މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލާގައި މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފި

ވިލިމާލެ ހޮސްޕިޓަލް: އެ ހޮސްޕިޓަލްގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ޖެހި މައްސަލައެއް ވަނީ ފެންމަތިވެފައި -- ފޮޓޯ/ ވިލިމާލެ ހޮސްޕިޓަލް ފޭސްބުކް ޕޭޖް

ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދިން މައްސަލާގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ''ސަން''އަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ހިންގާ ވިލިމާލެ ހޮސްޕިޓަލުން އެ މައްސަލައާ ގުޅުން ހުރި މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަސްޕެންޑުކުރީ ކިތައް މުއައްޒަފުންކަން އަދި ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ވެކްސިންގެ މައްސަލައާ ގުޅިގެން ވިލިމާލޭގައި ވެކްސިން ޖެހުން ހުއްޓާލާފައިވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބަލަމުން ދާކަމަށް ބުނެފައެވެ.

އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައީ ވިލިމާލޭ ދާއިރާގެ މެންބަރު އަޙުމަދު އުޝާމްއެވެ.

އުޝާމް ކުރެއްވި ޓުވީޓެއްގައި ވަނީ ވިލިމާލޭ ހޮސްޕިޓަލުގައި ދުވަސް ހަމަވެފައިވާ ވެކްސިނެއް ކުޑަކުދިންތަކަކަށް ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން އޭނާއަށް ލިބިފައިވާ ކަމަށެވެ.

އުޝާމް ހިއްސާކުރެއްވި ފޮޓޯއިން ފެންނަ ފުޅީގައި ވެކްސިން އުފެއްދި ތާރީޚުގެ ގޮތުގައި އޮތީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. މުއްދަތު ހަމަވާ ތާރީޚަކަށް އޮތީ މި އަހަރުގެ ޖެނުއަރީ މަހެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަން އެ ފޮޓޯއިން ސާފެއް ނުވެއެވެ.

comment ކޮމެންޓް