ހަމަލާގެ ޝަރީއަތްތައް އޮބްޒާވް ކުރުމުގެ ފުރުސަތު ރައީސް ނަޝީދުގެ ވަކީލުންނަށް ދީފި

ކްރިމިނަލް ކޯޓު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ ވަކީލުންނަށް ދީފިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިންނަވާ ވަކީލު އަޙްމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަށް އެދިފައިވާއިރު މިއަދު ކްރިމިނަލް ކޯޓުން އެ ހުއްދަ ދީފައިވާކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލަށް ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން ފޮނުއްވި ސިޓީގައި ވަނީ ކަމާގުޅޭ ޝަރީއަތްތަކުގެ އަޑުއެހުންތައް އޮބްޒާވް ކުރުމަށް އެމަނިކުފާނުގެ ހަތަރު ވަކީލުންގެ ތެރެއިން މަދުވެގެން ދެ ވަކީލަކަށް ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން 10 މީހެއްގެ ޝަރީއަތް ކުރިއަށް ދާއިރު، އެ އަޑުއެހުންތައް ބާއްވާ ތާރީޚުތަކާ ކަމާގުޅޭ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވެސް ސިޓީގައި އެދިފައިވެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމްގެ އިތުރުން އެ މައްސަލާގައި ދައުވާކޮށްފައި ވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްއާއި ދަފްތަރު 6231 ޙަސަން ޔާސީން އާއި ހުޅުމާލެ 07-3-56، މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަޙުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް