ރައީސް ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވި ކަމަށް ތުހުމަތުވާތީ މައްސަލަ ބަލަނީ

ރައީސް ޔާމީން ވަހަކަ ދައްކަވަނީ--- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަނޑިޔާރަކަށް އިންޒާރު ދެއްވި މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ އެފަދަ މައްސަލައެއް ތަހުގީގުކޮށްދިނުމަށް އެދި ޖޭއެސްސީން ސިޓީއެއް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން ދާކަމަށެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެއްވެސް ޕްލެޓްޓްފޯމެއްގައި ފަނޑިޔާރަކަށް އިންޒާރު ދީފި ނަމަ ނުވަތަ ފަނޑިޔާރަކަށް އަމާޒުކޮށް އެ ފަނޑިޔާރަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ވާހަކައެއް ދައްކައިފިނަމަ އެ މައްސަލަ ގަވައިދުގެ މަތިން ފުލުހުންނަށް ހުށަހަޅާ ކަމަށެވެ. އެގޮތުން ފާއިތުވި ހަފްތާގެ ކުރީ ހަފްތާގައި ރައީސް ޔާމީނާ ބެހޭ ގޮތުން އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލަ ހުށަހެޅީ، ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަންގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށް ބެލެވެއެވެ.

މިމަހުގެ 10ގައި ބޭއްވި އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އެ މަގާމަށް އައްޔަންކުރެވުނު ގޮތާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އަލީ ރަޝީދު ފަނޑިޔާރު ކަމަށް އައްޔަން ކުރީ ބަޔަކު އެދުނު ގޮތަކަށް ކަންތައް ކުރެއްވުމުންނާއި ރައީސް ޔާމީނަށް ހުކުމް ކުރަން ކެރުމުގެ ސަބަބުން ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދަަށް އެ މަގާމުގައި ނުހުރެވޭނެކަން އެމަނިކުފާނު ވެސް ގަބޫލުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ފަނޑިޔާރު އަލީ ރަޝީދު ޖަލަށް ލާން، ޖަލުތައް ބޮޑުކުރަން ޖެހޭ ކަމަށް ދޭހަވާ މޭރުމަކުން ވެސް ރައީސް ޔާމީން ވާހަކަދެއްކެވިއެެވެ.

comment ކޮމެންޓް