ސްރީލަންކާގައި ނުވަ އަހަރުގެ ކުއްޖަކު މަރާލާފައި އޮއްވައި ފެނިއްޖެ

އުމުރުން ނުވަ އަހަރުގެ ފާތިމާ އައިޝާ -- ފޮޓޯ/ ޓްވިޓާ

ސްރީލަންކާގައި ގެއްލިގެން ހޯދަމުން ދިޔަ ނުވަ އަހަރުގެ އަންހެން ކުއްޖަކު މަރާލާފައި އޮއްވައި ފެނިއްޖެއެެވެ.

ލަންކާގެ ބަންޑަރަގަމާގެ އަޓުލުގަމާ ސަރަހައްދުން ފާތިމާ އައިޝާ ނަމަކަށް ކިޔާ އެ ކުއްޖާ ގެއްލުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 10:15ހާ އިރު، އޭނާގެ ގެއާ 200 މީޓަރު ދުރުގައި ހުންނަ ފިހާރައަކަށް ދިޔަ ފަހުންނެވެ.

ކުކުޅު ގަންނަން ބޭރަށްދިޔަ އައިޝާ ގެއަށް ނައިސް ލަސްވުމުން އޭނާގެ މަންމަ އެ މައްސަލަ ބަންޑަރަގަމާގެ ޕޮލިސްޓޭޝަނަށް ހުށަހެޅިއެވެ. އައިޝާގެ މަންމަ މައްސަލަ ހުށަހެޅުމާއެކު ފުލުހުންގެ ޓީމުތަކުން ކުއްޖާ ހޯދަން ފެށިއެވެ.

ލަންކާގެ ފުލުހުން އިއްޔެ ބުނީ އައިޝާ ހޯދަމުން ދަނިކޮށް އެ ކުއްޖާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެގޮތުން ކުއްޖާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުގައި ހުރި ދަނޑެއް ކައިރިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ގިނަ ބަޔެއްގެ ބަޔާން ނަގާފައެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅިގެން އައިޝާގެ ބައްޕައާ ވެސް ސުވާލުކުރަމުންދާކަމަށް ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވެފައިވެއެވެ.

އައިޝާގެ މަރާ ގުޅިގެން، ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ އައިޝާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

ގޮތަބަޔާ ކުރެއްވި ޓްވީޓުގައި ވަނީ އެ މައްސަލައަށް އިންސާފު ހޯދައި ދިނުން އަވަސް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

comment ކޮމެންޓް