޮޑުވުމާއެކު އަލްވާ ބުމަ އަރުވައިލިއެވެ.

"ކިހިނެއްވީތަ؟"

ސުފިޔާން ފުން ނޭވާއެއް ދޫކޮށްލާފައި ދެއަތުން ހުންގާނުގައި ހިފަހައްޓައިގެން އިނީ ބާރަށެވެ."އަހަންނަށް ހީވަނީ މިވާހަކަ ތަންކޮޅެއް ކުރިން ބުނަން ޖެހޭހެން...."

"އަހަރެންގެ ފްރެންޑަށް ޝައުގު ހުރި ވާހަކަ؟"އަލްވާއަށް ބުނެވުނެވެ. ވައިގާ ހިފާފައިވާ ނުތަނަވަސްކަމާއެކު އޭނައަށް އިހުސާސްވީ ސުފިޔާން އޭނަ ދެރަވާފަދަ އެއްޗެއް ބުނަން އުޅޭކަމެވެ. އަލްވާ ސިހުނީ ސުފިޔާން ހޭންފެށުމުންނެވެ.

"އެއީއެއް ނޫން. އަހަރެން ޝައުގު ހުރިހެން ހީވީތަ؟"

"ހުރި...އަބަދުވެސް އޭނަގެ ވާހަކަ އަހަމެއްނު. އޭނަ ސިންގަލް. އެކަން އެނގެން ބޭނުމިއްޔާ. އޭނަ އިތުރަށް ދެނެގަންނަން ބޭނުމިއްޔާ އެހީތެރިވެދީފާނަން.."

"ދެން އަލްވާއަށް އެހެން ވުން އޯކޭތަ؟" ސުފިޔާން އެއް ބުމަ އަރުވައިލިއެވެ. އަލްވާ އަނގައިން ބުނުމެއްނެތި ބޭރަށް ބަލަން އިނީއެވެ.

"އަލްވާ. އަހަންނަށް ބަލައިލަބަލަ.."

"ކީއްވެ ތިހާ ސީރިޔަސްވީ؟ ހިނގާ ދަމާ. މަންމަ އިންތިޒާރުކުރާނެ. ގަޑިން ކިހާއިރެއް؟ މުޅިހެން ހަނދާންނެތިފައި ހުރެވުނީ. އަހަރެން ބޭނުން..........."

"އަލްވާ އަޑުއަހާބަލަ... އަލްވާއަށް އެންމެ ސަތާރަ އަހަރު. އެހެންނު؟"ސުފިޔާންގެ އަޑު ސީރިޔަސްވިޔަސް ހަމަހިމޭނެވެ. އެކަން އެނގުނީ ކިހިނެއްތޯ ސުވާލުކުރަން އުޅެފައިވެސް އަލްވާ ހިމޭންކަން ޚިޔާރުކުރިއެވެ.

"އަހަރެންގެ އުމުރުން ކިހާވަރެއްވާނެހެން ހީވޭ؟ ރަގަޅަށް ގެސްކުރަން ނޭގޭހެން ހީވާތީ........."

"ތިބުނީ؟" އަލްވާ ސުވާލުކުރިއެވެ.

"އަހަރެންގެ އުމުރަކީ އަށާވީސް...ދާދި އަވަހަށް ނަވާވީސް ފުރޭނެ..." ސުފިޔާންގެ އެ ޖުމްލައާއިއެކު އަލްވާ އިނގިލިތައް ގުނައިލިއެވެ. އޭނައަށްވުރެ ސުފިޔާން އެގާރަ އަހަރު ބޮޑެވެ. އޭނަ ސުފިޔާންގެ އުމުރު އަންދާޒާކުރީ ނުބައިކޮށެވެ.

"ދެން މައްސަލައަކީ ކޮބައިތަ؟ އަހަރެމެންނަށް އެކުވެރިންގޮތުގައި އުޅެވޭނެ ދޯ....." އަލްވާ ބުނެލިއެވެ.

"އާނ ޔަގީން..އަހަރެމެންނަށް އެކުވެރިންގޮތުގައި އުޅެވިދާނެ.." ސުފިޔާން ބޯ ޖަހައިލުމަށްފަހު އޭނަގެ ނަޒަރު ހުއްޓުނީ އަތުގައި އޮތް ޕާރުސަލަށެވެ. ފިޔާތޮށިކުލައިގެ ކަރުދާހުގައި ބަންދުކޮށްފައިވާއިރު އޭގެ ކަނުގައި "އަލްވާގެ ފަރާތުން" ޖަހާލާފައި ކުޑަ ހިތެއް ފެންނާން އިނީ ފަނޑުކޮށެވެ. އެ ކުރަހާފައި ފޮހެލީމަ އިންނާނީ އެފަދަ ގޮތަކަށެވެ.

އަލްވާ ގަހެއްގެ އެންމެ ކުރިއަށް ނަޒަރު ހުއްޓާލައިގެން އިންދާ ގޮފިކޮޅެއްގައި ދޫންޏެއް އައިގޮތަށް ޖައްސައިލިއެވެ. ވަޔާއެކު ގޮފިކޮޅު ނެއްޓިގެން ދިޔަ ވަގުތު ދޫނި ވެސް ވެއްޓިގެން ދިޔައެވެ. އޭނައަށް ޚިޔާލުކުރެވުނީ އެ ދޫންޏަކީ އޭނަ ކަމުގައެވެ. އޭނަވެސް ވެއްޓިގެން ދިޔައީ އެފަދައިންނެވެ. ޔަގީނުންވެސް އެ ވަގުތުކޮޅު އިހުސާސްވީ އެހާ ނުބައިގޮތަކަށެވެ. އެދެމީހުންނަށް ތިބެވޭނީ "ހަމައެކަނި އެކުވެރިން" ގެ ގޮތުގައިކަން ޔަގީންކޮށްދޭން ސުފިޔާން މާ ގިނަ ވަގުތެއް ނުނެގިއެވެ. މީހަކާއި ގަޔާވެ ރުހޭގޮތްވެއްޖެއްޔާ އުމުރު ބަލަން ޖެހޭހެއްޔެވެ؟ މިފަދަ ކަމަކަށް އާވެފައި ހިތުގައި މަޑު ރިހުމެއް އުފެދިއްޖެއެވެ. އަލްވާ ބަލަން އިންދާ ވެއްޓުނު ދޫނި ބޯ ހިއްލާލާފައި ފިޔަގަނޑު ތަޅާލުމަށްފަހު އުދެހުނުގޮތަށް މައްޗަށް އަރަމުންގޮސް ވިލާތަކުގެ ތެރެއަށް ވަދެ ނިވާވިއެވެ. ވީމަ އަލްވާއަށްވެސް އެގޮތަށް ދެވޭނެ ނޫންހެއްޔެވެ؟ އަދި އޭނަ ސުފިޔާންއަށް ލޯބި ހުށަހެޅީއެއްވެސް ނޫނެވެ. ދެރަވާންވީ އެއްވެސް ސަބަބެއް ނެތެވެ.

"އެއޮތް ދަނީ.........."އަލްވާ ލޯ ހަނިކޮށްލިއެވެ. އޭނަގެ ލޮލުގައި އަޅައިގަތީ ފުރޮޅުލީ ގޮނޑިއެއްގައި އިން އަންހެންކުއްޖެކެވެ. އެއީ ނަވޫދުގެ ކޮއްކޮއެވެ.

"ސުފިޔާން. އަހަރެން މިތަނަށް ފައިބާނީ. ރައިޑެއްދިނީތީ ޝުކުރިއްޔާ އެކުވެރިޔާ......." އަލްވާ އަވަހަށް ކާރުން ފޭބިއެވެ. އޭނަ ހަނދާނަށް އައީ ފުލުހުން ނަވޫދު ހައްޔަރުކުރިކަމާއި އޭނަގެ އެކުވެރިޔާ ލައިލް ގާތުގައި ކޮއްކޮ ބަލާދޭން އެދުނުކަމެވެ.

"އެކަމަކު މިތަނަށް.....ޔަގީންތަ؟" ސުފިޔާން އެހިއެވެ.

"ސީ ޔާ....." އަލްވާ ހިނިތުންވެލާފައިި އަތް ހޫރައިގަތެވެ. ސުފިޔާން ހިނިތުންވެލުމަށްފަހު ބިއްލޫރި މައްޗަށް އަރުވައިލަމުން ކާރު ދުއްވާލައިފިއެވެ. މަގަކުން ލަނބަލައިލަންދެން އޭނަ ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު މަޑު ދުވެއްޔެއްގައިގޮސް ނަވޫދުގެ ކޮއްކޮއާއި އަރާހަމަކުރިއެވެ. އެކުއްޖާ އެދަނީ އަމިއްލައަށް ގޮނޑި ދުއްވަމުންނެވެ. އެކަނިމާއެކަނި މިކުއްޖާ އުޅެނީ ކީއްވެހެއްޔެވެ؟ މައިންބަފައިން ކޮބާހެއްޔެވެ؟ އޭނައަށް ބޭބެ ހައްޔަރުކުރިކަން އެނގުނީހެއްޔެވެ؟ އަލްވާ ނަވޫދު ހައްޔަރުކުރި ތަންކޮޅާއިމެދު ވިސްނައިލިއެވެ. އެމީހުން ބުނިގޮތުން ނަވޫދު ހައްޔަރުކުރީ މީހަކު މަރައިލިކަމުގެ ތުހުމަތުގައެވެ. ކޮއްކޮއަކީ އެކަމާއި ބައިވެރިވި މީހެއްޔެވެ؟ އަލްވާގެ ގައިގާ ފިނި ރާޅެއް ދުވެލިއެވެ. އެކަމަކު އޭނަގެ މޮޔަކަމާއިމެދު މީހަކު ހައިރާނެއް ނުވާނެހެއްޔެވެ؟ ފުރޮޅުލީ ގޮނޑިއެއްގައި އިން ކުއްޖަކަށް މީހަކު މަރައިލެވިދާނެހެއްޔެވެ؟

"ހޭއި...."އަލްވާއަށް ނަމްރާ އަތުލެވުނުއިރު މައިނޭވާ ލެވިއްޖެއެވެ. އޭނަ އުޅުނީ އަލްވާއަށް އަތުނުވެ ބާރަށް ދާންކަމުގައި ވިޔަސް ނަމްރާއަށް ކާމިޔާބެއްނުވިއެވެ.

"ހޫ ދަ ހެލް އާ ޔޫ؟ އަހަރެންގެ ފަހަތުގައި އަޅުވައިގެން ތިއުޅެނީ ކީއްވެތަ؟" ނަމްރާ ކަޅިއަޅައިގަތެވެ.

"އަހަންނަކީ އަލްވާ. ނަވޫދުގެ އެކުވެރިއެއް. ތީ ކޮންކުއްޖެއް؟ ނަވޫދުގެ ކޮއްކޮތަ؟"

"އާނ..."ނަމްރާ މައިތިރިވާންފެށިއެވެ." އަހަންނަކީ ނަމްރާ..އަހަރެންގެ ބޭބެ ވީތަނެއް އެނގޭތަ؟ ގެއަށް އަންނަންވީމަ ނައިސް އެކަނިކޮށްލާފައި..."ނަމްރާއިނީ މޫނު ކުނިކޮށްލައިގެންނެވެ.

"އޭނަ ވީ ފުލުހުންގެ މަރުކަޒުގައި...." އެހެން ނުބުނެވުނުނަމައޭ ހިތަށް އެރީ އެލަފުޒުތައް ދުލުން ބޭރުވީމައެވެ. ނަމްރާ އަލްވާގެ އަތުގައި ހިފާ ދަމައިގަތްއިރު މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އިންތިހާއެވެ. މޮޔަވީހެންނެވެ. އޭނަ އެތަނަށް ގެންދިޔުމަށް އެދި އާދޭސްކުރަންފެށިއެވެ.

"މަޑުކޮށްބަލަ.މަޑުކޮށްބަލަ..."އަލްވާ ނަމްރާގެ އަތް ނައްޓުވަން މަސައްކަތްކުރިއިރު ނަމްރާގެ ނިޔަފަތިތައް އޭނަގެ ހަންގަނޑު ފޫއަޅުވާވަރުކޮށްލައިފިއެވެ.

"އަހަންނަށްވެސް ފުލުހުންގެ މަރުކަޒު ހުރިތަނެއް ނޭގޭ......." ނަމްރާ އިރުގަނޑެއްވާންދެން އަލްވާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ކުއްލިއަކަށް އަތުން ދޫކޮށްލައިފިއެވެ."ތީ ކުޑަކުއްޖެއްދޯ..."

"އަހަންނަކީ ކުޑަކުއްޖެއްނޫން. ބޮޑުމީހެއް. އަނެއްހެން ބުނަންޏާ ދާދި އަވަހަށް އަށާރައަހަރު ފުރޭނެ. އެންމެންވެސް މިއަދު އުމުރުގެ ވާހަކަ މިދައްކަނީ ކީއްވެތަ؟"އަލްވާ ކުއްލިއަކަށް އަތް އެއްލަމުން ވާހަކަދެއްކިއިރު ނަމްރާ ބަލަން އިނީ އޭނަގެ ކުރިމަތިން ތަމްސީލުވަމުން ދިޔަި ޅަ މޮޔަ ހަރަކާތްތަކާއި އެއްވެސް ވަރަކަށް ގަޔާވުމެއްނެތިއެވެ. އަލްވާ ނަމްރާ ގާތުގައި ފުލުހުން ނަވޫދު ހައްޔަރުކުރިއިރު ދެއްކި ވާހަކަތައް ކިޔާދިނެވެ.

" މިސް ސިލްވާއަކީ އެ ނުލަފާ މީހުން ފަހާ ދުވި އަންހެންކުއްޖާ. އެމީހުން އެކުއްޖާ މަރައިލިތަން އަހަރެން ދެކުނިން..." ނަމްރާ މަޑުމައިތިރި އަޑަކުން ބުނިއިރު ރާގުހުރިގޮތުން އަލްވާ ބިރުވެސް ގަތެވެ.

"ގަބޫލެއް ނުކުރަންތަ؟ އަހަރެންގެ ބޭބެ ފަހަރެއްގައިވެސް މީހަކު މަރައެއްނުލާނެ. އޭނައަކީ މީހުން މަރާ މީހެއްނޫން...." ނަމްރާގެ އަޑުގަދަވިއެވެ. އަލްވާ އެ ކަށިގަނޑެއްފަދަ އަންހެންކުއްޖާއަށް ބަލައިލިއެވެ. އެހާ ކުޑަވެފައި ނާޒުކްއެވެ. އެކަމަކު އޭގެ ކުރިން ނުދެކޭފަދަ ރުޅިއަކާއި އިދިކީލަކަމެއް އެކުއްޖާގެ ފަރާތުން ފެނުނެވެ. ނަމްރާ އޭނަގެ ބޭބެއާއި އަޅާލާވަރު ސާބިތުކޮށްދިނެވެ. ނަމްރާގެ ލޯ ތެމެމުން ދިޔައެވެ.

"އަހަރެން ނަވޫދު ކައިރިއަށް ގެންދެބަލަ. އަހަންނަށް އެހީތެރިވެވިދާނެ. އަހަންނަށް އެ މަންޒަރު ފެނުނު. އަހަރެން ކުޑަދޮރުން ބޭރަށް ބަލަން ހުއްޓާ އެ ހާދިސާ ހިނގީ............"

"ޕްލީޒް. އާދޭސްކޮށްފައި މިބުނީ......"

އަލްވާ ފުން ނޭވާއެއްދޫކޮށްލިއެވެ. އޭނައަށް މި ވަދެވުނީ ކޮންފަދަ އުދަގޫ ހާލަތެއްގެ ތެރެއަށްހެއްޔެވެ؟

"އެންމެ ރަގަޅު. އެހެންވިއްޔާ ބޭބެއަށް އެހީވާން ދަމާ.." އަލްވާ ބުނެލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު